31 މެއި 2018 - 17:55

ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑާރ، ސައިފް ހުސެއިންގެ ފޯނު ފޮރުވި ކަމަށް ބުނެ، އޭނާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދާއި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު ޝަޒައިލް ސިޔާމާއި ކުރީގެ ފުލުހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ސައިފާއި ތަޒްމީލްގެ އިތުރުން، ޝަޒައިލް ސިޔާމްގެ މައްޗަށް ދައުލަތުން ކުރަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވަން ތާވަލް ކުރި ނަމަވެސް، ދައުލަތުގެ ވަކީލުން އެހެން ޝަރީއަތެއްގައި އުޅޭތީ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ސައިފަށް ކުރި ދައުވާގައި ވަނީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު މައްސަލާގައި އޭނާގެ ފޯނު ހޯދަން އުޅުމުގައި ފޯނު ފެނިފައިނުވާ ކަމަށެވެ. ތަހުގީގަށް ފޯނު ހޯދަން ފުލުހުން މަސައްކަތް ކުރުމުން ސައިފް އިތުރު ބަޔަކާއެކު ކެފޭއެއްގައި އިނުމަށްފަހު ފޯނު މޭޒުމަތީ ބާއްވާފައި ގޮސް ފުލުހުންނަށް ފޯނު ދީފައިނުވާ ކަމަށް ދައުވާގައިވެ އެވެ.
ތަޒްމީލް އާއި ޝަޒައިލްގެ މައްޗަށް ދައުވާ ކުރީ ސައިފް މޭޒުމަތީ ބާއްވާފައި ދިޔަ ފޯނު ނަގާ އެއާ ކުޅުނު ކަމަށް ބުނެ އެވެ. އަދި، އެ ފޯނު ހޯދުމަށް ފުލުހުން ސުވާލު ކުރުމުން ފޯނު ނެތް ކަމަށް ބުނެފައިވާތީ ކަމަށް ވެސް ދައުލަތުން ދެ މީހުންނާ ދެކޮޅަށް ކުރި ދައުވާގައިވެ އެވެ.
ތަޒްމީލާއި ޝައިޒަލް ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް، ސައިފް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ. އެ އެންމެން ވެސް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވި އެވެ.
ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ޣައިރު ގާނޫނީ އެއްވުންތަކުގައި ބައިވެރިވެ ސަލާމަތީ ބާރުތަކާ މާރާމާރި ހިންގުމާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ މީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު މި ތިން މީހުންނަށް ކުރެ އެވެ. އަދި ސައިފާއި ޝައިޒަލް ހައްޔަރު ކުރުމަށް ފަހު، ފުލުހުންގެ ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ.
ތަޒްމީލް ހައްޔަރުކުރީ ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުއްޓަ އެވެ. ނަމަވެސް މިހާރު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.