ކުޑަ ކުއްޖަކު އެންމެންނަށް ނަމޫނާ ދައްކައިފި
ކުޑަ ކުއްޖަކު އެންމެންނަށް ނަމޫނާ ދައްކައިފި

އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އެ މީހުންނަށް އެހީވާން ޖެހޭނެ ވާހަކަ އަބަދު ވެސް މައިންބަފައިން އެ މީހުންގެ ދަރިންނަށް ހަނދާންކޮށް ދެ އެވެ. އެކަމަކު ސުވާލަކީ އެއާ އެއްގޮތަށް އަމަލު ކުރެވޭ ހެއްޔެވެ؟

އެމެރިކާގެ ޖޯޖިއާގައި އުޅޭ އެންމެ އަށް އަހަރުގެ ފިރިހެން ކުއްޖަކު މި ވަނީ އުމުރުން ދުވަސްވީ މީހަކަށް ވަރަށް ލޯތްބާއި އޯގާތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދީ، އެތައް ބަޔަކަށް ނަމޫނާ ދައްކުވައި ދީފަ އެވެ.

މައުރިސް އެޑަމް ޖޫނިއާ އެހީތެރިވި އުމުރުން ދުވަސްވީ އަންހެން މީހާއަކީ ރަނގަޅަަށް ހިނގޭ މީހެއް ނޫނެވެ. އެހެންވެ އޭނާ އެހީއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗާ އެކު ސިޑިއަކުން އަރަން އުޅުނު ހާލު ފެނިފައި، މައުރިސް ވަގުުތުން އަންހެން މީހާ އަށް އެހީވި އެވެ.

މިކަމެއް ހިނގީ މަންމަ އާއި އަންހެން ކޮއްކޮއާ އެކު ގްރެޖުއޭޝަން ނިންމާލައިފައި މައުރިސް ކާރުގައި ދަނިކޮށް އަންހެން މީހާ ސިޑިން އަރަން އުޅުނު ދަތި ހާލު ފެނިގެންނެވެ. އެހެންވެ މަންމަ ގާތު ބުނެގެން ވަގުތުން ކާރު ހުއްޓުވާފައި ގޮސް، އަންހެން މީހާ އަށް އެހީވީ އެވެ. މިކަމާ ގުޅިގެން އެ މީހާ މައުރިސްގެ ގައިގައި ބައްދާލައި، ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.

މައުރިސްގެ މި އޯގާތެރި އެހީ ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، އުމުރުން އެންމެ އަށް އަހަރުގެ ކުއްޖެއްގެ ފަރާތުން ފެނުނު ނަމޫނާ އަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

މި ވީޑިއޯއަކީ މައުރިސް ދުވަސްވީ މީހާ އަށް އެހީވާން އުޅުނު ތަން ފެނިގެން ރައިލީ ޑަންކެން ކިޔާ މީހަކު ނަގާފައި ފޭސްބުކްގައި ހިއްސާ ކުރި ވީޑިއޯއެކެވެ. އޭގެ ކެޕްޝަނަށް އޭނާ ބޭނުން ކުރީ "އަހަރެމެންގެ ޒުވާނުންނަކީ މިއީ" ކަމަށެވެ.

"މިއީ އަހަރެމެންގެ ކުޑަކުދިން ތަރުބިއްޔަތު ކުރަންވީ ގޮތަކީ. މައުރިސް މުސްކުޅި މީހާ އަށް އެހީވި މަންޒަރު ފެނުނު ވަގުތުކޮޅަކީ އަހަރެން މުޅިން ޖަޒުބާތީކޮށްލި ވަގުތުކޮޅެއް،" ރައިލީ ސީބީއެސް އަށް ބުންޏެވެ. "އަހަރެންގެ ހިތް އެ ކުއްޖާ އަށްޓަކައި ވަނީ ލޯބިން ފުރިފައި."

އޭނާ މިހާރު ބޭނުން ވަނީ މައުރިސްއާ ބައްދަލުކޮށް، ހަދިޔާއަކަށް 100 ޑޮލަރު ދޭށެވެ. ބޭނުމަކީ ހިތްވަރު ދިނުމެވެ.