28 ޖުލައި 2016 - 07:15

ދެ މިސާލެއް ފާހަގަކޮށްލާނަމެވެ. އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުންގެ ލަފައާއެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަށް ސިވިލް ސާވިސް ގާނޫނަށް ސަރުކާރުގެ މެމްބަރަކު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ހުށަހެޅި އެވެ. އެއީ ވަރަށް ކުޑަކުޑަ އިބާރާތެއް ހިމެނޭ އިސްލާހެއް ނަމަވެސް މުޅި ސިވިލް ސާވިސް އަށް އަސަރު ކުރާނެ އިސްލާހެކެވެ. އެކަމަކު ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ޕާމަނަންޓް ސެކްރެޓަރީން ކޮމިޓީއަށް ހާޒިރުކޮށް، އެބޭފުޅުންގެ ވިސްނުން ހުރި ގޮތް ހަމައެކަނި ބަލާލަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވުމުން ވަގުތުން އެކަން ބޮލާލައި ޖެހި އެވެ. މިއީ ހަގީގަތުގައި ކުޑަކުޑަ ކަމެކެވެ. އެކަމަކު ސަރުކާރުން ބޭނުންވި ގޮތަށް އެ އިސްލާހު ކޮމިޓީން ފާސްކުރަން ނެގީ ގާތްގަނޑަކަށް 15 މިނިޓެވެ. މާ ބޮޑު ބަހުސެއް ނެތެވެ. ސަރުކާރުގެ މެމްބަރުންގެ ވިސްނުމަކީ ކޮމިޓީގައި ބޮޑު ބަހުސަކަށް ނުގޮސް އަވަހަށް ނިންމާލުމެވެ.

އަނެއް ކަމެވެ؛ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެތައް ނޫސްވެރިންނަކާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ގައުމުގެ އެތައް ބަޔަކު ކަންބޮޑުވާއިރު ވެސް، ސަރުކާރުގެ މެމްބަރުން ފުރަތަމަ ބޭނުންވީ، އެ ބިލް ހުށަހެޅި ގޮތަށް ފާސްކޮށް ނިންމައިލުމަށެވެ. ކަންބޮޑުވުން ފާޅުކުރާ ނޫސްވެރިންނާ ބައްދަލު ކުރަން ވެސް އެ ބިލް ހުށަހެޅުއްވި މެމްބަރު ބޭނުމެއް ނުވި އެވެ. މަޝްވަރާކޮށް، ބިލްގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް، އެކިއެކި ޕްރެޝަރުތަކާ ހެދި އެ ވިސްނުން ބައެއް މެމްބަރުން ވަނީ ބަދަލުކޮށްފަ އެވެ.

މި ބުނެވުނީ މިހާރުގެ ސަރުކާރަށް ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުގެ ބާރުގަދަ ކަމުގެ ވަރަށް ކުޑަކުޑަ ދެ މިސާލެވެ. މިއަށް ވުރެ ބޮޑެތި ކަންތައްތައް ވެސް މުޅި ގައުމަށް ގޮންޖަހާފައި މި މަޖިލިހުން ވަނީ ނިންމައިފަ އެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ބާރުގަދަ ކަމުގެ ވާހަކަ ދައްކައި ކޮޅުންލާކަށް ނެތެވެ. ސަރުކާރުން ހުށަހަޅާ ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ކަންކަން ފާސްކުރުމަކީ މިއަދު ރައްޔިތުންގެ މަޖިލިހުގައި އާންމު ކަމެކެވެ. މަޖިލިހުގެ 85 މެމްބަރުން ތިއްބަވާއިރު ސަރުކާރަށް ނިސްބަތްވާ 53 މެމްބަރުން ހިމެނުމަކީ ސަރުކާރުގެ ބާރުގަދަކަން ދައްކުވައިދޭ ރީތި މިސާލެކެވެ. ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ބޭނުންވާ ގޮތަށް "ރަބަ ސްޓޭމްޕް" ޖެހުން ނޫން ކަމެއް މިއަދަކު ނެތެވެ. މަޝްވަރާ އާއި ބަހުސް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަހަލަ އެވެ. ވަޒީރުންނާ ސުވާލު ކުރުމަކީ ގާނޫއަސާސީން މަޖިލިހުގެ މެމްބަރުންނަށް ލިބޭ ހައްގަކަށް ވިޔަސް، އެ ހައްގު ނުލިބި ވެސް އެތައް ދުވަހެއް ވަންދެން ބައެއް މެމްބަރުން ތިއްބަވަން ޖެހުނެވެ. އިދިކޮޅު މެމްބަރުން ވަޒީރުންނާ ސުވާލު ކުރުމަކީ ވެސް އެއީ ސަރުކާރުގެ ބައެއް މެމްބަރުންނަށް ހަޖަމް ކުރެވޭ ކަމަކަށް ބައެއް ހާލަތްތަކުގައި ނުވެ އެވެ.
ސަރުކާރަށް ގާނޫނު ހަދާ މަޖިލިހުގެ އަޣުލަބިއްޔަތު ލިބުމަކީ މިގޮތަށް ހުރިހާ ކަމެއް ކުރުން ހެއްޔެވެ؟ ރަނގަޅު ވާހަކައެކެވެ. މެޖޯރިޓީ ލިބިފައި އޮތް ނަމަ ސަރުކާރުން ބޭނުން ކަމެއް ކުރެވޭނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރެ އެވެ. އެކަމަކު އޭގެ މާނަ އަކީ ބިލްތަކާއި މައްސަލަތަކަށް ހުޅިވިފައިވާ މާހައުލެއްގައި ބަހުސް ކުރުމުގެ ފުރުސަތު ހަނިކުރުމެއް ނޫނެވެ. އެކަމަކު މިހާރު ޔަގީނުން ވެސް އެކަން އެބަފެނެ އެވެ. ދައުލަތުގެ މާލިއްޔާއިން ކުރަންޖެހޭ ހޭދައާ ގުޅޭ އިސްލާހެއް ނުވަތަ ހުށަހެޅުމެއް ސަރުކާރު ފިޔަވައި އެހެން މެމްބަރުންނަކަށް ހުށަހެޅޭކަށް ނެތެވެ. އެ ފުރުސަތު ވަނީ ބަންދުކޮށްފަ އެވެ.
"އެންމެ ކުޑަމިނުން އެ ފުރުސަތު ވެސް ދޭ ނަމަ، އެއަށް މަޝްވަރާކޮށް ގޮތްތަކެއް ހޯދޭނެ. ފަހަރެއްގައި ދައުލަތުން އާންމު ފަރުދުންނަށް ކުރަންޖެހޭ މުހިންމު ހޭދައަކާ ގުޅޭ އިސްލާހެއް ވެސް މެމްބަރަކު ހުށަހަޅުއްވަން ބޭނުންވެދާނެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް އިރު، އެންމެ ކުޑަމިނުން އެފަދަ ކަންކަމާ ގުޅޭ މަޝްވަރާ އަށް ޖާގަ ނުދޭންޖެހޭ ސަބަބެއް ނުވިސްނޭ. ދައުލަތުގެ މާލިއްޔަތުން ކުރަންޖެހޭ ހޭދައަކަށް އަސަރުކުރާ ކަމަކާ ގުޅޭ އިސްލާހެއް ވެސް ހުށަހެޅެން ވާނެ،" ރައްޔިތުންގެ މަޖިލިސް އަދި ގާނޫނުއަސާސީ އިސްލާހުކުރި ހާއްސަ މަޖިލިހުގައި ވެސް މަސައްކަތް ކުރެއްވި މެމްބަރަކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު ވިދާޅުވީ މަޖިލިހުގައި މެޖޯރިޓީ އޮންނަ ބަޔަކު ބޭނުން ގޮތަކަށް ކަންކަން ކުރައްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި މެޖޯރިޓީ ބޭނުންވާ ގޮތަށް ކަންކަން ފާސްވުމަކީ ވެސް މި ހާލަތުގައި ވާނެ ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އެކަމަކު ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވެން ވާނެ. ކޮންމެ ކަމެއްގައި ވެސް ދެ ގޮތަށް ބަހުސް ކުރެވޭނެ. ކަމަކުން ރައްޔިތުންނަށް ވާނެ ގެއްލުމާއި ފައިދާ އެނގޭނީ ދެ ފަރާތުގެ ހިޔާލު ވެސް އެނގިގެން. މަޝްވަރާ ކޮށްގެން. އެކަމަކު މިހާރު މި ފެންނަނީ ބައެއް ހާލަތުގައި ކޮމިޓީ ސްޓޭޖަށް ވެސް ނުގޮސް، އަވަސް އަރުވާލައިގެން ކަންކަން ނިންމާލާ ތަން. ދެން [ސަރުކާރުން] ބޭނުން ނުވާ ގޮތަށް ވޯޓުދީ ނުވަތަ ވާހަކަ ދައްކާ ކަމަށް ވަންޏާ މި އަންނަނީ ކޮންމެވެސް ކަަހަލަ ފިއްތުންތަކެއް،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލިހުގެ ކަންކަން އިސްލާހު ކުރެވެން އޮތީ ސަރުކާރަށެވެ. އެއީ ސަރުކާރުގެ ފުރިހަމަ ބާރު މަޖިލިހުގެ އަޣުލަބިއްޔަތު މެމްބަރުންނަށް އޮތުމުންނެވެ.
"މިހާރު ސަރުކާރުން މެމްބަރުންގެ ކައިރީގައި ގުދަށް އޮންނާށޭ ބުނެފިއްޔާ އޮންނަ ޖެހޭނީ ގުދަށް. މެމްބަރުންނަށް ނެތް އަމިއްލަ ހިޔާލެއް، ފިކުރެއް،" ޒާހިރު ވިދާޅުވި އެވެ.
ކުރިން ވާހަކަ ދެއްކެވި މަޖިލިހުގެ ކުރީގެ މެމްބަރުގެ ނަޒަރުގައި މިހާރު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، މަގާމުގެ މަސްއޫލިއްޔަތުގެ ބޭރުން ގިނަގުނަ ފައިދާތަކެއް ވުމެވެ. މެމްބަރަކަށް ވުމުން ލިބޭ މަންފާތައް މާ ބޮޑުވުމުގެ ނަތީޖާ އަކީ ސަރުކާރުން ބޭނުންވާ ކޮންމެ ކަމަކަށް އިޖާބަ ދިނުމެވެ.
"ނުރަސްމީ ނާޖާއިޒް ފައިދާތަކެއް ލިބޭ ބައެއް މެމްބަރުން އެބަތިއްބެވި ކަމަށް މިވަނީ. އެހެންވީމާ އެ ކަންކަން ހުރީމާ ދެން ރައްޔިތުންގެ ހައްގުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތީ. މި މެޖޯރިޓީ މައްސަލަ އަށް ވުރެ އަޅުގަނޑަށް ބޮޑީ މެމްބަރުންނަށް ލިބޭ ޒާތީ މަންފާ. އަމިއްލަ ޖީބަށް އެއްޗެހިތަކެއް ލިބޭތީ އޭގެ އަސަރު މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ސީނާ ޒާހިރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ނުދީ، ނުވަތަ އެއާ ދެކޮޅު ހިޔާލެއް ފާޅުކޮށްފި ނަމަ، ސަރުކާރު ހިންގާ ޕާޓީން ކަނޑާލުމުގެ ބިރު އޮތުމަކީ ވެސް މި ހިސާބަށް ދާން ޖެހުނު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި، ޕާލަމެންޓްރީ ގުރޫޕުގެ ތްރީލައިން ވިޕާ މެމްބަރަކު ހިލާފުވެއްޖެ ނަމަ، މަޖިލިހުގައި އެއިރަކު މެމްބަރަކު ހުންނެވި ކޮމިޓީ ބަދަލުކުރުން ފަދަ ކަންތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ވެސް މި އޮންނަނީ ޑިމޮކްރެޓިކް އުސޫލުން ކަންކަން ކުރާށޭ ބުނެފައި. އެއާ އެއްގޮތަށް އަމަލު ކުރާ ކަމަށް ބުނުމަށް ވުރެ ބޮޑަށް އަމަލީ ގޮތުން އެކަން ކުރާކަން ދައްކަންވީ. މަޖިލީހުގައި ފުރިހަމަ ބާރު އޮތީ ސަރުކާރަށް ކަމަށް ވާއިރު، ކަންކަމާ މެދު މަޝްވަރާކޮށް، ތަފާތު ހިޔާލަށް ވެސް ޖާގަ އޮތްކަން އަމަލީ ގޮތުން ސަރުކާރުން ދައްކައި ދިނުމުން މިކަން ރަނގަޅު ކުރެވޭކަށް ނެތް،" ޒާހިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި ވިޔަސް އެއީ ނަމަކަށް އޮތް ތަނެކެވެ. އެތަނުގައި އިއްވަނީ މެޖޯރިޓީ އޮތް ބައެއްގެ އަޑެވެ. މައިނޯރިޓީގެ ފިކުރަށް ތާއީދު ކުރުމާއި އެމީހުންގެ ހިޔާލު މަޖިލިހުގައި ފާޅުކުރުން ހަނިވާ ނަމަ، އެއީ މައްސަލައެކެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް މަޖިލިހުން މިއަދު އެކަން އެބަ ފެނެ އެވެ. ސަރުކާރުން ބޭނުންވާ ކަންކަން ކުރެވޭއިރު، ހުށަހަޅާ ކަމަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ވިސްނުން ފެންނަނީ މަދު ފަހަރެއްގަ އެވެ.