01 ޖޫން 2018 - 14:26

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 1) - މަނާ ބޭހަށް ޕޮޒިޓިވްވެ ބޮޑު ސަސްޕެންޝަނެއްގައި ހުރި ޕެރޫގެ ފޯވާޑް ޕައޮލޯ ގަރޭރޯ އަށް މި މަހު ފަށާ ވޯލްޑް ކަޕްގައި ކުޅުމުގެ ހުއްދަ ދިނުމަށް ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އޮކްޓޫބަރު މަހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގަރޭރޯ މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމުން ފީފާއިން ނޮވެމްބަރު ތިން ވަނަ ދުވަހު ނިންމީ އޭނާ އެއް އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އޭނާ އެ މައްސަލަ އެޕީލް ކުރުމުން ފީފާއިން ވަނީ ޑިސެމްބަރު މަހު އަދަބު ލުއިކޮށްދީ ހަ މަހުގެ ސަސްޕެންޝަނަކަށް ބަދަލުކޮށްފަ އެވެ. އެއާ އެކު އޭނާގެ ސަސްޕެންޝަން މި މަހަށް ހަމަވެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ފަހުން އެ މައްސަލަ އެއްކޮށް ބެލުމަށް ފަހު ފީފާއިން ނިންމީ އޭނާ 14 މަހަށް ސަސްޕެންޑް ކުރުމަށެވެ.
ގަރޭރޯގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރުމަށް އެދި މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެރޫއާ އެއް ގްރޫޕެއްގައި ހިމެނޭ އަނެއް ތިން ޓީމުގެ ކެޕްޓަނުން ކަމަށްވާ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރީސް، ޑެންމާކްގެ ކެޕްޓަން ސިމޮން ކިއޭ އަދި އޮސްޓްރޭލިއާގެ ކެޕްޓަން މައިލް ޔެޑިނަކް ވަނީ ފީފާ އަށް ސިޓީއެއް ހުށަހަޅައިފަ އެވެ.
ވާދަވެރި ތިން ކެޕްޓަނުންގެ ސިޓީއާ މެދު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަކިގޮތެއް ނިންމުމުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައި އޮއްވައި ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުން ވަނީ ގަރޭރޯގެ ސަސްޕެންޝަނުގައި އަމަލުކުރި ގޮތް އެންމެ ރަނގަޅު ނޫން ކަމަށް ބުނެ، ވަގުތީގޮތުން އެ ސަސްޕެންޝަނަށް އަަމަލުކުރުން ހުއްޓާލައިފަ އެވެ. ސްވިޒަލެންޑުގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހު ޕެރޫވިއަން ފުޓްބޯލް ފެޑެރޭޝަނުންނެވެ.
އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ހަމައެކަނި ގަރޭރޯ އަށް ލިބުނު އުފަލެއް ނޫން ކަމަށާއި މިއީ މުޅި ގައުމަށް ލިބުނު އުފަލެއް ކަމަށެވެ.
ޕެރޫ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާއިރު މިއީ 36 އަހަރު ތެރޭ އެ ޓީމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އުމުރުން 34 އަހަރުގެ ގަރޭރޯ އަކީ ޕެރޫގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ކުރިން ބަޔާން މިއުނިކަށް ކުުޅުނު ގަރޭރޯ ވަނީ ގައުމީ ޓީމަށް ކުޅެދިން 86 މެޗުން 32 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.