ޓީމް ޕްރޮފައިލް: ސްވިޑަން
ޓީމް ޕްރޮފައިލް: ސްވިޑަން

ސްކެންޑިނޭވިއާ ސަރަހައްދަށް ނިސްބަތްވާ ސްވިޑަން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. މިހާތަނަށް 10 ފަހަރު އެ ޓީމު ވަނީ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. މުބާރާތުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ 1994 ވަނަ އަހަރު ތިން ވަނަ ހޯދުމެވެ. ސްވިޑަން އިން ފުޓްބޯޅައިގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 1948 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމާއި 1992 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރުން ހިމެނެ އެވެ. ފުޓްބޯޅައިގައި ސްވިޑަންގެ ނަމާ އެންމެ ބޮޑަށް ގުޅިފައިވަނީ މަޝްހޫރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗެވެ. އެކަމަކު މި ފަހަރުގެ މުބާރާތުން އޭނާ ނުފެންނާނެ އެވެ.

ޓީމް ޕްރޮފައިލް: ސްވިޑަން
ޓީމް ޕްރޮފައިލް: ސްވިޑަން

ކޮލިފައިންގެ ގުރޫޕް އޭ އިން ސްވިޑަން އަށް ލިބުނީ ދެ ވަނަ އެވެ. މި ގުރޫޕްގެ ތިން ވަނަ ލިބުނު ނެދަލޭންޑްސް އާއި ސްވިޑަން ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ދެ ވަނަ ލިބުނީ އެ ޓީމަށެވެ. ދެ ވަނަ ހޯދުމާ އެކު ސްވިޑަން އަށް ޖެހުނީ ކޮލިފައިންގެ ޕްލޭއޮފް މެޗު ކުޅޭށެވެ. ޕްލޭއޮފްގައި ސްވިޑަންއާ ލައްވާލީ ވަރުގަދަ އިޓަލީ އެވެ. އިޓަލީ ކަޓުވާލުމަށް ފަހު ސްވިޑަން އަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބިދާނެ ކަމާމެދު އޭރު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ސްވިޑަން ވަނީ ޕްލޭއޮފްގެ ފުރަތަމަ ލެގު 1-0 އިން އަމިއްލަ ދަނޑުގައި ކާމިޔާބުކޮށް ދެވަނަ ލެގު ލަނޑެއް ނުޖެހި އެއްވަރުކޮށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ޖަން އެންޑަސް އަކީ ސްވިޑަންގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. އުމުރުން 55 އަހަރުގެ އެންޑަސަން ސްވިޑަންގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އެންޑަސަން ވަނީ މިހާތަނަށް ސްވިޑަންގެ ހަތް ކްލަބަކަށް އިރުޝާދު ދީފަ އެވެ. އެންޑަސަންގެ އިރުޝާދުގެ ދަށުން ސްވިޑަންގެ ނަތީޖާތައް ވަނީ ރަނގަޅުވެފަ އެވެ.

އެމިލް ފޮސްބާގަކީ ސްވިޑަންގެ ޓީމުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސްވިޑަންގައި ކެރިއަރު ފެށި ފޮސްބާގް ޔޫރަޕްގައި ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޖަރުމަންގެ އާރްބީ ލިޕްޒިގަށް އޭނާ ބަދަލުވި ފަހުންނެވެ. ލިޕްޒިގްގައި އޭނާ ދައްކަމުންދާ ކުޅުމާ އެކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. ފޮސްބާގް ޤައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ.
ޒަލަޓަން އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ސްވިޑަންގެ ކެޕްޓަން ބޭންޑް ލިބުނީ އަންދްރެއަސް ގްރަންކްވިސްޓަށެވެ. އުމުރުން 33 އަހަރުގެ ޑިފެންޑަރު ވަނީ ގައުމީ ޓީމަށް 70 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ ކްލަބް ލެވެލްގައި މާ މަތީ ފަންތީގެ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ. އިންގްލެންޑުގެ ވިގަން އެތުލެޓިކާއި އިޓަލީގެ ޖެނޯއާ އަށް ކުޅުމަކީ އޭނާގެ ކެރިއަރުގެ އުސްއައްޔެވެ. އެކަމަކު އޭނާ އަކީ ސްވިޑަން ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ހުނަރުވެރި ޑިފެންޑަރެއްގެ އިތުރުން ކެޕްޓަނެއްގެ ހައިސިއްޔަތުންނެވެ.

ފީފާ ވޯލްޑް ކަޕުގައި ސްވިޑަން ހިމެނެނީ ޖަރުމަނާއި މެކްސިކޯ އާއި ދެކުނު ކޮރެއާއާ އެއް ގްރޫޕެއްގަ އެވެ. ގިނަ ބަޔެއްގެ ނަޒަރުގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ފަސޭހަކަމާ އެކު އެއް ވަނަ ހޯދާނެ އެވެ. ދެ ވަނަ މަގާމަށް ވާދަކުރަން އަނެއް ތިން ޓީމު އޮތްއިރު ފުރުސަތު ބޮޑީ މެކްސިކޯ އަށް ކަމަށް ލަފާކުރެވެ އެވެ. ޒަލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއަކު ނެތުމާ އެކު ސްވިޑަން އަށް މި ފަހަރުގެ މުބާރާތުގައި މާބޮޑު ފުރުސަތެއް އޮތް ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ.