ކިމްއާ އެކު ސަމިޓް ބޭއްވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ކިމްއާ އެކު ސަމިޓް ބޭއްވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވޮޝިންޓަން (ޖޫން 2) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވާ ސަމިޓް ކެންސަލްކުރި ނަމަވެސް އެ ސަމިޓް ކުރިން އިއުލާންކުރި ތާރީޚުގައި މިހާރު ބޭއްވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވީ ނޯތު ކޮރެއާގެ އިސް ޖެނެރަލެއް ކަމަށްވާ ކިމް ޖޮން-ޗޮލްއާ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ. ޓްރަމްޕް ވިދާޅުވީ ކޮރެއަން ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން ނޯތު ކޮރެއާ އިން ބޭނުންވާ ކަމަށެވެ.

ޖެނެރަލް ކިމް ޖޮން-ޗޮލް ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ސިޓީއެއް ޓްރަމްޕަށް އަރުވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އެއީ ވަރަށް ޝައުގުވެރި ވާހަކަތަކެއް ހުރި ސިޓީއެއް ކަމަށެވެ. ނަމަވެސް ޓްރަމްޕް ފަހުން ވިދާޅުވީ އެ ސިޓީގައި ލިޔެފައިވާ ވާހަކަތައް އަދި ވިދާޅުނުވާ ކަމަށެވެ.

"ކުރިން ވެސް އިއުލާން ކުރި ގޮތަށް ޖޫން 12 ގައި ސިންގަޕޫރުގައި ސަމިޓް އޮންނާނެ،" ވައިޓް ހައުސްގެ ބަގީޗާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ލީޑަރުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ޖެނެރަލް ކިމް ޖޮން-ޗޮލް ޓްރަމްޕްއާ ބައްދަލު ކުރުމުގެ ކުރިން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ ނިއު ޔޯކުގައި ބައްދަލު ކުރައްވައިފަ އެވެ.