31 މެއި 2018 - 21:50

ސިއްހީ ދާއިރާ އިން މީހުން ބިނާކޮށް އަދި ހުނަރު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓެއް ގާއިމުކުރުމުގެ އެމްއޯޔޫއެއްގައި އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް (ޖީއީ) ހެލްތު ކެއާއާ އެކު އެސްޓީއޯ އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. ޖީއީ ހެލްތު ކެއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމާ އެންގޭޖްމަންޓްގެ މި ސަރަހައްދުގެ އިސް ވެރިޔާ މަރޫތު ސެތިއާ އެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯއަކީ ސިއްހީ ދާއިރާ އިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭ ގޮތަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އަދި އެ ދާއިރާ އިން މީހުން ބިނާ ކުރުމަކީ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ބަޔާންކޮށް، އެ ޕާޓްނަޝިޕްގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
އެސްޓީއޯއާއެކު މިއުފެދުނު ޕާޓްނަޝިޕާ ބެހޭ ގޮތުން މަރޫތު ވިދާޅުވީ ހަމައެކަނި މެޝިނަރީން ސިއްހީ ހިދުމަތް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓްގެ ބޭނުން އެކަށޭނަ ގޮތުގައި ހިފައި، ސިއްހީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ އެ އެމްއޯޔޫގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމާޒުކުރުމަށް ހަމަޖެހިފައި ވަނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމަށާއި އެ ދާއިރާ އިން ހުނަރު އިތުރަށް ތަރައްގީ ކުރުމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯގެ ސްޓާފުންގެ ހުނަރު އިތުރަށް ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.