01 ޖޫން 2018 - 18:14

މެޑްރިޑް (ޖޫން 1) - އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ސްޕޭނުގެ ބޮޑު ވަޒީރު މަރިއާނޯ ރަހޯއީ މަގާމުން ދުރުކޮށްފި އެވެ.
ރަހޯއީގެ ޕާޓީ އަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރުމާ އެކު ޕާޓީގެ ލީޑަރުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ސޯޝަލިސްޓް ލީޑަރު ޕެޑްރޯ ސަންޗޭޒެވެ. ދެން ބޮޑު ވަޒީރުކަން ލިބޭނީ އޭނާ އަށެވެ.
"ސްޕޭނުގެ ޑިމޮކްރެޓިކް ތާރީޚުގައި މިއަދު އާ ސަފްހާއެއް ލިޔެވިގެންދާނެ،" ވޯޓުގެ ކުރިން ސަންޗޭޒް ވިދާޅުވި އެވެ.
ރަހޯއީ ،63، އަކީ ސްޕޭނުގެ ފަހުގެ ތާރީޚެއްގައި އިތުބާރު ނެތްކަމުގެ ވޯޓެއްގައި މަގާމުން ދުރުކުރި ފުރަތަމަ ބޮޑު ވަޒީރެވެ. ޕޮޕިއުލާ ޕާޓީ (ޕީޕީ) ގެ ލީޑަރު ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެން ބޮޑު ވަޒީރުކަން ކުރައްވަމުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓުގައި ސަންޗޭޒް ވަނީ ކުދި ޕާޓީތަކުގެ ތާއީދު ހޯދައިފަ އެވެ. ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 180 ވޯޓުންނެވެ. ދެކޮޅަށް 169 ވޯޓު ދިނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ.