ނަޖީބުގެ އަނބިކަނބަލުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރަނީ
ނަޖީބުގެ އަނބިކަނބަލުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރަނީ

ކުއާލަ ލަމްޕޫރު (ޖޫން 2) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރު އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް އަންނަ އަންގާރަ ދުވަހު ރަސްމާ ހާޒިރު ކުރަނީ 1އެމްޑީބީ ބޭންކުގެ ބޮޑު ޚިޔާނާތާ ގުޅިގެން ބަޔާން ދިނުމަށެވެ. ރަސްމާއާ ސުވާލު ކުރާނީ 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލުން މަދުވެފައިވާ ފައިސާއާ ގުޅޭ ގޮތުން ކަމަށް ރަސްމީ މީޑިއާ ބަރްނަމާ އިން ބުންޏެވެ.

ނަޖީބު ވެސް ވަނީ އެމްއޭސީސީ އަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށް އެސްއާރުސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަޖީބަށް ސުވާލު ކުރަނީ އެސްއާރުސީން ނަޖީބުގެ އެކައުންޓަށް 10.6 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއްގަ އެވެ. ނަޖީބާއި ރަސްމާ މެލޭޝިއާ އިން ފުރުން ވަނީ މަނާކޮށްފަ އެވެ.

މެލޭޝިއާގެ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގައި ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ އެއް ފަރާތަކީ ނަޖީބުގެ އަނބިކަނބަލުންނެވެ. ފުލުހުން މިދިޔަ މަހު ވަނީ ރަސްމާ ގެންގުޅުއްވި ކަމަށް ބުނާ އަގު ބޮޑެތި ގާތްގަނޑަށް 400 ދަބަސް ހޯދައިފަ އެވެ. އަދި ނަޖީބު ދިރިއުޅުއްވި އެޕާޓްމަންޓުގައި ހުރި ފޮށިތަކަކުން ވަނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ވެސް ހޯދައިފަ އެވެ.