ނޯޔާ އަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިދާނެ!؟
ނޯޔާ އަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިދާނެ!؟

ވިއޭނާ، އޮސްޓްރިއާ (ޖޫން 2) - އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ޓީމާ ގުޅުނު ގޯލްކީޕަރު މެނުއަލް ނޯޔާއާ މި ފަހަރުގެ ވޯލްޑް ކަޕަށްދާ ޖަރުމަން ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނުމާ މެދު ގޮތެއް ނިންމާނީ މިރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހު ކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފައިތިލައިގައި ރެނދުލުމުގެ ސަބަބުން މިދިޔަ އަށް މަސް ތެރޭގައި ވާދަވެރި މެޗެއްގައި ނޯޔާ ނުކުޅެ އެވެ. އަނިޔާއިން ރަނގަޅުވެ ނޯޔާ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މިރޭ އޮސްޓްރީއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އުމުރުން 32 އަހަރުގެ ނޯޔާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރެވެ. ޖަރުމަނުގެ ކޯޗު ލޯ ބުނީ ނޯޔާ ގެންދިއުމާ މެދު ގޮތެއް ނިންމާނީ މުޅި ޓީމަށް ފައިދާ ވާގޮތަށް ކަމަށެވެ.

"އެންމެ ފަހުގެ ނިންމުން އަންނާނީ މާދަމާ. އެއީ މިރޭގެ މެޗުގައި އަހަރެމެން ބަލާނަން. ނޯޔާގެ ހުރިހާ ކަމެއް. މެޗެއް ނުކުޅެ ގިނަ ދުވަސްވެފައި ހުރުމުން އޭނާ ޓެސްޓް ކުރުން މުހިއްމު،" ލޯ ބުންޏެވެ.

ލޯ ބުނީ ނޯޔާ އަކީ އޭނާ އެންމެ އިތުބާރުކުރާ ގޯލްކީޕަރު ކަމަށާއި ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިއްޖެނަމަ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ބޮޑީ ވެސް ނޯޔާ ކަމަށެވެ. މިހާތަނަށް ޖަރުމަނުން ބޭއްވި ފަރިތަކުރުންތަކުގައި ނޯޔާގެ ފަރާތުން ފެނުނު ކުޅުމަށް އެ ޓީމުގެ ކުޅުންތެރިން ވަނީ ތައުރީފްކޮށްފަ އެވެ.

ނޯޔާ އަށް އަނިޔާވުމުގެ ސަބަބުން ޖަރުމަނުގެ ގޯލު ބަލަހައްޓަމުންދަނީ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އެވެ.

ޖަރުމަން މިހާރު ފަރިތަކުރަމުންދަނީ 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. މާދަމާ އެ ސްކޮޑު 23 ކުޅުންތެރިންނަށް މަދުކުރާއިރު ކުރަން ޖެހިފައި އޮތީ ބޮޑު މަސައްކަތެއް ކަމަށް ލޯ ވަނީ ބުނެފަ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.