02 ޖޫން 2018 - 08:37

މީގެ ކުރިން ވެސް ހިންދީ ސިނަމާ އަށް "ލައިލާ މަޖުނޫ" ދެ ފަހަރަށް އަތުވެއްޖެ އެވެ. އެއީ 1953 ގައި ޝައްމީ ކަޕޫރާއި ނޫޓާންގެ "ލައިލާ މަޖުނޫން" އާއި 1976 ގައު ރިޝީ ކަޕޫރާއި ރަންޖީތާ ކޯރް ލީދް ރޯލް ކުޅުނު "ލައިލާ މަޖުނޫ" އެވެ.
ލޯބީގައި ގުރުބާންވާ ދެ މީހެއްގެ ވާހަކަ ކިޔައިދޭ އަސަރު ގަދަ މި ވާހަކައަކީ ހިންދުސްތާނުގައި ފަނޑުވުމެއް ނެތް ވާހަކަ އެވެ. އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ވާހަކަ އެވެ.
މި ފަހަރު އަނެއްކާ ވެސް "ލައިލާ މަޖުނޫ" ސިނަމާތަކަށް އަންނަނީ އެވެ. އެކަމަކު 21 ވަނަ ގަރުނުގެ ރަހަތަކާ އެކުގަ އެވެ. އަންނަ އޮގަސްޓް މަހުގެ 24 ގައި ރިލީޒް ކުރާ ފިލްމްގެ ޓީޒާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މި ފަހަރު ފިލްމް ގެނެސް ދެނީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން އިމްތިއާޒް އަލީ އާއި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އިމްތިއާޒްގެ ކޮއްކޮ ސާޖިދު އަލީ އެވެ.
"ލައިލާ މަޖުނޫ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އިމްތިއާޒާއި ސާޖިދެވެ. ފިލްމްގެ ޓައިޓްލް ރޯލުން އާ ދެ ތަރިއަކު ތައާރަފު ކުރާ އެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޓީޒާ އިން ވެސް ދެ ތަރިންގެ ސިފަ މުޅިން ޔަގީންވާ ވަރަކަށް ނުދައްކަ އެވެ.
ފިލްމާ ބެހޭ ގޮތުން އިމްތިއާޒް ބުނީ "ލައިލާ މަޖުނޫ" ގެ ނަމުގައި ފިލްމް ގެނެސް ދިނަސް މީގެ ވާހަކަ ކުރީގެ ވާހަކައާ އެހާ އެއްގޮތް ނުވާނެ ކަމަށެވެ.
"ކޮންސެޕްޓް އެއްގޮތް ވިޔަސް މިއީ މުޅިން އާ ވާހަކައެއް،" މިދިޔަ އަހަރު "ޖަބް ހެރީ މެޓް ސޭޖަލް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "މި ފިލްމަށް ކުރި މަސައްކަތަކީ ވަރަށް އުފާވެރި ތަޖުރިބާއެއް. ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު."
"ލައިލާ މަޖުނޫ" ގެ ޓީޒާ އިން ފެންނަ ގޮތުގައި މީގެ މަންޒަރުތައް ނަގާފައި ވަނީ ކަޝްމީރުގެ ހިތްގައިމު ވާދީތަކުގަ އެވެ. ފެހިކަން ގަދަ ބިޔަ ގަަސްތަކާއި ދެމެމުންދާ ކޯރުތައް ޓީޒާ އިން ވަރަށް ބޮޑަށް ދައްކާފައިވެ އެވެ.