ދެ ފަނޑިޔާރުންގެ އިސްތިއުނާފް މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
ދެ ފަނޑިޔާރުންގެ އިސްތިއުނާފް މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ކުރި ހުކުމް އިސްތިއުނާފް ކުރީ އެ ދެ ބޭފުޅުންނެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މި ހަފުތާގައި ނިންމާލާފައި ވާއިރު، އާދިއްތަ ދުވަހު ހެނދުނު އެ ހުކުމް ކުރަން ހައި ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

އެ މައްސަލައިގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.

އެ މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފް ކޮށް، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

އުއްތަމަ ފަނޑިިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.