ސަލްމާން އަނެއްކާ ވެސް އާ އެކްޓަރަކު ތައާރަފްކުރަނީ
ސަލްމާން އަނެއްކާ ވެސް އާ އެކްޓަރަކު ތައާރަފްކުރަނީ

ކުރިން ވެސް ބައެއް ތަރިން ފިލްމީ ދާއިރާ އަށް ތައާރަފުކޮށްދީފައިވާ ސަލްމާން ހާން އަނެއްކާ ވެސް އާ އެކްޓަރަކު ބޮލީވުޑަށް ލޯންޗް ތައާރަފްކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ސަލްމާން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ކުޑަ ފިރިހެން ކުއްޖަކު އުރާލައިގެން ހުރި ފޮޓޯއެއް ހިއްސާކޮށް، އެ ކުއްޖާ މިހާރު ބޮޑުވެއްޖެ ކަމަށާއި އޭނާ ފިލްމީ ދާއިރާ އަށް ނެރެން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ބުރާސްފަތި ދުވަހު ކުރި ޓްވީޓްގައި ވަނީ އެ ކުއްޖާ މިހާރު ހުރި ގޮތް ދައްކާލައި އެއީ ކާކުން ފޭނުންނާ ހިއްސާކޮށްފަ އެވެ.

ސަލްމާން މި ފަހަރު ލޯންޗް ކުރާ އެކްޓަރަކީ ޒަހީރް އިގްބާލެވެ. އޭނާއަކީ ސަލްމާންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެކެވެ.

ޒަހީރު ބޮލީވުޑަށް ތައާރަފު ކުރާ ފިލްމްގެ ނަން އަދި އިއުލާން ނުކުރި ނަމަވެސް އެ ފިލްމްގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ކަޝްމީރުގައި ފަށަން ވަނީ ނިންމައިފަ އެވެ. އެ ފިލްމް ޑައިރެކްޓް ކުރަނީ ފިލްމިސްތާން (2012) ގެ ޑައިރެކްޓަރު ނިތިން ކައްކަރް އެވެ.

ސަލްމާން ހާން ފިލްމްސް (އެސްކޭއެފް) އިން އުފައްދާ އަސަރު ގަދަ ލޯބީގެ ވާހަކައަށް ހަދާ ފިލްމްގެ ބަތަލާގެ ނަން ވެސް ވަރަށް އަވަހަށް އިއުލާން ކުރަން ވަނީ ނިންމައިފަ އެވެ.

ޒަހީރާ ބެހޭ ގޮތުން ސަލްމާން ބުނީ އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި ޒަހީރު އުފަންވީ ވެސް ތަރިއަކަށް ވާން ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ ފިލްމް "ހީރޯ" އިން ބޮލީވުޑަށް ނެރުނު ސަލްމާން މިހާރު އަންނަނީ އޮކްޓޯބަރުގައި ރިލީޒް ކުރާ "ލަވްރަތުރީ" އިން ޅިޔަނު އާޔޫޝް ޝަރްމާ ވެސް ބޮލީވުޑަށް ނެރެން ތައްޔާރުވަމުންނެވެ.

ސަލްމާން ލޯންޗް ކުރި ބަތަލާއިންގެ ތެރޭގައި ސޮނާކްޝީ ސިންހާ (ދަބަންގް)، ޒަރީން ހާން (ވީރް)، ޑެއިޒީ ޝާހް (ޖެއި ހޯ) އަދި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ (ހީރޯ) ފާހަގަކޮށްލެވެ އެވެ. އަދި "ލަވްރެތުރީ" އިން ވަރީނާ ހުސައިން ވެސް ބޮލީވުޑަށް ތައާރަފުވެގެން ދާނެ އެވެ.