ބެލްޖިއަމްގެ ސަޕޯޓަރުންނަށް ލުކާކޫ ފާޑުކިޔައިފި
ބެލްޖިއަމްގެ ސަޕޯޓަރުންނަށް ލުކާކޫ ފާޑުކިޔައިފި

ބްރުސެލްސް، ބެލްޖިއަމް (މާޗް 31) - އޭނާ އަށް އެންމެ އެކަށީގެންވާވަރުގެ ސަޕޯޓެއް ނުލިބޭ ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބެލްޖިއަމްގެ ސަޕޯޓަރުންނަށް ފާޑުކިޔައިފި އެވެ.

ދާދި ފަހުން ލުކާކޫގެ ކޮއްކޮ ޖޯޑަން ލުކާކޫ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ބޭބެ އަށް ސަޕޯޓަރުންގެ ފަރާތުން ލިބެން ޖެހޭ ސަޕޯޓް ނުލިބޭ ކަމަށެވެ. އެކަމާ ގުޅޭގޮތުން ލުކާކޫއާ ސުވާލުކުރުމުން އޭނާ ބުނީ އެއީ ހަގީގަތް ކަމަށެވެ.

"އޭނަ (ޖޯޑަން) އެ ބުނީ ހަގީގަތެއް. އެކަމަކު އަހަރެން ބުނިން އެއީ ސަމާލުކަންދޭން ޖެހޭ ކަމެއް ނޫން ކަމަށް. ސަޕޯޓަރުންނަށް ނުބަލައި އަހަރެމެން ކުރަން ހުރި މަސައްކަތް ކުރީމަ ނިމުނީ ކަމަށް،" ލުކާކޫ ބުންޏެވެ.

މިދިޔަ މާޗް މަހު ސައުދި އަރަބިއާ އަތުން 4-0 އިން ބެލްޖިއަމް މޮޅުވި މެޗުގައި ލުކާކޫ ދެ ލަނޑު ޖެހި އެވެ. އެއާ އެކު އޭނާ ވެފައިވަނީ ގައުމީ ޓީމަށް 33 ލަނޑު ޖަހައި ބެލްޖިއަމް ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އެ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ލުކާކޫ އަށް ވަނީ ބޮޑު ތަރުހީބެއް ދީފަ އެވެ.

"އެއީ ނުވަ އަހަރު ތެރޭގައި އަހަންނަށް ދިން ފުރަތަމަ ސަޕޯޓް. އެއީ އަހަންނަށް ސަޕޯޓަރުންގެ ފަރާތުން އެންމެ ހައްގުވާ ސަޕޯޓެއް ނޫން. އެ އަށް ވުރެ ބުރަ މަސައްކަތްތަކެއް އަހަރެން ކޮށްފިން،" ލުކާކޫ ބުންޏެވެ.

އުމުރުން 25 އަހަރުގެ ލުކާކޫގެ މި ވާހަކަތަކާ ގުޅިގެން އެ ޓީމަށް އަންނާނެ ފާޑުކިޔުން އިތުވާނެ ކަމަށް ބެލެވޭއިރު، މިހާރު ވެސް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެއީ ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި މި ސީޒަނުގައި ރޯމާ އަށް މޮޅުކުޅުމެއް ދެއްކި ރަޖާ ނައިންގޯލަން ހިމަނާފައިނުވާތީ އެވެ. ސްކޮޑުން ފުރުސަތު ނުދޭތީ ނައިންގޯލަން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ އެކުވެރިކަމުގެ މެޗެއްގައި ބެލްޖިއަމް ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.