03 ޖޫން 2018 - 08:11

މަދޫރީ ޑިކްސިޓާ އެކު ކާމިޔާބު ފިލްމްތަކެއް ކުޅުނު ސަންޖޭ ދަތު، ވަރަށް ދުވަސްކޮށްފައި މަދޫރީއާ އެކު "ކަލަންކް" ގައި މަސައްކަތް ކުރަމުން އަންނަ އިރު، އޭނާއާ އެކު ހަމަ ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅުނު މަނީޝާ ކޮއިރަލާއާ އެކު ވެސް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މަނީޝާ އާއި ސަންޖޭ އެކުގައި ފެނިގެންދާ ފިލްމަކީ 2010 ގައި ރިލީޒް ކުރި ތެލެގޫ ކަލްޓް ކްލަސިިކް "ޕްރަސްތާނަމް" އަށް ބިނާކޮށް ހަމަ އެ ނަމުގައި ހަދާ ހިންދީ ފިލްމެވެ. ހުކުރު ދުވަހު ޝޫޓިން ފެށި މި ފިލްމްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސަންޖޭ ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
މަނީޝާ އާއި ސަންޖޭ އެންމެ ފަހުން އެކުގައި ފެނިފައި ވަނީ 2008 ގައި ރިލީޒް ކުރި "މެހެބޫބާ" އިންނެވެ. ދެ ތަރިން އެކުގައި ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ކާޓޫސް (1998) އަދި 2000 ގައި ރިލީޒް ކުރާ "ކޯފް އާއި "ބާގީ" ހިމެނެ އެވެ.
ސަންޖޭގެ އަމިއްލަ ފިލްމް ކުންފުނި ސަންޖޭ ދަތު ޕްރޮޑަކްޝަނުން އުފައްދާ "ޕްރަސްތާނަމް" އަށް މަނީޝާ ސޮއި ކުރި އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 15 ގައި ރިލީޒް ކުރާ ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީ" އިންނެވެ. އަދި މި މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭގެ ބައޮޕިކް "ސަންޖޫ" އިން ވެސް ހުނަރުވެރި ބަތަލާ ފެނިގެން ދާނެ އެވެ. މި ފލްމްގައި މަނީޝާ ކުޅެފައި ވަނީ ސަންޖޭގެ މަންމަ ނަރްގިސް ދަތުގެ ރޯލެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕްރަސްތާނަމް" ގައި މަނީޝާ އާއި ސަންޖޭ ފެނިގެން ދާނީ ދެމަފިރިންގެ ރޯލުންނެވެ. އަދި އެ މީހުންގެ ދަރިއެއްގެ ރޯލުން ޒުވާން އެކްޓަރު އަލީ ފަޒަލް ފެނިގެންދާ އިރު، އޭނާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދާނީ އަމީރާ ދާސްތޫރެވެ.
މި ފިލްމް ޑައިރެކްޓް ކުރަނީ އޮރިޖިނަލް ފިލްމް ވެސް ޑައިރެކްޓް ކުރި ދޭވާ ކައްޓާ އެވެ.
"ޕްރަސްތާނަމް" ގައި ކިޔައި ދެނީ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު، ދަރިން ވެސް ތިބި ހުވަފަތް އަންހެނަކާ ކައިވެނި ކުރުމުން އޭނާގެ ދޮންދަރިއަކާ ދެމެދު ހިނގާ ސިޔާސީ ކުޅިގަނޑެއްގެ ވާހަކަ އެވެ.