މޮޓިވް ރިންގަށް އިތުރު ފުރިހަމަކަމެއް
މޮޓިވް ރިންގަށް އިތުރު ފުރިހަމަކަމެއް

ސްމާޓް ގަޑިއަކުން ކުރެވޭ ހުރިހާ ބޭނުމެއް ފުދޭ ގޮތަށް އުފައްދާފައިވާ މޮޓިވް ރިންގަކީ ދުނިޔޭގެ ބާޒާރުގައި ކޮންމެވެސް ވަރެއްގެ މަގުބޫލުކަމެއް ހޯދާފައިވާ އަނގޮޓިއެކެވެ. ދުޅަހެޔޮކަމަށް ހިތްވަރުދޭ މި އަނގޮޓި ބޭނުންކުރާ މީހުން ބުނާ ގޮތުގައި އަނގޮޓިއަކާ ބަލާފައި ހީނުކުރާހާ ގިނަ ކަންކަން މޮޓިވް އަނގޮޓިން ފުރިހަމަކޮށްދެއެވެ. މީގެ އެންމެ މޮޅު ކަމަކީ 165 ފޫޓު އަޑިއަށް ފީނިޔަސް އަނގޮޓިއަށް އެނގުންވެސް ނުވާތީއެވެ.

ޓައިޓޭނިޔަމް މައުދަނު ފަށަލައަކުން ނިވާކޮށްފައިވާ މޮޓިވް އަނގޮޓިން، ހެލިފެލިވެ އުޅޭ މިންވަރާއި، ނިދަން ހޭދަކުރި ވަގުތާއި، ފިޔަވަޅުގެ އަދަދާއި، ހިތުގެ ވިންދާއި، ސަރުބީ އަންދާލެވުނު ވަރު އަންގައިދެއެވެ. މިއަށް މިފަހަރު ގެނައި އިތުރު ފުރިހަމަކަމަކީ ސްމާޓް އެސިސްޓަންޓް އެލެކްސާގެ ބާރު އިތުރަށް ވަރުގަދަކޮށްދިނުމާއި އައިފޯނު ބޭއްވުނު ތަން ހަނދާން ނެތުމުން ހޯދައިދިނުމާއި މިފަދަ ބައެއް ކަންތައްތަކެވެ.

މޮޓިވް އަނގޮޓިއަށް އެލެކްސާ ތައާރަފްކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މިފަހަރު މިގެނައި ބަދަލުގެ ދަށުން އެލެކްސާ ގާތު ބުނެގެން ހެލިފެލިވެ އުޅުނު ވަގުތާއި، ނިންޖާއި، ފިޔަވަޅުގެ އަދަދާއި ސަރުބީ ދުއްވާލެވުނު ވަރު އޮޅުންފިލުވެއެވެ. އަދި މި ނޫނަސް ކަސްރަތާއި، ފައިދާހުރި ކާނާއާއި، ނިންޖާ ބެހޭ ތަފްސީލް މައުލޫމާތުވެސް ހޯދެއެވެ.

އައިފޯނު ގެއްލިގެން ހޯދުމުގައި މޮޓިވް ރިންގްގެ އެހީތެރިކަން މިހާރު ލިބޭނެއެވެ. އަނގޮޓީގައި ހިފާ، ދެއަތަކަށް އަނބުރާލުމުން ފޯނުން ތުރުތުރު އެޅުމާއެކު 60 ސިކުންތުވަންދެން ރަނގަބީލު އަޑު އިވޭނެއެވެ. އަދި ތިމާގެ ހަރަކާތްތަކާއި ކުރިއެރުން މީސްމީޑިޔާ މެދުވެރިކޮށް އެހެން މީހުންނާ ވަގުތުން ހިއްސާކުރުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެއެވެ.

މޮޓިވް އަނގޮޓި ބޭނުންކުރަމުން އައި ބައެއް މީހުންގެ އެއް ޝަކުވާއަކީ މިއާ ގުޅޭ އެޕްތައް މަދުކަމެވެ. އެކަމަކު މިފަހަރުގެ ބަދަލުގައި މި އަނގޮޓިން، ޕެއާ ސްޕޯޓްސްއާއި ޕްލަސް3 އާއި ލިންޑޯރާ އާ ގުޅުވައިދޭނެއެވެ. މި 3 އެޕަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީވެދޭ ތިން އެޕެވެ.
ދާދި ފަހުން ވަނީ މޮޓިވް ވެބްސައިޓްގެ އިތުރުން އެމެޒޯން އިން މި އަނގޮޓި ގަންނަން ލިބޭނެ ގޮތް ހަމަޖައްސާފައެވެ.