01 ޖޫން 2018 - 21:26

ހުޅުމާލޭގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.
މިރޭ ފުރަތަމަ އެކްސިޑެންޓް ހިނގީ ނިރޮޅުމަގު [ބޮޑުމަގު]ން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މިރޭ 8:45 އެހާއިރު ހިނގި މި އެކްސިޑެންޓުގައި، އުމުރުން ދުވަސްވީ ފިރިހެނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
ބޮޑުމަގުގައި ހުންނަ، ޕީޕީއެމްގެ ޖަގަހަ ކައިރީގައި ހިނގި އެ އެކްސިޑެންޓްގައި، ހިނގާފައި ދިޔަ މީހާގެ އިތުރުން ސައިކަލް ދުއްވި މީހާއަށް ވެސް ވަނީ އަނިޔާވެފަ އެވެ.
"ބޮޑަށް ލަފާކުރެވެނީ އެ މީހާގައިގަ ޖެހިފައި ވަނީ ބޮޑު މަގަށް ނިކުތް ސައިކަލަކުން ކަމަށް. އެކްސިޑެންޓް ހިނގުމާއެކު އެ ދެ މީހުން ވެސް ވަގުތުން ވެހިކަލަކަށް ލާފައި ހޮސްޕިޓަލަށް ފޮނުވާލި. އަދި އެ ސަރަހައްދު އަނދިރިވެފައި އޮތުމުން އެހެންވެ އެހާ ބޮޑަށް މަންޒަރު ސާފެއް ނުވޭ،" އެ މީހާ ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޮޑަށް ޒަހަމްވެފައި ވަނީ 74 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާގެ މޫނު ޒަހަމްވެފައިވާ ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
އާސަންދަ ކުންފުނިން ބުނީ ދެ ވަނަ އެކްސިޑެންޓެއްގައި ދެ މީހަކު ޒަޚަމް ވެގެން ހޮސްޕިޓަލަށް ގެނައީ 9:50 އެހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިއްކާފައިވާ ސަރަހައްދުގަ އެވެ. ގަވައިދާ ޚިލާފަށް އެ ސަރަހައްދަށް ދެ ސައިކަލްގައި ވަދެ އުޅުނު ދެ މީހެއްގެ ތެރެއިން އެކަކު އެކްސިޑެންޓް ވީ ހުރަހަށް ހަރުކޮށްފައި އޮތް ހޮޅިއެއްގައި ޖެހިގެންނެވެ. ހޮޅީގައި މޫނު ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް، މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
މި އެކްސިޑެންޓްގައި ޒަހަމްވީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެކަމަކު ހާލު ސީރިއަސް ނޫން ކަމަށް އާސަންދަ އިން ބުންޏެވެ.
ހުޅުމާލޭގައި މިދިޔަ ހަފުތާގައި ވެސް ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 33 އަހަރުގެ ޒުވާނަކަށާއި 22 އަހަރުގެ ޒުވާނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.