ރެއާލްގެ ކޯޗުކަމުން ޒިދާން އިސްތިއުފާދީފި
ރެއާލްގެ ކޯޗުކަމުން ޒިދާން އިސްތިއުފާދީފި

މެޑްރިޑް (މެއި 31) - ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިދިންތާ ފަސް ދުވަސް ފަހުން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން މަގާމުން އިސްތިއުފާދީފި އެވެ.

ރަަފައެލް ބެނިޓޭޒް މަގާމުން ދުުރުކުރުމަށް ފަހު ޒިދާނާ ރެއާލްގެ ކޯޗުކަން ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ރެއާލް ގޮވައިގެން ޒިދާން މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އޭނާ ވެފައިވަނީ މިކަން ހާސިލްކުރި ފުރަތަމަ ކޯޗަށެވެ.

ޒިދާން މަގާމުން ދުރުވާން ނިންމިކަން އިއުލާންކުރީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ޒިދާން ބުނީ މިއީ ކްލަބަށް ރަނގަޅަކަށް އޭނާ ނިންމި ނިންމުމެއް ކަމަށާއި މިހާރު އެ ޓީމަށް ބޭނުންވަނީ ބަދަލެއް ކަމަށެވެ.

"މިއީ މި ކަހަލަ ނިންމުމެއް ނިންމަން އެންމެ ރަނގަޅު ވަގުތެއް ނޫން. އެކަމަކު މިއީ ކްލަބްގެ އެންމެންނަށް ރަނގަޅަކަށް ނިންމި ނިންމުމެއް،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ރެއާލަށް މިހާރު ބޭނުންވަނީ ކްލަބް ކުރިއަށްގެންދަން ރަނގަޅު ބަދަލެއް ކަމަށެވެ.

"މި ޓީމު ކާމިޔާބީގެ މަގުގައި ބާއްވައިދޭން ބަދަލެއް އެބަ ބޭނުންވޭ. އެއީ އަހަރެން މި ނިންމުން ނިންމި ސަބަބަކީ. އަހަރެން މި ކްލަބް ދެކެ ލޯބިވޭ. މި ކްލަބްގެ ރައީސް (ޕެރޭޒް) ދެކެ ވެސް ލޯބިވޭ. މިއީ މި ވަގުތަަށް އަހަންނަށް ފެންނަ އެންމެ ރަނގަޅު ނިންމުން،" ޒިދާން ބުންޏެވެ.

ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް އުއްމީދުކުރި ކަމެއް ނޫން ކަމަށާއި އެކަމު ޒިދާންގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭ ކަމަށެވެ.

"މިއީ ސަޕޯޓަރުންނާއި ކްލަބްގެ ކުޅުންތެރިންނަށް ބަލައިގަންނަށް އެންމެ ރަނގަޅު ނިންމުން ކަމަށް ނުވެދާނެ. އަހަރެން ވެސް ބޭނުން އަބަދު ޒިދާން ބަހައްޓަން. އެކަމު މިއީ އޭނާގެ އެންމެ ފަހުގެ ނިންމުން. އަހަރެން އޭނަ ބަހައްޓަން މަސައްކަތްކުރަން ވެސް ބޭނުން އެކަމު އޭނަގެ ނިންމުން ބަދަލު ނުވާނެކަން ވެސް އެނގޭ،" ޕެރޭޒް ވިދާޅުވި އެވެ.

މި އަހަރު ޖެނުއަރީ މަހު ޒިދާނާ އެކު ރެއާލުން 2020 ގެ ނިޔަލަށް ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، ސީޒަން ކުރީކޮޅުގައި ރެއާލްގެ ނަތީޖާތަށް ދަށްވުމުން ޒިދާންގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނެވެ. އޭރުވެސް މީޑިއާ ރިޕޯޓްތަކުން ބުނަމުންދިޔައީ ޒިދާނަށް ވަޒީފާ ސަލާމަތްކުރެވޭނީ ޗެމްޕިއަންސް ލީގުގެ ނަތީޖާ ރަނގަޅުކޮށްގެން ކަމަށެވެ.

ސީޒަން ކުރީކޮޅުގައި ޒިދާނާއި ޕެރޭޒް މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅުނު ކަމަށް ސްޕެއިން މީޑިއާގައި އަޑުފެތުރުނެވެ. އެއީ ޒިދާން ބޭނުންވާ ކުޅުންތެރިން އެ ޓީމަށް ނުގެނެވުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުން އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިއަކީ މިހާރު ޕީއެސްޖީގައި ހުރި ކިލިއަން އެމްބާޕޭ އެވެ.

މި ސީޒަނުގެ ތެރޭގައި ޒިދާން މަގާމުން ދުރުވެއްޖެނަމަ ދެން އެ ޓީމު ހަވާލުކުރާނެ ކޯޗެއް ކަނޑައެޅުމަށް 24 ކޯޗުންނާ މެޑްރިޑުން މަޝްވަރާކުރި އެވެ. އެ ކޯޗުންގެ ތެރެއިން މި ވަގުތު ވަޒީފާއެއް ނެތި ތިބީ 22 އަހަރަށް ފަހު އާސެނަލުން ވަކިވި އާސެން ވެންގާ އާއި ބާސެލޯނާ އަށް ކުރިން ކޯޗުކޮށްދިން ރެއާލުގެ ކުރީގެ ކުޅުންތެރިޔާ ލުއިސް އެންރީކޭ އާއި ނަޕޯލީގެ މައުރީޒިއޯ ސާރީ އަދި ބަޔާން މިއުނިކަށް މި އަހަރު އިރުޝާދުދިން ރެއާލްގެ ކުރީގެ ކޯޗު ޔުޕް ހެއިންކޭސް އެވެ.