31 މެއި 2018 - 15:11

ވޮޝިންޓަން (މެއި 31) - އެމެރިކާގެ އެތެރޭގެ މައްސަލަތަކާ ނުބެހެން ރަޝިޔާ އަށް އިންޒާރު ދީފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް އަށް ފޯނުން ގުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ދުވަސްވަރެއްގައި އެ ގުޅުން އަލުން ރަނގަޅު ކުރެވޭނީ އެމެރިކާގެ މައްސަލަތަކުގެ ތެރެއަށް ރަޝިޔާ އިން ނުވަދެ އޮތުމުން ކަމަށެވެ.
އެމެރިކާ އާއި ރަޝިޔާގެ ގުޅުން ހީނަރުވެފައި ވަނީ އެއް ގައުމު އަނެއް ގައުމުގެ ޑިޕްލޮމެޓުން ފޮނުވާލައި އަދި ޑިޕްލޮމެޓިކް މިޝަންތައް ދާދި ފަހުން ބަންދު ކުރުމާ ގުޅިގެންނެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ފޯނުން މަޝްވަރާ ކުރަން އެދުނީ އެމެރިކާ އިން ކަމަށާއި ދެ ގައުމުގެ މެދުގައިވާ މައްސަލަތައް ހައްލު ކުރަން ބޭނުން ވަނީ ޕްރޮފެޝަނަލް މަޝްވަރާގެ ތެރޭން ކަމަށެވެ.
އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ. އެމެރިކާގެ ޖާސޫސީ އެޖެންސީ، ސީއައިއޭ އިން ގަބޫލް ކުރާ ގޮތުގައި އެމެރިކާގެ އިންތިޚާބުގައި ޓްރަމްޕް ހޮވަން މަގުފަހިވާ ގޮތަށް މަސައްކަތް ކުރަން އެޖެންޓުންނަށް އަންގާފައި ވަނީ ރައީސް ލަޑިމިއާ ޕުޓިން އެވެ. ޕޮމްޕެއޯ އަކީ ސީއައިއޭގެ ކުރީގެ ޑިރެކްޓަރެވެ.