31 މެއި 2018 - 11:25

ޒިއުރިކް، ސްވިޒަލެންޑް (މެއި 31) - މެޗު ފިކްސިން މައްސަލައެއްގައި ދާދި ފަހުން މުޅި އުމުރަށް ސަސްޕެންޑްކުރި ސައޫދީ އަރަބިއާގެ ރެފްރީ ފަހަދު އަލް-މިރްދާސީ މި ފަހަރު ވޯލްޑް ކަޕުން ބާކީކޮށްފި އެވެ.
އަލް-މިރްދާސީ އަކީ 2011 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީ އެކެވެ. ސައުދީ އެފްއޭ އިން އޭނާ މުޅި އުމުރަށް ސަސްޕެންޑްކުރަން ނިންމީ ކިންގްސް ކަޕް ފައިނަލުގައި އަލް-އިއްތިހާދާއި އަލް-ފައިސަލީ ކުޅުނު މެޗު ފިކްސްކުރަން މަސައްކަތްކުރުމުންނެވެ. އެއާ އެކު ފީފާ އިން ވެސް އެ މައްސަލަ ބެލުމަށް ފހަު ވޯލްޑް ކަޕުން ބާކީކުރީ އެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފެޑެރޭޝަނުން ބަލާ މިންގަނޑާއި އަލް-މިރްދަސީ ހިލާފުވެފައިވާތީ ވޯލްޑް ކަޕްގައި ރެފްރީ ކުރުމުގެ ފުރުސަތު އޭނާ އަަށް ނުދޭން ނިންމާފައިވާ ކަމަށެވެ. އަލް-މިރްދަސީގެ ބަދަލުގައި އިތުރު ރެފްރީ އަކު ނުގަން ނިންމިއިރު، ދެ އެސިސްޓަންޓް ރެފްރީން ވަނީ އޮފިޝަލުންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ޔޫއޭއީގެ ހަސަން އަލް-މާހްރީ އާއި ޖަޕާނުގެ ހިރޯޝީ ޔަމައޫޗީ އެވެ.
ސައުދީ އެފްއޭ އިން އަލް-މިރްދަސީ އަށް ފިޔަވަޅު އެޅީ އޭނާ މެޗު ފިކްސްކުރަން މަސައްކަތްކުރި ކަމުގެ ހެކި ލިބުމުންނެވެ. ކިންގްސް ކަޕް ފައިނަލުގައި ކުޅުނު އެއް ޓީމެއްގެ އަތުން އަލް-މިރްދާސީ 100،000 ޑޮލަރުގެ ނެގި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލް-މިރްދާސީ އޭނާ ކުށަށް އިއުތިރާފްވީ އެ މައްސަލައިގައި އޭނާ ޕޮލިހަށް ހާޒިރުކޮށް މައްސަލަ ތަހުގީގުކުރަން ފެށިތާ ދުވަސްތަކެއްވި ފަހުންނެވެ.
އުމުރުން 32 އަހަރުގެ އަލް-މިރްދާސީ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ވެސް ގިނަ މެޗުތަކެއްގައި އޮފިޝަލްކަން ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ރަޝިއާގައި އޮތް ކޮންފެޑެރޭޝަން ކަޕްގައި ވެސް އޭނާ ރެފްރީކަން ކުރި އެވެ.