ކެލޮރީޒް މަދު ކާނާތަކަށް ކޭއެފްސީން އަމާޒު ހިފައިފި
ކެލޮރީޒް މަދު ކާނާތަކަށް ކޭއެފްސީން އަމާޒު ހިފައިފި

މަޝްހޫރު ފުޑް ޗެއިން ކޭއެފްސީގެ ރަހަތަކަށް ދެވި ހިފާފައި ތިއްބަސް ސިއްހަތަށް ނުބަލާ ނަމަ އެއީ މައްސަލައެކެވެ. އެހެންވެ އެ ބްރޭންޑްގެ ކެއުންތަކާއި ބުއިންތަކަށް ލޯބިކުރާ މީހުންނަށް މިހާރަށް ވުރެ ދުޅަހެޔޮ މެނޫއެއް ގެނެސްދޭން ވަނީ އަމާޒު ހިފައިފަ އެވެ.

އަމާޒަކީ 2025 އަންނަ އިރު، ކޭއެފްސީން ސާވް ކުރާ ކޮންމެ ބާވަތަކުން 20 ޕަސަންޓަށް ކެލޮރީޒް ދަށްކުރުމެވެ.

ބާގެއިން ބަކެޓްސް އާއި ޒިންގަ ބާގާ އަށް މަޝްހޫރު ކޭއެފްސީން ބުނި ގޮތުގައި މި ބަދަލު ގެނައި ނަމަވެސް، ކަސްޓަމަރުން މާޔޫސްވާކަށް ނުޖެހޭނެ އެވެ. އެއީ ކޭއެފްސީގެ ހަގީގީ ރަހަ ނުގެއްލޭ ގޮތަށް، ބަދަލު ގެންނާތީ އެވެ.

"ހަގީގަތުގައި މިއީ އަހަރެމެން ނަގާ ޗެލެންޖެއް ވެސް މެ. ކަސްޓަމަރުންނަށް ދޭން އޮތް ޔަގީންކަމަކީ މި ބަދަލުތަކާ އެކު ވެސް އަހަރެންގެ ކާނާތަކުގެ ހަގީގީ ރަހަ ގުރުބާން ނުކުރާނެކަން،" ކޭއެފްސީގެ ހެޑް އޮޑް ފުޑް އިނޮވޭޝަން ވިކްޓޯރިއާ ރޮބަޓްސަން ބުންޏެވެ. "މިއީ ކަސްޓަމަރުންގެ ސިއްހަތަށްޓަކައި ގެންނަ ހެޔޮ ބަދަލެއް. ގިނަ މީހުންނަކީ މިހާރު ވަރަށް ބަލައިގެން ކެއުމުގެ ވައްޓަފާޅި ގެންގުޅޭ މީހުން. އެހެންވީމަ އެ މިސްރާބަށް އަހަރެމެން ވެސް އެބަ ޖެހޭ ދީލާލަން."

މި އަހަރުގެ ތެރޭގައި ކޭއެފްސީގެ ބުއިންތަކަށް ވެސް ބަދަލު ގެނެސް، ވެޖެޓޭރިއަނުންނަށް ހާއްސަ ކެއުންތައް ވެސް ތައާރަފު ކުރާނެ އެވެ. ބުއިންތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ލޯ ނުވަތަ ޒީރޯ ކެލޮރީޒް ކާބޮނޭޓެޑް ބުއިންތައް ކަސްޓަމަރުންނަށް ފޯރުކޮށް ދޭނެ އެވެ.

އިނގިރޭސިވިލާތުގެ މީހުން ފަލަވާ މައްސަލައާ ދެކޮޅަށް މިހާރު ތަފާތު ކެމްޕޭންތައް ވެސް ހިންގަމުން އަންނަ އިރު، އެ ގައުމުގެ ކޭއެފްސީ ބްރާންޗްތަކުން ހުރީ ލަނޑުދަނޑިތަކެއް ކަނޑައަޅައިފަ އެވެ.

އެގޮތުން ހެނދުނު ނާސްތާއަކީ ގިނަވެގެން 400 ކެލޮރީޒް، މެންދުރާއި ރޭގަނޑުގެ ކެއުމަކީ 600 ކެލޮރީޒް އަށް ވުރެ އިތުރު ނުވާ މިންވަރަކަށް ހެދުމަށް ހިތްވަރު ދިނުން ހިމެނެ އެވެ.