02 ޖޫން 2018 - 13:23

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލަން އޭރު ހަލް ސިޓީ އަަށް ކުޅުނު ޑިފެންޑަރު ހެރީ މެގުއާ ދިޔައީ އޭނާގެ އާއިލާއާ އެކު އިންގްލެންޑްގެ ސަޕޯޓަރެއްގެ ގޮތުގަ އެވެ. އޭގެ ދެ އަހަރު ފަހުން މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޭނާ ދާނީ އިންގްލެންޑްގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއީ އޭނާގެ ހަޔާތުގައި އެންމެ ހާއްސަ ދުވަސްތައް ކަމަށް މެގުއާ ބުނެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 12 މިލިއަން ޕައުންޑަށް މެގުއާ ލެސްޓާ ސިޓީ އަށް ބަދަލުވީ އެ ފަހަރު ހަލް ސިޓީ އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވުމުންނެވެ. ލެސްޓާގައި މެގުއާ ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އިންގްލެންޑް ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތުދިނީ މިދިޔަ އަހަރު އޮގަސްޓް މަހު ވޯލްޑް ކަޕް ކޮލިފައިން ފަހު މެޗުގައި އިންގްލެންޑް ރަށުން ބޭރުގައި ލިތުއޭނިއާގެ މައްޗަށް ކުރި ހޯދި މެޗުގަ އެވެ.
"ޔޫރޯގައި އަހަރެން މެޗު ބަލަން ހުރި ހަނދާންތައް އަދިވެސް އަހަންނަށް ސިފަވޭ. އޭރު ހިއެއް ނުކުރަން އިންގްލެންޑް ގައުމީ ޓީމާ އެކު މެޗެއް ކުޅެލަން ލިބޭނެ ކަމަށް އެކަމަކު މިހާރު މިހުރީ ޓީމާ އެކު އެންމެ ބޮޑު މުބާރާތަށްދާން ތައްޔާރަށް،" އުމުރުން 25 އަހަރުގެ މެގުއާ ބުންޏެވެ.
މެގުއާ ދިޔައީ އިންގްލެންޑުން ފަހު ވަގުތު ވޭލްސްގެ މައްޗަށް ކުރި ހޯދި މެޗަށާއި އައިސްލެންޑް އަތުން ބަލިވެ މުބާރާތުން ކެޓި މެޗަށެވެ.
"ސަޕޯޓަރުން ތިބީ ވަރަށް ޖޯޝުގައި. އަހަންނަށް އެ މެޗު ސިފަވަނީ ފައިނަލެއް ކަހަލަ ގޮތަކަށް. އިންގްލެންޑް މޮޅުވީ ވެސް ފަހު ވަގުތު ޖެހި ގޯލަކުން. އެއީ ފުޓްބޯޅައިގެ ހާއްސަ އުފަލެއް ލިބޭ ވަގުތެއް. އެކަމަކު އައިސްލެންޑް އަތުން ކެޓި ހަނދާންތައް ވެސް އެބަހުރި. އެއީ ހިތްދަތި ވަގުތުތަކެއް،" މެގުއާ ބުންޏެވެ.
ޔޫރޯ އިން އިންގްލެންޑް ކެޓީ އައިސްލެންޑް އަތުންނެވެ. އެ ފަހަރު އިންގްލެންޑު ސްކޮޑުގައި ހިމެނުނު 11 ކުޅުންތެރިން މި ފަހަރު ޓީމުގައި ނެތެވެ. މެގުއާ ބުނީ އަލަށް ޓީމާ ގުޅުނު ކުޅުންތެރިންނާ އެކު ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށެވެ.
ވޯލްޑް ކަަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑް މިރޭ ނުކުންނާނީ އެކުވެރިކަމުގެ މެޗެއްގައި ނައިޖީރިއާއާ ދެކޮޅަށެވެ. މި މެޗުގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދޭނެ ކަަމަށް ބެލެވޭއިރު، މެގުއާ އަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދާދި ފަހުން އިންގްލެންޑްގެ ވިންގް ރަހީމް ސްޓާލިން ފައިގައި ބަޑިއެއްގެ ޓެޓޫއެއް ޖެހުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މެގުއާ ބުނީ މީޑިއާގެ އެ ފަދަ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުންތެރިންނަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށާއި ހުރިހާ ކުޅުންތެރިންގެ ގުޅުން އެ އަށް ވުރެ ވަރުގަދަ ކަމަށެވެ.