ސާފުތާހިރުކަން ހިމެނެނީ އީމާންކަމުގެ ތެރެއިން
ސާފުތާހިރުކަން ހިމެނެނީ އީމާންކަމުގެ ތެރެއިން

ސާފުތާހިރު ކަމަކީ އިސްލާމް ދީނުގެ މައިގަނޑު ތިން ބައި ކަމުގައިވާ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މުސްލިމެއްގެ އީމާންކަމާއި އަޅުކަމާއި އަޚުލާޤު ފުރިހަމަ ކުރެވޭނީ ސާފު ތާހިރު މީހަކަށް ވެސް ވެގެންނެވެ. މި ސާފުތާހިރުކަމުގެ ތެރޭގައި އިންސާނާގެ ޝަޚުސީ ސާފު ތާހިރު ކަމުގެ އިތުރަށް އާންމު ސާފު ތާހިރުކަން ވެސް ހިމެނެ އެވެ. ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ "ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." (އަޙްމަދާއި މުސްލިމް). އަދި ސާފުކަން (ނަޡާފަތު) އެއީ އީމާންކަމުގެ ތެރެއިން ވާ ކަމެއްކަން އެހެން ހަދީސެއްގައި ބަޔާން ކުރައްވާފައި ވެއެވެ. ވީމާ މީހެއްގެ އީމާންކަން ފުރިހަމަ ވާން އޮތީ ސާފުތާހިރު ވެގެންނެވެ.

އިސްލާމީ ޝަރީއަތަށް ނަޒަރު ހިންގައިލާއިރު އަޅުކަންތަކުގެ ބައިގައި އަންނަ އެންމެ ފުރަތަމަ ބާބަކީ ތަހާރަތުގެ ބާބެވެ. މި ޠަހާރަތުގެ ތެރޭގައި އިންސާނާގެ ނަފްސުގައިވާ އެންމެހާ ނުބައި ކަންކަމުން ނަފްސު ސަލާމަތް ކުރުމަށް ބޭނުންވާ މަޢުނަވީ ޠަހާރަތާއި، ހަދަސުން ތާހިރުވުމަށް ނުވަތަ ނަޖިސް ފިލުވާލުމަށް ބޭނުންވާ ހިއްސީ ޠަހާރަތު ހިމެނެ އެވެ. މީގެ ތެރެއިން މަޢުނަވީ ޠަހާރަތު ހާސިލު ކުރެވޭނީ އިންސާނާގެ ޢަޤީދާއާއި ޢަމަލުތަކާއި އަޚްލާޤު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބައްޓަން ކޮށްގެންނެވެ. ހިއްސީ ޠަހާރަތު ހާސިލު ކުރެވޭނީ ހަދަސް ވެރިވުމުން ހަދަސް އެރިގަނެގެންނާއި ނަޖިސްވުމުން ނަޖިސް ފިލުވާލައިގެންނެވެ.

އިސްލާމީ ފިޤުހުގައި ހަދަސް އެރެގަތުމަށް ކިޔަނީ ހުކުމިއްޔަ ޠަހާރަތެވެ. ނަޖިސް ފިލުވުމަށް ކިޔަނީ ޢައިނިއްޔަ ޠަހާރަތެވެ. މީގެ އިތުރުން މިދެކަންތަކުގެ މާނައިގައި (މިސާލަކަށް ތަޔައްމުމު ކުރުން) ނުވަތަ ސޫރައިގައިވާ ކަންކަން (މިސާލަކަށް ސުންނަތް ހިނެއިމާއި ސުންނަތް ވުޟޫ ފަދަ ކަންކަން) ވެސް ޠަހާރަތުގެ ތެރޭގައި ހިމެނެ އެވެ.

ނަމާދާއި އެނޫން ވެސް ބައެއް އަޅުކަންތައް ކުރުމަށްޓަކައި ތަހާރަތަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ނަމާދަކީ ސުވަރުގެ ވަނުމުގެ ތަނޅުދަނޑި ކަމަށް ވީހިނދު ޠަހާރަތަކީ ނަމާދުގެ ތަޅުދަނޑިއެވެ. އެހެންވެ ސާފުޠާހިރު މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވައެވެ. (އައްތައުބާ 801، އަދި އަލްބަޤަރާ 222)

ހަދަސްވެރިވެގެން ހަދަސް އެރެގަތުމާއި، ނަޖިސްވެގެން ނަޖިސްފިލުވާލުން މިއީ އިސްލާމް ދީނުގެ ޝަރީއަތުގެ ބައިގައި ހިމެނޭ އަދި މުސްލިމުންގެ މައްޗަށް ލާޒިމު ކުރައްވާފައިވާ ކަންކަމެވެ. މި ކަންކަމުގެ އިތުރުން ޝަރީއަތުގެ ބައެއްގެ ގޮތުގައި ނުވަތަ އަޚުލާގުގެ ތެރެއިން ހިމެނިގެންވާ ކަންކަމުގެ ގޮތުގައި ސާފު ތާހިރުކަމުގެ ވަރަށް ގިނަ ކަންކަމަށް ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިރުޝާދު ދެއްވާފައި ވެ އެވެ.

މި ދެންނެވި ސާފު ތާހިރުކަމުގެ އެއް ބަޔަކީ ޝަޚުސީ ސާފު ތާހިރު ކަމެވެ. އެބަހީ އިންސާނާގެ ހަށިގަނޑާއި ފޭރާން ސާފު ތާހިރުކޮށް ބެހެއްޓުމެވެ. މިގޮތުން ކޮންމެ ހުކުރު ދުވަހަކު ހިނައިގަތުން އެއީ ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި ލައްވާފައި ވެއެވެ. ދަތް އުނގުޅުން އެއީ މުސްތަޙައްބު ކަމެއް ކަމުގައި ހިމަނުއްވާފައި ވެއެވެ. އިސްތަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަށް އަންގަވާފައި ވެއެވެ.

މީގެ އިތުރުން ފިޠުރަތުގެ ސުންނަތްތަކުގެ ގޮތުގައި ދަތް އުނގުޅުމުގެ އިތުރުން ނިޔަފަތި ކެނޑުމާއި، މަތިމަސް ކުރު ކުރުމާއި، ތުނބުޅި (ރީތިކޮށް) ބެހެއްޓުމާއި، ކިހިލިފަތުން އިސްތަށި އުފުރުން (ނުވަތަ ބޭލުމާއި)، ފޮރުވަންޖެހޭ ގުނަވަންތަކުގެ ވަށައިގެންވާ އިސްތަށި ބޭލުން ހިމެނެއެވެ. ޝަޚުޞީ ސާފު ތާހިރު ކަމަށް އިސްލާމް ދީން ބާރުއަޅާ ފަދައިން އާންމު ސާފުތާހިރު ކަމަށް ވެސް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

މި ގޮތުން އެންމެ ފުރަތަމަ ކަމަކަށް މިސްކިތްތައް ސާފުތާހިރު ކޮށް ބޭއްވުމަށް އިރުޝާދު ދެއްވަ އެވެ. މިގޮތުން ޠަވާފު ކުރާ މީހުންނާއި އަޅުކަން ކުރަން ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށްޓަކައި ﷲގެ ގެފުޅު ޠާހިރު ކުރެއްވުމަށް އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ﷲ އަމުރު ކުރެއްވެވި އެވެ. (އަލްބަޤަރާ 125). މިސްކިތް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާ މީހުންނަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގަދަރު ކުރައްވަވާކަން ހަދީސުން ސާބިތުވެ އެވެ.

މިގޮތުން މިފަދަ މީހަކު ނިޔާވި ކަން އެކަލޭގެފާނަށް ކުރިން އެނގިވަޑައި ނުގަނެ އޮތުމުން އެކަމާ ދެރަފުޅުވެ އޭނާގެ ޤަބުރު ކައިރި އަށް ވަޑައިގެން ކަށު ނަމާދު ކުރެއްވެވި އެވެ. އެކަލޭގެފާނު ބަޔާން ކުރައްވާ ގޮތުގައި މިސްކިތަށް ކުޅު ޖެހުމަކީ ފާފައެކެވެ. މިކަމުގެ ކައްފާރާއެއްގެ ގޮތުގައި އެ ކުޅަށް ފަސްއަޅައި ފޮރުވަން ޖެހެ އެވެ. މި ޒަމާނުގައި ނަމަ މި ހަދީސް ތަންފީޒު ކުރުމަށްޓަކައި އެ ކުޅު ޖެހި ތަނެއް ސާފު ކުރަން ޖެހޭނެ އެވެ. ކުޅަކީ އޭގެ ޒާތުގައި ތާހިރު އެއްޗެއް ކަމަށް ވާއިރު ވެސް އެއިން ސާފު ތާހިރުވާން އިރުޝާދު ދެއްވާފައި ވުމުން އެނގިގެން ދަނީ މިސްކިތުގައި ނަޖިހެއް ނުވަތަ ނަޖިހެއް ކަމަށް ނުވިއަސް އެއްވެސް ބާވަތެއްގެ ހަޑިކަމެއް ހުރެއްޖެ ނަމަ އެ ފިލުވާލުން މާ އައުލާކަން ބޮޑުވެގެންވާނެ ކަމެވެ.

އާންމު ސާފުތާހިރު ކަމުގެ ދެ ވަނަ ކަމަކަށް އިސްލާމް ދީން ބާރު އަޅަނީ ދިރިއުޅޭ ގެދޮރު ސާފުތާހިރު ކޮށް ބޭއްވުމަށެވެ. ދިރިއުޅޭ ގެދޮރަކީ ވެސް އެ ތަނުގައި ނަމާދު ކުރަން ކޮންމެހެން ޖެހޭ ތަނަކަށް ވާހިނދު މިސްކިތްތައް ސާފު ތާހިރުކޮށް ބޭއްވުމަށް އޮންނަ އިރުޝާދުތަކުގެ ދަށުން ގެދޮރު ވެސް ސާފުތާހިރުކޮށް ބާއްވަން ޖެހެ އެވެ. މީގެ އިތުރުން ސީދާ މިކަމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައި ވެއެވެ.

ރަނގަޅުކަމާއި ސާފު ތާހިރުކަމާއި މާތްކަމާއި ދީލަތިކަން އެއީ ﷲގެ ސިފަފުޅުތަކުގެ ތެރެއިން ހިމެނޭ އަދި އެ ކަންކަމަށް ﷲ ލޯބިވެ ވޮޑިގަންނަވާ ކަންތައްތަކެއްކަން ބަޔާން ކުރެއްވުމަށް ފަހު ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ "ތިޔަބައިމީހުންގެ ގެދޮރު ސާފުތާހިރު ކުރާށޭ!" އެވެ. (އައްތިރުމިޛީ)

އާންމު ސާފުތާހިރު ކަމުގެ ތިން ވަނަ ކަމަކަށް އިސްލާމް ދީން ބާރު އަޅަނީ މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަން ސާފު ތާހިރު ކޮށް ބޭއްވުމަށެވެ. މިގޮތުން ފެންގަނޑުގަނޑާއި ހިނގާ މަގުތަކާއި ގަސްގަހުގެ ހިޔަލަށް ޤަޟާޙާޖާ ކުރުމުން ދުރުހެލިވާން އަމުރު ކުރައްވާފައި ވެއެވެ. (އަބޫ ދާއޫދު). އަދި އެފަދަ ތަންތަން ނަޖިސް ކުރުން އެއީ ލަޢުނަތް ލިބޭނެ ކަމެއް ކަމުގެ އިޝާރާތް ވެސް ކުރައްވާފައި ވެ އެވެ. (އަޙްމަދާއި މުސްލިމް)

މަގުމަތީގައި މީހުންނަށް އެއިން އުނދަގުލެއް ފޯރާނެ ކޮންމެ އެއްޗެއް އެއްކައިރި ކޮށްލުން ކީރިތި ރަސޫލާ ހިމަނުއްވާފައި ވަނީ އީމާންކަމުގެ ބައިކުޅަ ބައެއްގެ ގޮތުގައެވެ. އެހެން ހަދީސެއްގައި ވާ ގޮތުން އެކަމަކީ ކުރެވޭ ސަދަގާތެކެވެ. (ބުޚާރީ އާއި މުސްލިމް). އަދި އެހެން ހަދީސަކުން އެނގޭ ގޮތުގައި އެފަދަ ކަމެއް ކުރާ މީހަކު އެކަން ކުރުމަށް ފަހު ﷲ އަށް ޝުކުރު ކޮށްފި ނަމަ އޭނާގެ ފާފަތައް ފުއްސަވާނެތެވެ. (ބުޚާރީ)

މަގުތަކާއި މީހުން އެއްވާ ތަންތަން ސާފުތާހިރު ކޮށް ބޭއްވުމަށް އިސްލާމް ދީން ބާރުއަޅާފައި ވުމުން މަސައްކަތްތައް ކުރުމަށާއި ކިޔަވައިދިނުން ފަދަ ކަންކަމަށް ޚާއްސަ ކޮށްފައި ހުންނަ ހުރިހާ ތަންތަނެއް ވެސް ސާފު ތާހިރުކޮށް ބާއްވަން ޖެހެ އެވެ. އެއްވެސް ބާވަތެއްގެ ނަޖިހެއް މިފަދަ ތަނެއްގައި ހުރެއްޖެ ނަމަ އެ ފިލުވާލުން އެއީ ހަމަ ކޮންމެހެން ލާޒިމު ވެގެންވާ ކަމެކެވެ.

މިގޮތުން މިފަދަ ތަންތަނުގައި ހުންނަ ފާޚާނާތަކުގައި ނަޖިހުގެ އެއްވެސް އަސަރެއް ފެންނަން ހުރެގެން ނުވާނެ އެވެ. އަދި އެތަންތަން ރީތިކޮށް ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން ހިނގަން އޮންނަ ބައިތަކާއި ހޯލުތަކާއި މަސައްކަތް ކުރާ ތަފާތު ކޮޓަރިތަކުގައި މީހަކަށް އެއިން އުނދަގުލެއް ފޯރާނެ ފަދަ އެއްވެސް ނުސާފު ކަމެއް ހުރި ނަމަ އެ ފިލުވާލުން އެއީ ރިވެތި އަޚުލާގުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކުރެވޭ ސަދަގާތެކެވެ. އަދި މިފަދަ ތަންތަން ގޮނޑުތަކެއް ފަދައިން ހެދުމަށް އެހީ ވުމަކީ ލައުނަތް ލިބޭނެ ކަމެކެވެ.

ވީމާ އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ދޭ އަހަންމިއްޔަތު ދެނެގަނެ ތިމާގެ އަމިއްލަ ހަށިގަނޑާއި ފޭރާން ސާފުތާހިރުކޮށް ބަހައްޓާ ފަދައިން އާންމު ތަންތަން ވެސް ސާފުތާހިރު ކޮށް ބޭއްވުމަށް ހަމަ ކޮންމެ މުސްލިމަކުވެސް ސަމާލުވާން ޖެހޭނެ އެވެ.