އަލީ އަހުމަދު: ގެފުޅުގައި ބަންގި ގޮވުމުގައި 40 އަހަރު
އަލީ އަހުމަދު: ގެފުޅުގައި ބަންގި ގޮވުމުގައި 40 އަހަރު

މައްކާ (ޖޫން 1) - މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ބަންގި ގޮވާތާ އަލީ އަހުމަދު އަލް މުއްލާ ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ ބިލާލް 40 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފި އެވެ.

ގެފުޅުގައި ބަންގި ގޮވުން އާއިލީ ގޮތުން ވާރުތަވަމުން ގޮސް އަލީ އަހުމަދު އަލް މުއްލާއާ ހަމައަށް އައިއިރު އޭނާ އަށް މިހާރު މުޚާތަބް ކުރަނީ "ބިލާލް"ގެ ނަމުންނެވެ. އެއީ މާތް ރަސޫލާގެ ޒަމާނުުގައި ގެފުޅުގައި ފުރަތަމަ ބަންގި ވިދާޅުވި ބިލާލްގެފާނަށް ނިސްބަތް ކޮށެވެ.

އަލީ އަހުމަދު އުފަންވެވަޑައިގެންނެވީ 1945 ވަނަ އަހަރު މައްކާގަ އެވެ. އޭނާ ނިސްބަތް ވަނީ ގެފުޅުގައި ބަންގިވުމަށް ޚާއްސަ އާއިލާއަށެވެ. މައްކާ ހަރަމްފުޅުގެ ބަންގި ގޮވުމާ އަލީ އަހުމަދު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ 1975 ވަނަ އަހަރު އެވެ. އެއީ އޭނާގެ ބޮޑު ބޭބެ ޝެއިޚް އަބްދުލް މާލިކް އަލް މުއްލާ އަވަހާރަވުމާ ގުޅިގެންނެވެ. އަލީ އަހުމަދުގެ ކާފަ ޝެއިޚް އަލީ އާއި އޭނާގެ ބައްޕަ ސިއްދީގަކީ ވެސް ހަރަމްފުޅުގެ މުދިމްކަން ކުރި ބޭފުޅުންނެވެ. އަދި އޭނާގެ ދެ ބޮޑުބޭބެފުޅާއި ދެބެންގެ ދެދަރި ދެ ބޭފުޅަކު ވެސް ވަނީ ހަރަމްގެ މުދިމްކަން ކުރައްވައިފަ އެވެ.

އަލީ އަހުމަދު ވިދާޅުވީ އޭނާ އަށް މިހާތަނަށް ލިބުނު އެންމެ އުފާވެރި ޚަބަރަކީ ހަރަމްފުޅުގެ މުދިމްކަން އޭނާ އަށް ލިބުނުކަން ބައްޕަ އިއުލާން ކުރެއްވި ދުވަސް ކަމަށެވެ.

އަލީ އަހުމަދު ވިދާޅުވީ 1979 ވަނަ އަހަރު ޖުހައިމާން އަލް އުތައިބީ ހަރަމްފުޅު ހިސޯރު ކުރުމުން 23 ދުވަހު ބަންގި މެދުކަނޑާލަން ޖެހުނު ހާދިސާ ތަޖްރިބާ ކުރަން ޖެހުނު ކަމަށެވެ. އަދި އެ ހިސާރު ނިމުމަކަށް ގެނެސް ގެފުޅުގައި ފުރަތަމަ ބަންގި ދިނީ އޭނާ ކަމަށާއި އެ ނަމާދަށް ރަސްގެފާން ޚާލިދު ބިން އަބްދުލް އަޒީޒް ވަޑައިގެންނެވި ކަމަށް ވެސް އަލީ އަހުމަދު ވިދާޅުވި އެވެ.

ސައުދީ ސިފައިންގެ ތެރޭގައި ވެސް ކުރިން އުޅުނު ޖުހައިމާން 400-500 މީހުންނައިގެން ވަދެ ގެފުޅު ހިސޯރު ކުރީ ހިޖުރީ ގޮތުން 1400 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އެވެ. އެކަން ނިމުމަކަށް ގެނައީ ސައުދީ ސްޕެޝަލް ފޯސްގެ ލަޝްކަރަކުންނެވެ. ސައުދީ ސިފައިންނާ ޕާކިސްތާން ސިފައިން ވެސް ގުޅުނެވެ. ޖުހައިމާން ވަނީ މައްކާގައި އާއްމުންގެ ތެރޭގައި ޖެނުއަރީ 9، 1980 ގައި ދަންޖައްސައިފަ އެވެ.