02 ޖޫން 2018 - 08:36

ކާނާ ރައްކާކުރާނެ ދަޅުތަކާއި ފޮށިތައް ބައިވަރެވެ. އެކަމަކު ކާބޯތަކެތި ނުބައިވާކަން ދެނެގަންނާނެ ގޮތެއް ނޯވެއެވެ. މިކަމަށް ހައްލެއް ގެނެސްދިނީ ސްމާޓަވެއާ އެވެ. އެމެރިކާގެ އޯވީ ކުންފުނީގެ މި އުފެއްދުމަކީ ނުބައިވެގެން އުކާލަންޖެހޭ ކާބޯތަކެތީގެ އަދަދު މަދުކުރުމަށް މުހިއްމު އުފެއްދުމެކެވެ.
ސްމާޓަވެއާ މަރުކާގެ ދަށުން އުފައްދާފައިވަނީ ހަމައެކަނި ދަޅުދަޅެއް ނޫނެވެ. ދަޅާއި ފުޅި އާއި ތިއްބާ ދައްޗާއި ސްމާޓް ޓެގްވެސް ހިމެނެއެވެ. ސްމާޓް ޓެގަކީ މަތިގަނޑަށް ލައްވާލާ ކުޑަ ފިތެކެވެ. މި ފިތް މަތިގަނޑަށް ލައްވާލުމަށްފަހު ސްމާޓްފޯނު އެޕަށް އެ މައުލޫމާތު ފޯރުކޮށްދިނުމުން ފިތަށް ކުލަ އަރާނެއެވެ. ނުބައިނުވާ ރަގަޅު ކާނާ އެ ދަޅުގައި ހުރި ނަމަ ފެހިކުލައެވެ. ދުވަސްކޮޅަކަށް ފަހު ފެހި ކުލަ ބަދަލުވާނީ ރީނދޫ ކުލައަށެވެ. މީގެ މާނައަކީ ނުބައިވަމުންދަނީއެވެ. ކާން އެއްގޮތަކަށް ވެސް ކަމުނުދާ ނަމަ އަރާނީ ރަތް ކުލައެވެ.
ދަޅުގައި ރައްކާކުރާ ކާނާ އާއި ކާނާގެ މުއްދަތު ކަނޑައެޅުމަކީ އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ސްމާޓް އެސިސްޓަންޓް އެލެކްސާއަށް އިރުޝާދު ދީގެން މިކަން ކުރެވެއެވެ. ނޫން ނަމަ ސްމާޓަވެއާގެ އެޕްގައި އެ މައުލޫމާތު ރައްކާކުރެވެން ވެސް ހުރެއެވެ. މި ގޮތަށް ރައްކާކުރާ މައުލޫމާތުން، ދުވަސް ހަމަވާ މުއްދަތު ކަނޑައެޅެއެވެ.
ސްމާޓްވެއާ އެޕްގެ ތެރޭން، ކާނާ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ ހުންނަ އެޕްތަކަށް ވެސް ވަދެވެ އެވެ. އައިސްއަލަމާރީގައި ސްމާޓް ޓެގު އަޅުވާފައި ހުރި ކާނާ ބޭނުންކޮށްގެން ހެދޭނެ ކާނާ މި އެޕްތަކުން ފެންނަންހުރެއެވެ. ދަޅުތަކުގައި ހުރި ކާނާ ނުބައިވާ ދުވަސް އައުމުން އެކަމުގެ އިންޒާރު ސްމާޓްފޯނަށް ފޮނުވައިދެއެވެ.