31 މެއި 2018 - 21:34

އަންނަ ޖޫން މަހުގެ 28، 29 ގައި ބާއްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހަމަޖެއްސި އެ ޕާޓީގެ ތިން ވަނަ ކޮންގްރެސް އެއަށް ވުރެ އެއް ހަފުތާ އަވަސްކޮށް، ޖޫން 21، 22 ގައި ބާއްވަން ނިންމައިފި އެވެ
ޖޭޕީން ބުނީ އެ ޕާޓީގެ ކޮންގްރެސް ބާއްވާ ދުވަހަށް ބަދަލު ގެނައީ ހިންގާ ކޮމިޓީގެ 112 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ކޮންގްރެސް އަވަސް ކުރި ސަބަބެއް އެ ޕާޓީން ނުބުނެ އެވެ.
މީގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ ޖޫން 28 އަދި 29 ގަ އެވެ. ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީގެ ކެންޑިޑޭޓެއް ކަނޑައަޅައިފި ނަމަ، އަމަލު ކުރާނެ ގޮތެއް ޖޭޕީގެ ކޮންގްރެސްގައި ނިންމާނެ ކަމަށް އެ ޕާޓީން ބުންޏެވެ. ޖޭޕީން ކުރިން ބުނި ގޮތުގައި، އެ ޕާޓީން އިންތިހާބަށް ނުކުންނާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކުގަ އެވެ.
އެކަމަކު، ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތުމާއި އުމުރުން 65 އަހަރު ވެފައިވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގާސިމަކަށް ނެތެވެ.
ނަމަވެސްސ ޖޭޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ ފެބްރުއަރީ 1ގެ ހުކުމާ ގުޅިގެން ގާސިމް މިނިވަންވެފައިވާ ކަމަށާއި އޭނާ އަށް އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. .