01 ޖޫން 2018 - 00:00

ކޮލަމްބިއާ އަކީ މާބޮޑު ކާމިޔާބެއް ލިބިފައި ނެތަސް މަޝްހޫރު ކުޅުންތެރިންތަކެއް ނެރެފައިވާ ޓީމެކެވެ. ކާލޮސް ވަލްޑްރޭމާ ފަދަ ކުރީގެ ލެޖެންޑުންނާ އެއް ހަމަޔަކަށް ދާނެ ފަދަ ކުޅުންތެރިންތަކެއް މިހާރު ވެސް ސްކޮޑުގައި ހިމެނެ އެވެ. ޖޭމްސް ރޮޑްރިގޭޒާއި ރަޑަމެލް ފަލްކާއޯ އަދި ހުއާން ކުއަޑްރާޑޯ ފަދަ ކުޅުންތެރިންނަކީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނެވެ. މީގެ އިތުރުން ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ އާއި ކްރިސްޓިއަން ޒަޕާޓާ އާއި ކާލޯސް ބަކާ ފަދަ ކުޅުންތެރިންނަކީ ވެސް ޔޫރަޕުގައި ކޮލަމްބިއާގެ ނަން ފަހުރުވެރިކޮށްދޭ ފަދަ ކުޅުންތެރިންނެވެ. ކޮލަމްބިއާ އަށް ވޯލްޑް ކަޕުގައި މިހާހަތަނަށް އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރު ކުއާޓާ ފައިނަލަށެވެ. ދެކުނު އެމެރިކާ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 2001 ވަނަ އަހަރު ކާމިޔާބުކުރިއިރު އެ ބައްރުގެ އަނެއް މުބާރާތް ކަމަށްވާ ކޮންކާކަފް ގޯލްޑް ކަޕުގެ ފައިނަލަށް 2000 ވަނަ އަހަރު ދަތުރުކުރި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ ހިމެނޭ ދެކުނު އެމެރިކާގައި އޮތީ 10 ޓީމުގެ ލީގު ބުރެކެވެ. ކޮލަމްބިއާ ކޮލިފައިވީ، ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭ ފަހު މަގާމް ކަމަށްވާ ހަތަރު ވަނަ މަގާމް ހޯދައިގެންނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި ބުރުގެ ހަތަރު ވަނަ އެ ޓީމު ހޯދީ 27 ޕޮއިންޓާ އެކު އެވެ. އެއް ވަނަ އަށް ދިޔައީ 41 ޕޮއިންޓާ އެކު ބްރެޒިލެވެ. އުރުގުއޭ އިން 31 ޕޮއިންޓާ އެކު ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 28 ޕޮއިންޓާ އެކު އާޖެންޓީނާ އެވެ. ކޮލިފައިންގައި ކޮލަމްބިއާ ކުޅުނު 18 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ހަ މެޗު އެއްވަރުވިއިރު ފަސް މެޗުން ބަލިވި އެވެ.
ކޮލަމްބިއާގެ ކޯޗަކީ އާޖެންޓީނާގެ މަޝްހޫރު ކޯޗު ހޯސޭ ޕެކަމަން އެވެ. އޭނާ ވަނީ 2004 އިން 2006 އަށް އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އެގޮތުން ލިއޮނަލް މެސީގެ ފުރަތަމަ ވޯލްޑް ކަޕުގައި 2006 ވަނަ އަހަރު އާޖެންޓީނާ ގޮވައިގެން މުބާރާތާ ކުރިމަތިލީ އޭނާ އެވެ. އަދި ކޮލަމްބިއާއާ 2012 ވަނަ އަހަރު ހަވާލުވެ އެ ޓީމު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު ޕެކަމަން އެންމެ ބޮޑަށް ފާހަގަކުރެވުނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމަށް 1994 އިން 2001 އަށް ކޯޗުކޮށްދިން އިރެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް 1995، 1997 އަދި 2001 ވަނަ އަހަރު ހޯދައިދީފަ އެވެ. އާޖެންޓީނާގެ ފަހު ޖީލުގެ މަޝްހޫރު ގިނަ ކުޅުންތެރިންނަކީ އޭނާ ތައާރަފްކުރި ކުޅުންތެރިންނެވެ.
ޖޭމްސް ރޮޑްރިގޭޒަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ކޮލަމްބިއާ ދަތުރުކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއާ އެވެ. އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމާ އެކު ސްޕެއިނުގެ ރެއާލް މެޑްރިޑަށް އޭނާ ގެންދިޔަ އެވެ. އަދި މިހާރު ކުޅެމުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. ރޮޑްރިގޭގަޒަކީ މެދުތެރެއިން، ބަލާހިތްވާ ފަދަ ކުޅުމެއް ކުޅޭ ކުޅުންތެރިއެކެވެ. އެހެންވެ އޭނާ ހިމެނެނީ ކޮލަމްބިއާގެ އިތުރުން ވޯލްޑް ކަޕުގެ ވެސް ތަރިއަކަށެވެ. ކުރީ ވޯލްޑް ކަޕުގައި ކާމިޔާބުކުރި ފަދަ ރީތި ގޯލްތަކެއް މި ފަހަރު ވެސް އޭނާ ޖަހާނެ ކަމަށް ބެލެވެ އެވެ.
ރަޑަމެލް ފަލްކާއޯ އަކީ އެއް ދުވަސްވަރެއްގައި ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. ޕޯޗުގަލްގެ ޕޯޓޯ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުގައި އޭނާ ދެއްކި ކުޅުމާ އެކު ތައުރީފް އޮހުނެވެ. އެކަމަކު ފްރާންސްގެ މޮނާކޯ އަށް ކުޅެނިކޮށް 2014 ވަނަ އަހަރު ކަކުލަށް އަނިޔާވެ އެ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. އޭގެ ފަހުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ލޯން އުސޫލުން ކުޅުނު ނަމަވެސް ތަފާތެއް ނުދެއްކުނެވެ. އެކަމަކު ފަހުން އެނބުރި މޮނާކޯ އަށް ގޮސް އޭނާ އަންނަނީ ހަމަޔަކަށް އެޅެމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ، ކުރީ ފަހަރު ފުރުސަތު ގެއްލުމުން ނުދެއްކުނު މޮޅު ކުޅުން ދައްކާލަން ފަލްކާއޯ އަށް ލިބިފައިވާ ފުރުސަތެކެވެ. އަދި ކެޕްޓަން ބޭންޑާ އެކު އޭނާގެ ޒިންމާ ވެސް މި ފަހަރު ބޮޑުވާނެ އެވެ.
ވޯލްޑް ކަޕުގައި ކޮލަމްބިއާ ހިމެނެނީ ނިސްބަތުން އާދައިގެ ގްރޫޕެއްގަ އެވެ. ދެން އޮތީ ޕޮލެންޑާއި ސެނެގާލާއި ޖަޕާނެވެ. ޔޫރަޕާއި އެފްރިކާ އާއި ދެކުނު އެމެރިކާ އަދި އޭޝިއާގެ ޓީމުތަކެވެ. ޖުމްލަކޮށް ހުރިހާ ޓީމެއް ވެސް ފެންވަރުވެ ގޮތުން އެއްވަރު ކަމަށް ބެލެވިދާނެ އެވެ. އެކަމަކު ތަޖުރިބާ އާއި ހުނަރުވެރިކަމަށް ބަލާއިރު ކޮލަމްބިއާ އިން ގްރޫޕުގެ އެއް ވަނަ ހޯދާނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު އެއްވަރުގެ ޓީމުތަކެއް އޮތުމަކީ އެއްގޮތުން ބަލާއިރު ނުރައްކަލެކެވެ.