31 މެއި 2018 - 23:52

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން ނިންމައި، ކޮންގްރެސްގެ ނޯޓިސް މި ރޭ އާންމު މެމްބަރުންނަށް ފޮނުވައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޯޓިސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 24، 28 ވަނަ މާއްދާގައި ބުނާ ކޮންގްރެސް (އާދަޔާ ޚިލާފު)، ޖޫން 29، 30 ގައި ބާއްވަން ފާސްކުރީ، މިރޭ ބޭއްވި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގަ އެވެ.
ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ. ނަމަވެސް އަންނަ މަހު ބާއްވާ އާދަޔާ ޚިލާފު ކޮންގްރެސްގެ އެޖެންޑާ އަދި ކަނޑައެއް ނާޅަ އެވެ. އަދި ކޮންގްރެސްގެ ބައްދަލުވުންތައް ބާއްވާނެ ތަނެއް ވެސް އަދި ހަމައެއް ނުޖައްސަ އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވީ، ގައުމީ މަޖިލީހުގެ 115 މެމްބަރުންގެ ތެރެއިން 32 މެމްބަރުންނެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 29 މެމްބަރުންނެވެ.
އެހެންކަމުން، އެ ކޮންގްރެސްގައި ބައިވެރިވުން ހައްގުވާ އެންމެހައި މެމްބަރުންނަށް ކޮންގްރެސްގެ ނޯޓިސް އަންގާ ކަމަށް ނޯޓިސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މަސްދުވަސް ފަހުން ބާއްވަން ނިންމި އިރު، އިއްޔެ ވަނީ އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި ރިއާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ. އެއްވެސް ވާދަވެރިކަމެއް ނެތި ޕްރައިމަރީ ކާމިޔާބު ކުރައްވައި ރިއާސީ ޓިކެޓް ހޯއްދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.