ނޯތު ކޮރެއާގެ ލީޑަރު ރަޝިޔާ އަށް ވަޑައިގަތުމަށް ދައުވަތު
ނޯތު ކޮރެއާގެ ލީޑަރު ރަޝިޔާ އަށް ވަޑައިގަތުމަށް ދައުވަތު

ޕިއޮންޔަން (މެއި 31) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރަޝިޔާ އަށް ވަޑައިގަތުމަށް ދައުވަތު ދީފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ނޯތު ކޮރެއާ އަށް މިއަދު ވަޑައިގެން ކިމްއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ލަވްރޯފް އަކީ ކިމްއާ ބައްދަލު ކުރެއްވި ރަޝިޔާގެ ފުރަތަމަ އޮފިޝަލެވެ.

ލަވްރޯފް ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ހެޔޮއެދުންތައް ކިމް އަށް ރައްދު ކުރައްވައިފަ އެވެ.

ރަޝިޔާގެ އެންމެ އިސް ޑިޕްލޮމެޓް ނޯތު ކޮރެއާ އަށް ވަޑައިގެންފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކިމްއާ އެކު އަންނަ މަހު ސަމިޓެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަންނަ މަހު 12 ގައި ސިންގަޕޫރުގައި ބާއްވާ ސަމިޓް ކެންސަލް ކުރިކަން ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް ސަމިޓުގެ ތައްޔާރީތައް ދެ ގައުމުގެ އޮފިޝަލުން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ. ނޯތު ކޮރެއާގެ އިސް ޖެނެރަލަކު އެމެރިކާ އަށް ވަޑައިގެން މިއަދު ވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ ބައްދަލު ކުރައްވައިފަ އެވެ.

ނޯތު ކޮރެއާގެ ޚާރިޖީ ވަޒީރު ރި ޔަންގް ހޯ މިދިޔަ މަހު ވަނީ ރަޝިޔާ އަށް ވަޑައިގެން ލަފްރޯފްއާ ބައްދަލު ކުރައްވައިފަ އެވެ.