31 މެއި 2018 - 14:37

ކިއޭވް (މެއި 31) - ރަޝިޔާއާ ދެކޮޅު ނޫސްވެރިއަކު ޔުކްރޭނުގައި މަރާލި ކަމަށް ބުނި ޚަބަރު ދުނިޔޭގެ ބޮޑެތި ނޫސްތަކުގައި ލިޔެފައި ވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމަކަށް އެ ނޫސްވެރިޔާ ދިއުމުން ހައިރާންކަން ލިބިއްޖެ އެވެ.
ޔޫކްރޭނުގެ ސެކިއުރިޓީ ސާވިސް އިން ބުނީ ނޫސްވެރިޔާ އާކަޑީ ބަބްޗެންކޯ މަރާލި ކަމަށް ދައްކަން ޖެހުނީ ބޮޑު ރޭވުމެއް ފަޅާ އަރުވާލަން ކަމަށެވެ. ނޫސްވެރިޔާގެ އެޕާޓްމަންޓުގައި ހުއްޓާ އޭނާ މަރާލި ކަމަށް ޔޫކްރޭނުން ބުނީ ބަޑި ޖަހައިގެންނެވެ. އަދި އެއީ ކޮންޓްރެކްޓަށް ބަޔަކު ކުރި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫކްރޭނުގެ ސަލާމަތީ އިސްވެރިޔާ ވަސީލް ގްރީޓްސަކް ވިދާޅުވީ ނޫސްވެރިޔާ މަރާލި ކަމަށް ބުނެ ޚަބަރު ފަތުރަން ޖެހުނީ ރަޝިޔާ އިން އެ ނޫސްވެރިޔާ މަރާލަން ރޭވި ރޭވުން ފަޅާ އަރުވާލަން ކަމަށެވެ. އަދި ނޫސްވެރިޔާ މަރާލުމުގައި އެންމެ އިސް މޭސްތިރިޔާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޔޫކްރޭނުން ބުނެ އެވެ. ޔޫކްރޭނުން ބުނީ ނޫސްވެރިޔާ މަރާލާ މަތިން އެ މީހާ އަށް ރަޝިޔާ އިން 40،000 ޑޮލަރު ދީފައިވާ ކަމަށެވެ.
ޔޫކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ފަހުން ވަނީ ނޫސްވެރިޔާއާ ބައްދަލުކޮށްފަ އެވެ. ޕޮރޮޝެންކޯ ވިދާޅުވީ ރަޝިޔާ އެންމެ ޖެހިލުންވާ އެއް ނޫސްވެރިޔާ މަރާލަން ރޭވީ ޔުކްރޭނުގެ ހާލަތު އިތުރަށް ގޯސް ކުރަން ކަމަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ޔޫކްރޭނުން އެފަދަ ކަމެއް ރޭވީތީ އެކަން ކުށްވެރިކޮށްފަ އެވެ.
ނޫސްވެރިޔާ ބަބްޗެންކޯ އަށް ލިބެން ފެށި އިންޒާރުތަކާ ގުޅިގެން އޭނާ ރަޝިޔާ ދޫކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފުރަތަމަ ދިޔައީ ޗެކް ރިޕަބްލިކަށެވެ. އޭގެ ފަހުން ޔޫކްރޭނަށް ދިޔައީ އިޒްރޭލުގައި ދުވަސްކޮޅަކު އުޅުމަށް ފަހު އެވެ.