ޔޫއޭއީގެ ބާނީ ޝެއިހް ޒައިދުގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ
ޔޫއޭއީގެ ބާނީ ޝެއިހް ޒައިދުގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ

ޔޫއޭއީގެ ތަރައްގީގެ ބާނީގެ ގޮތުގައި ދެކޭ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާން ހަޔާތުގެ ވާހަކަ އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

ޔޫއޭއީގެ ބާނީ ޝެއިހް ޒައިދުގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ
ޔޫއޭއީގެ ބާނީ ޝެއިހް ޒައިދުގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ

އެސްޓީއެކްސް ފިލްމްސް އިން ގެނެސްދޭ ފިލްމްގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ "މިސްޓަ އިންޑިއާ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ޝޭކަރް ކަޕޫރެވެ. އޭނާއަކީ ހޮލީވުޑްގެ ކާމިޔާބު ފިލްމްތަކެއް ވެސް ހަދާފައިވާ މީހެކެވެ. އޭގެ ތެރޭގައި އެލިޒަބަތު: ދަ ގޯލްޑެން އޭޖް (2007) ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝެއިހް ޒައިދުގެ ވާހަކަ ކިޔައިދޭ ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ އެންޓަރޭޖް (2015) ގެ ސްކްރީން ރައިޓަރު ކްލިފް ޑޯފްމަން އެވެ. މި ފިލްމްގައި ޝެއިހް ޒައިދުގެ 38 އަހަރުގެ ވެރިކަމުގައި ގަލްފްގެ ގަދަ ބާރަކަށް ޔޫއޭއީ ހަދަން ކުރެއްވި މަސައްކަތްތަކާއި އެ ގައުމަށް ތަރައްގީ އާއި ކުރިއެރުން ހޯއްދަވައި ދެއްވުމަށް ކުރެއްވި ހިތްވަރު ގަދަ އަދި ބުރަ މަސައްކަތްޕުޅު ދައްކުވައި ދޭނެ އެވެ.

ޝެއިހް ޒައިދު އުމުރުފުޅުން 86 އަހަރުގައި އަވަހާރަވީ 2004 ގަ އެވެ.

ފިލްމާ ބެހޭ ގޮތުން އެސްޓީއެކްސް އިން ވާހަކަ ދެއްކި އެޑަމް ފޮގެލްސަން ބުނީ ޝެއިހް ޒައިދްގެ ބައޮޕިކްވެގެން ދާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލްގެ ވާހަކަ ކިޔައި ދިން އަދި މި އަހަރު އޮސްކާ އަށް ވާދަ ކުރި "ދަ ޑާކެސްޓް އަވާ" އާއި އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ބައޮޕިކް "ގާންދީ" ފަދަ މޮޅެތި ފިލްމްތަކަށް ދޫނުކުރާ ވަރުގެ ފިލްމަކަށް ކަމަށެވެ.

ނަމަވެސް ޝެއިހް ޒައިދްގެ ފިލްމްގެ ކާސްޓާއި ފިލްމްގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމްގެ ޑައިރެކްޝަނާ މާސޫމް (1983) ވެސް ގެނެސް ދިން ޝޭކަރް ހަވާލުވި އިރު އޭނާ ވަނީ ބުރޫސް ލީގެ ބައޮޕިކް ވެސް ޑައިރެކްޓް ކުރަން އެއްބަސްވުމުގެ އިތުރުން ދާދި ފަހުން މަރުވި ބޮލީވުޑްގެ ބަތަލާ ސްރީދޭވީގެ ޑޮކިއުމަންޓްރީއާ ވެސް ހަވާލުވެފަ އެވެ.

އެސްޓީއެކްސް ފިލްމްސް އިން އެންމެ ފަހުން ގެނެސް ދިން ފިލްމްތަކަކީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޝައިލީން ވުޑްލީގެ "އެޑްރިފްޓް" އާއި އެމީ ޝޫމާގެ "އައި ފީލް ޕްރިޓީ" އެވެ.