01 ޖޫން 2018 - 09:24

ގާތުން ބޯ ތުއްތު ދަރިފުޅު ގޮވައިގެން އާންމު ތަނެއްގައި ހުއްޓައި ބުއް ދޭން ޖެހިއްޖެ ނަމަ އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ މިކަމަށް ހާއްސަކޮށްގެން އީޖާދުކުރި ޓީޝާޓެއް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ.
އިނގިރޭސިވިލާތުގެ ދަ މިލްކީ ޓީ ކޮމްޕެނީން އުފެއްދި ޓީޝާޓް ފަރުމާކޮށްފައި ވަނީ އޭގެ އަރިމަތިން ސިއްރު ޒިޕެއް ލައްވައިފަ އެވެ. އެހެންވެ މި ޒިޕް ދަމާލައިގެން، ރަނގަޅަށް ނިވާ ވެގެން އިނދެ ވަރަށް ފަސޭހަ އިން ދަރިފުޅަށް ބުއް ދެވޭނެ އެވެ.
މި ޓީޝާޓްގެ މޭސްތެރިޔާ ލޯރެން ހެމްޝަޔާ ބުނީ ކިރުމައިންނަށް ހާއްސަ ޓީޝާޓެއް އުފެއްދުމުގެ ހިޔާލު އައީ ދެވަނަ ދަރިފުޅު ލިބިގެން، ބުއް ދޭން ބައެއް ފަހަރު ކުރިމަތިވި ހުރަސްތަކާ ހެދި ކަމަށެވެ.
މި އުފެއްދުމަށް އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭސަންގެ ވާޖިން ބިޒްނެސް ވޫމް އެވޯޑް ވެސް ލިބިފައިވެ އެވެ.
"މި ކަހަލަ އެއްޗެއް އުފައްދަން ހިޔާލު އައީ މީގެ ދެ އަހަރު ކުރިން. އަހަރެން ގަބޫލު ކުރަނީ މި ޓީޝާޓް ސަބަބުން އަންހެނުންނަށް ވަރަށް ބޮޑު ލުޔެއް ގެނެސް ދޭނެ ކަމަށް،" ލޯރެން ބުންޏެވެ. "މިއީ ހަމަ ލައިގެން ހުންނަން އާދައިގެ ޓީޝާޓެއް. މާ ބޮޑު ތަފާތެއް އިހުސާސެއް ނުކުރެވޭނެ."
ބާޒާރުން މިހާރު 26.99 ޕައުންޑަށް ގަންނަން ލިބޭ ޓީޝާޓް މިދިޔަ ފެބްރުއަރީ މަހުގައި ރަސްމީކޮށް ލޯންޗް ކުރުމާ އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބެން ފަށައިފަ އެވެ.
"މިއަށް ލިބެމުން އަންނަ ތަރުހީބާ އެކު ދެން ބޭނުން ވަނީ ބްރެސްޓް ފީޑިން ޖަމްޕާޒް ވެސް އުފެއްދަން،" ލޯރެން ބުންޏެވެ.