އިކާޑީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: އިންޓަ
އިކާޑީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: އިންޓަ

މިލާން (ޖުލައި 26) - ކެޕްޓަން އަދި އިތުބާރު ފޯވާޑް މައުރޯ އިކާޑީ ނުވިއްކާނެ ކަމަށް އިންޓަ މިލާނުން ބުނެފި އެވެ.

މިދިޔަ ސީޒަނުގައި 33 މެޗުން 16 ގޯލް ޖެހި އާޖެންޓީނާ ފޯވާޑް ގެންދަން ޕްރިމިއާ ލީގުގެ އާސެނަލްގެ އިތުރުން އިޓަލީގެ ނަޕޯލީން އަންނަނީ މަސައްކަތްކުރަމުންނެވެ. ހާއްސަކޮށް ނަޕޯލީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާތީ އޭނާގެ ބަދަލުގައި ނަޕޯލީން އަންނަނީ އިކާޑީ ގެންދަން މަސައްކަތްކުރަމުންނެވެ.

ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކުރާ ގޮތުގައި އިކާޑީގެ އަންހެނުން އަދި އޭނާގެ އޭޖެންޓް ވަންޑާ ނާރާ ވަނީ އާސެނަލް އަދި ނަޕޯލީއާ އެކު މަޝްވަރާކޮށްފަ އެވެ.

އިޓަލީގެ ނޫހަކުން ބުނެފައިވާ ގޮތުގައި ނަޕޯލީން ވަނީ އިކާޑީ އަށް އަހަރަކު 5.5 މިލިއަން ޔޫރޯ ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.

އިންޓަގެ ސްޕޯޓިން ޑިރެކްޓަރު ޕިއެރޯ އޮސީލިއޯ ވިދާޅުވީ ނަޕޯލީއާ އެކު ވާހަކަދެކެވުނު ކަމަށާއި އެކަމަކު ކްލަބުން އަންނަނީ ޓީމުގެ މުހިއްމު ކުޅުންތެރިން ހިފަހައްޓަން މަސައްކަތްކުރަމުން ކަމަށެވެ.

"އަހަރެމެން އިކާޑީ ނަޕޯލީ އަށް ނުވިއްކާނަން. އެކަމާ އެއްވެސް ސުވާލެއް ނެތް،" އޭނާ ވިދާޅުވި އެވެ. "އިކާޑީގެ އިތުރުން މުހިއްމު ކުޅުންތެރިން މަޑުކުރުވާނަން. އަހަރެމެން މި އަންނަނީ ޓީމު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން."

އޮސީލިއޯ ވިދާޅުވީ އިކާޑީއާ ކްލަބާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ އަކީ މުއްސަނދި ތާރީހެއް އޮތް ކްލަބެއްގެ ކެޕްޓަން ކަމަށެވެ.

ޓީމަށް މުހިއްމު ކުޅުންތެރިން ނުގެނެސް އަދި ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ވިއްކާލަން އުޅޭ ކަމަށް ބުނެ އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އިސްތިއުފާ ދޭން އުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.