މެޕްސް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މެޕްސް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މެޕްސް ކޮލެޖްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކޮލެޖުން އިތުރުކޮށްފި އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން، މިއަދަކީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ފެންވަރަށް ހިންގާ ކޯސްތަކަށް ކުރިމަތިލެވޭ އެންމެ ފަހު ދުވަހެވެ.

އެ ކޮލެޖުގެ އޮފިޝަލަކު ވިދާޅުވީ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށެވެ. އެގޮތުން މިހާރު ވެސް ގިނަ ދަރިވަރުން ކޯހަށް ކުރިމަތިލަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ދެ ވަނަ އަށް ކުދިން ނަގާއިރު ޖާގަ ދޭން ހަމަޖައްސާފައިވަނީ 400 ދަރިވަރުންނަށެވެ.

މެޕްސްގެ ޑެޕިއުޓީ ރެކްޓާ އަބްދުލްއަޒީޒް އިބްރާހިމް ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ބޭނުންވާ މުހިއްމު ދާއިރާތަކުން މީހުން ތަމްރީނުކުރަން އެ ކޮލެޖުން އަންނަނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެމުންނެވެ. އަދި އޮފީސްތަކާއި ކުންފުނިތަކުން ސްޕޮންސާ ކޮށްގެން މެޕްސްގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ކޮލެޖުގައި، އެތަނުގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސި ވިލާތުގެ ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް ވެސް ހިންގަ އެވެ.