މެލޭޝިއާގެ ދަރަނި ދައްކަން އާއްމުންނަށް އެހީވެވޭ ފަންޑެއް ހުޅުވައިފި
މެލޭޝިއާގެ ދަރަނި ދައްކަން އާއްމުންނަށް އެހީވެވޭ ފަންޑެއް ހުޅުވައިފި

ކުއާލަ ލަމްޕޫރު (ޖޫން 2) - މެލޭޝިއާގެ ގައުމީ ދަރަނި ބޮޑުވުމުން، ސަރުކާރަށް ލުޔެއް ހޯދުމަށް އާއްމުންނަށް އެހީވެވޭ ގޮތަށް ފަންޑެއް ހުޅުވައިފި އެވެ.

ފައިނޭންސް މިނިސްޓްރީން މިހާރު ވަނީ އާއްމުން ފައިސާ ޖަމާކުރަން ޖެހޭ އެކައުންޓުގެ ތަފްސީލްތައް އާއްމުކޮށްފަ އެވެ. "ޕްލީޒް ހެލްޕް މެލޭޝިއާ"ގެ ނަމުގައި ފެށި ކެމްޕޭނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް ސަރުކާރުން ބުނެ އެވެ. ފަންޑު ހުޅުވިތާ 24 ގަޑިއިރު ތެރޭ ވަނީ ދެ މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

މެލޭޝިއާގެ ދަރަނި 1 ޓްރިލިއަން ރިންގިޓް (250 ބިލިއަން ޑޮލަރު) އަރާ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. މިއީ ޖީޑީޕީގެ ގާތްގަޑަކަށް 80 ޕަސެންޓެވެ. ސަރުކާރުގެ މާލީ ސިޔާސަތުގައި އެންމެ އިސްކަން ދޭ އެއް ކަންތަކުގެ ތެރޭގައި ދަރަނި ކުޑަ ކުރުން ހިމެނޭ ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިއާ ސަރުކާރުން ބުނީ ގައުމުގެ ދަރަނި ބޮޑުވެފައި ވަނީ ކުރީގެ ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން ބޮޑުވުމުން ކަމަށެވެ. އަދި ގައުމުގެ ޚަޒާނާއިން ނެގި ފައިސާ ހޯދާނެ ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ.