އާދީއްތަ ދުވަހު ފްލެޓް ފޯމު ބަލައިގަންނަން ފަށަނީ
އާދީއްތަ ދުވަހު ފްލެޓް ފޯމު ބަލައިގަންނަން ފަށަނީ

ބޯހިޔާވަހި ކަމަށް ހުޅުވާލި 7،000 ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް އާދީއްތަ ދުވަހު ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އަންނަ އާދީއްތަ ދުވަހު ހެނދުނު 10:30ން 1:30 އަށް އަދި ރޭގަނޑު 9:00ން 11:00 އަަށް ދަރުބާރުގެ އިން ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި ބޭރުގެ މިޝަންތަކުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފޯމު ބަލައިގަތުމަށެވެ.

"މިފަހަރު ނަންބަރު ނަގަން ކިޔޫގައި ޖެހޭކަށް ނުޖެހޭނެ. ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިޔުބީ މެދުވެރިކޮށް ޓޯކަން ނެގޭނެ އިންތިޒާމް ހަމަޖެއްސުމުން، އޮންލައިންކޮށް ޓޯކަން ނަންބަރު ބެލުމަށްފަހު އެ މީހެއްގެ ނަންބަރުގެ ކުރިއަށް އޮތީ ކިތައް ނަންބަރުކަން ޗެކްކޮށްލެވޭނެ ކަމަށެވެ. އަދި ރޯދަ މަސް ނިމުމުން ފޯމް ބަލައިގަންނަ ގަޑިއިތުރުވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ހާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް ތިން ކައުންޓަރު ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ކޮންމެ ކެޓަގަރީއަކަށް ވަކިން ނަންބަރު ދޫކުރަނީ ވެސް. ވަކިން ބާރުބޮޑު ކެޓަގަރީތަކަށް ގިނައިން ނަންބަރު ދޫކުރާނެ،" ހައުސިންގެ އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.