02 ޖޫން 2018 - 17:26

ރާއްޖޭގައި ގަވާއިދާ ޚިލާފަށް 40،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށާއި ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރަން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ހަރުކަށި ސިޔާސަތަކަށް އަމަލުކުރަން ނިންމައި އެ ސިޔާސަތު މިއަދު ހާމަކުރައްވައިފި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ 40،000 އަށް ވުރެ ގިނަ ބިދޭސީން އޭނާގެ ވެރިކަމެއްގައި އަލުން ރަޖިސްޓަރީ ވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ ބުރުގައި ރަޖިސްޓަރީ ނުކުރާ ހުރިހާ ބިދޭސީން އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ހުރިހާ ވިޔަފާރި އަކާއި ގުރޫޕް މަސައްކަތްތައް ހުއްޓުވައި އަނބުރާ ދިވެހިންނަށް ހޯދައި ދޭނެ ކަމަށެވެ.
"މިހާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ތިބުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް. މިކަން ހައްލު ނުކޮށް ލަސްކޮށްފި ނަމަ، މީގެ އަހަރުތަކެއް ފަހުން މިއީ ބޮޑު ނަސްލީ މައްސަލަ އަކަށް ބަދަލުވެގެން ހިނގައިދާނެ. ދިވެހި ނަސްލު އޮޅިގެން ހިނގައިދާނެ،" އުމަރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ.
- ގަވާއިދާ ޚިލާފަށް އުޅޭ 40،000 އަށް ވުރެ ގިނަ ބިދޭސީން އަލުން ރަޖިސްޓަރީ ކުރަންޖެހޭ. އަލުން ރަޖިސްޓަރީ ނުކުރާ އެންމެން އަނބުރާ ފޮނުވާލާނެ.
- ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ.
- މާލެ، ހުޅުމާލެ، ވިލިމާލޭގައި އުޅޭ ބިދޭސީންނަށް ޚާއްސަ ޓައުނެއްގެ ގޮތުގައި ގުޅީފަޅު ހަދާނެ.
- އިމިގްރޭޝަންގެ ހަމައެކަނި ދައުރަކީ ބިދޭސީންނަށް ވިސާ ދިނުމާއި ވިސާ ކެންސަލް ކުރުން. ބިދޭސީންނަށް ކޯޓާ ކަނޑައަޅައި ކޯޓާ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން. ބިދޭސީން އެތެރެކުރުމުގެ ޒިންމާ ނަގާނީ ރެކްރޫޓިން އެޖެންސީތަކުން.
- ބިދޭސީން ގެނައުން އޮންލައިން ސިސްޓަމަކަށް ބަދަލުކުރާނެ.
- ބިދޭސީން ގެންނަން ސަރުކާރަށް ދައްކާ ޑިޕޮޒިޓް ފައިސާ، އެ ބިދޭސީ އަކު ފުރާތާ 72 ގަޑިއިރުގެ ތެރޭގައި އަނބުރާ ދޭނެ. ބިދޭސީންގެ ވިސާ ފީ އަށް ލިބޭ ފައިސާ ޚަރަދު ކުރާނީ ރާއްޖޭގެ އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް.
- ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ފޮނުވާލުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭ ވަކި ޔުނިޓެއް އުފައްދާނެ. ގަވާއިދާ ޚިލާފށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތް އުމަރުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެ.
- އުމަރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެ ތެރޭގައި ހައްލުކުރުން.
އުމަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ މަސައްކަތްތަކަށް ކޮންމެހެން ގެންނަން ޖެހޭ ބިދޭސީންނަށް އޭނާގެ ވެރިކަމެއްގައި އެެއްވެސް ހުރަހެއް ނޯންނާނެ އެވެ.
"އެކަމަކު، ގެނެވޭ ބިދޭސީންނަކީ މަސައްކަތް ކޮށް ނިންމާފައި އެނބުރި އެ މީހުންގެ ގައުމަށް ދާންޖެހޭ ބައެއް ކަން އަޅުގަނޑު ކަށަވަރު ކުރާނަން. އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެ މީހުންނަށް ނޫޅެވޭނެ ކަން ވެސް އަޅުގަނޑު ކަށަވަރު ކުރާނަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެންމެ ގިނަ ބިދޭސީން އުޅެނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށް ވާއިރު، އެ މީހުންނަށް ޚާއްސަ ޓައުނެއްގެ ގޮތުގައި ގުޅީފަޅު ހަދާނެ ކަމަށެވެ. އޭގެ ބޭނުމަކީ ބިދޭސީން މާލެ އަށް ތޮއްޖެހޭ މައްސަލަ އަށް ހައްލެއް ހޯދުން ކަމަށް އުމަރު ވިދާޅުވި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން އުމަރު ނެރުއްވި ސިޔާސަތުގައި އިމިގްރޭޝަނަށް ވެސް ފޯކަސް ކުރައްވާފައިވެ އެވެ. އެގޮތުން އިމިގްރޭޝަންގެ ދައުރަކީ ހަމައެކަނި ވިސާ ދިނުމާއި ވިސާ ކެންސަލް ކުރުމަށް ހެދުމަށް އުމަރު ވަނީ ނިންމަވައިފަ އެވެ. އުމަރުގެ ވެރިކަމެއްގައި ބިދޭސީންނަށް ކޯޓާ ކަނޑައެޅުމާއި ކޯޓާ ދޫކުރުމުގެ ޒިންމާ ނަގާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. ކޯޓާތަކަށް ބިދޭސީން އެތެރެކުރުމުގެ ޒިންމާ ނަގާނީ ރެކްރޫޓިން އެޖެންސީތަކުންނެވެ.
އުމަރު ވިދާޅުވީ، ބިދޭސީން ގެންނަ ރެކްރޫޓިން އެޖެންސީތަކާއި ސްޕޮންސަރުން ވެސް ޒިންމާދާރު ކުރުވާނެ ކަމަށެވެ.
"އަދި ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަށްޓަކައި މުޅި ނިޒާމް އޮންލައިން ނިޒާމަކަށް ބަދަލުކުރާނަން. ބިދޭސީން ގެނައުމަށް ސަރުކާރަށް ދައްކާ ޑިޕޮޒިޓް ފައިސާ ބިދޭސީ މީހާ ފުރާތާ 72 ގަޑިއިރުގެ ތެރޭގައި ސަރުކާރުން އަނބުރާ ދޭނެ. ބިދޭސީންގެ ވިސާ ފީ އަށް ލިބޭ ފައިސާ ޚަރަދު ކުރާނީ ރާއްޖޭގެ އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ ސިޔާސަތަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ފޮނުވާލުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭ ވަކި ޔުނިޓެއް އުފެއްދުމެވެ. އަދި އެ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތް އުމަރުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
އުމަރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމެވެ.
"ސާޅީސް ހާސް ބިދޭސީން ގަވާއިދާ ޚިލާފަށް ރާއްޖެ އަށް އެތެރެވީ، އިއްޔެ އަކު މިއަދަކު ނޫން. މިއީ ކޮރަޕްޝަން އެކުލެވޭ ވަރަށް ޒަމާންވީ މައްސަލައެއް. އަދި އެއްވެސް ސަރުކާރަކަށް ހަމަޖައްސައި ނުދެވުނު މައްސަލައެއް. މި މައްސަލަ އަޅުގަނޑު ހައްލު ކުރާނަން،" އުމަރު ވިދާޅުވި އެވެ.