ޒަޔާން ނުލާ ގައުމީ ބެޑްމިންޓަން ޓީމު މޮރިޝަސް މުބާރާތަށް
ޒަޔާން ނުލާ ގައުމީ ބެޑްމިންޓަން ޓީމު މޮރިޝަސް މުބާރާތަށް

މިދިޔަ އަހަރުގެ މޮރިޝަސް ބެޑްމިންޓަން ސީރީސް އިން ލޯ މެޑަލް ހޯދައި ތާރީހުގެ ތެރެއިން ޖާގަ ހޯދި ގައުމީ ބެޑްމިންޓަން ސިންގަލް ޗެމްޕިއަން ޒަޔާން ޒަކީ ނުހިމަނައި، ގައުމީ ޓީމުން މި އަހަރުގެ މޮރިޝަސް މުބާރާތަށް ދިއުމަށް ފުރައިފި އެވެ.

ޒަޔާން ނުލާ ގައުމީ ބެޑްމިންޓަން ޓީމު މޮރިޝަސް މުބާރާތަށް
ޒަޔާން ނުލާ ގައުމީ ބެޑްމިންޓަން ޓީމު މޮރިޝަސް މުބާރާތަށް

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ވެސް އަމާޒަކީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނި މެޑެއްޔަކާ ހަމައަށް ދިއުން ކަމަށާއި ސްކޮޑުގައި ތިބި ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތް ކަމަށެވެ.

މުހިއްމު ކުޅުންތެރިޔަކު ޓީމުގައި ނުހިމެނުމާ ބެހޭގޮތުން ސުވާލުކުރުމުން އެސޯސިއޭޝަނުގެ އޮފިޝަލަކު ބުނީ ޓީމު ނެގީ މާލޭގައި ކުރި ޕްރެކްޓިސްތަކުގެ ހާޒިރީ އަށް ބެލުމަށް ފަހު ކަމަށާއި ޓީމާ އެކު ނުދެވޭ ކުޅުންތެރިން ވެސް ތިބޭނެ ކަމަށެވެ.

"ވަކި ކުޅުންތެރިންތަކަކަށް ނޫން ބެލީ (ޓީމު ނެގުމުގައި). މިކޮޅުގައި ހެދި ޓްރެއިނިން އަށް ބެލީ،" އޮފިޝަލް ބުންޏެވެ.

ޒަޔާން ބުނީ މި މުބާރާތުން މިދިޔަ އަހަރު މެޑަލް ލިބިފައިވާތީ މި އަހަރު އެންމެ ބޮޑަށް ޓާގެޓްކުރީ ވެސް މި މުބާރާތް ކަމަށާއި ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ސްކޮޑުގައި ނުހިމެނުނަސް އިންޑިވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ހަރަދުގައި ދިއުމަށް އެންޓްރީ ހަދައިދޭން އެސޯސިއޭޝަނުގައި ހަތަރު ފަހަރެއްގެ މަތިން އެދުނު ކަމަށާއި އެކަމަކު ޖަވާބެއް ނުލިބުނު ކަމަށެވެ.

"އަޅުގަނޑުގެ އެކަޑަމީ ކޯޗު ވެސް މި މުބާރާތަށް ވަރަށް ބޮޑަށް ޓާގެޓްކޮށްގެން ހުރީ. ސަބަބަކީ މިދިޔަ އަހަރު މެޑަލް ލިބިފައިވާތީ މި އަހަރު ވެސް ރަނގަޅު ކާމިޔާބެއް ހޯދުމަށް. ބޭނުންވި އަމިއްލަ ހަރަދުގައި ވެސް ދާން. އެކަމަކު އެ ފުރުސަތެއް ނުލިބުނު،" ޒަޔާން ބުންޏެވެ.

މެލޭޝިއާގެ "އޭޝިއާ ބެޑްމިންޓަން އެކަޑަމީ" ގައި 2016 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތަމްރީންތައް ހަދަމުން އަންނާތީ މާލޭގައި ގައުމީ ޓީމުގެ ޕްރެކްޓިހުގައި އޭނާ އަށް ދިގު މުއްދަތަކަށް ބައިވެރިނުވެ އެވެ. އެކަމަކު އެތަނުގައި ހަދަމުން އަންނަ ތަމްރީންތަކާ އެކު ޒަޔާނަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ. އޭނާ ފަހަކަށް އައިސް ދުނިޔޭގެ ރޭންކިންގައި ހޯދި ކުރިއެރުންތަކުގެ ފަހަތުގައި ވެސް އޮތީ، ގައުމީ ޓީމުގެ ކުރީގެ ކޯޗު ޖީވާގެ ބެލުމުގެ ދަށުން މެލޭޝިއާގައި ހަދަމުން އަންނަ ތަމްރީންތަކެވެ. އަދި އޭނާ ވަނީ "މިހާރު އެވޯޑްސް" ގައި ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ދެ ވަނަ އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

ގައުމުން ބޭރުގައި ތަމްރީން ހެދިޔަސް ނުވަތަ ގައުމުން ބޭރުގައި ކުޅުނު ނަމަވެސް، އާއްމުކޮށް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެ ކުޅުންތެރިއަކަށް ގައުމީ ސްކޮޑުން ފުރުސަތު ލިބެ އެވެ. މެލޭޝިއާގައި ތަމްރީން ހެދި ނަމަވެސް މިހާތަނަށް ވެސް އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ލިބެމުންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާގެ ގޮތުގައި ހުރި ޒަޔާން މިދިޔަ އަހަރުގެ މޮރިޝަސް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދުމާ އެކު އޭނާ ވެގެން ދިޔައީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ސާކިޓް މުބާރާތަކުން މެޑަލް ހޯދި ދިވެހި ފުރަތަމަ އަދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާ އަށެވެ. މިކްސް ޑަބަލްގައި އޭނާގެ ޕާޓްނަރު ނަބާހާ އަބްދުލް ރައްޒާގް މި ފަހަރުގެ ސްކޮޑުގައި ހިމެނެ އެވެ.

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔަކަށް އަމާޒުކޮށްގެން ޒަޔާން ތަމްރީން ހަދަމުން އަންނައިރު، މޮރިޝަސް މުބާރާތް ގެއްލުމަކީ އޭނާ އަށް ލިބޭނެ ދެރައެކެވެ. ސަބަބަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮތީ މޮރިޝަސްގައި ކަމަށްވެފައި ވާދަކުރަން ޖެހޭ ކުޅުންތެރިން މޮރިޝަސް މުބާރާތުގައި ބައިވެރިވުމެވެ. އަދި ބައިނަލްއަގްވާމީ މުބާރާތެއް ގެއްލުމަކީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް އެޅިދާނެ ހުރަހެއް ކަމަށް ބެލެވެ އެވެ.

އެސޯސިއޭޝަނުން ވެސް މިފަދަ މުބާރާތްތަކުން ގައުމީ ޓީމަށް ފުރުސަތު ހޯދައިދެނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަމާޒުކޮށްގެންނެވެ. އަދި އޮލިމްޕިކްސް އަށް ދިވެހި ކުޅުންތެރިން ކޮލިފައިކުރުމަކީ ވެސް އެސޯސިއޭޝަނުގެ ޓާގެޓެއް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަށް ޕްލޭނެއް އެކުލަވާލައިގެން މިހާތަނަށް އައީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަހު 7 އިން 10 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް ދިޔަ ގައުމީ ސްކޮޑުގައި ހިމެނެނީ ހަތް ކުޅުންތެރިއެކެވެ. އެއީ މުހައްމަދު ސާރިމާއި މުހައްމަދު އަޖުފާނާއި އަހުމަދު ތޯއިފާއި ނިބާލް އަހުމަދުގެ އިތުރުން ދެބެން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ އަބްދުލް ރައްޒާގުގެ އަދި ޝަހުރުނާޒް މޫސާ އެވެ.