02 ޖޫން 2018 - 08:40

ބޮޑު ކާސްޓަކާ އެކު މިހާރު ޝޫޓް ކުރަމުން އަންނަ ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ ކާސްޓާ ބަތަލާ ކިރިތީ ސެނަން ވެސް ގުޅިއްޖެ އެވެ.
ނަމަވެސް އޭނާ ފެންނާނީ ފިލްމްގެ ހާއްސަ ލަވައަކުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ކިރިތީ ފެނިގެންދާ ލަވައިގެ ޝޫޓިންގެ ތައްތާރީތައް މިހާރު ކުރިއަށްދާ އިރި، ލަވައިގައި އޭނާ ފެނިގެން ދާނީ ވަރުން ދަވަން އާއި އަދިތިޔާ ރޯއީ ކަޕޫރާ އެކުގަ އެވެ. ކިރިތީ ވަނީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" ގައި ވެސް ވަރުންއާ އެކު މަސައްކަތްކޮށްފަ އެވެ.
ޕްރިތަމް ޗަކްރަބަތީގެ މިއުޒިކް އަޑު އިވިގެންދާ "ކަލަންކް" ގައި ކިރިތީ ކުޅޭ ލަވައިގެ ކޮރިއޯ ހަދަނީ ރެމޯ ޑި ސޫޒާ އެވެ. ތިން ދުވަހުގެ ތެރޭގައި ލަވައިގެ ޝޫޓިން އެއްކޮށް ނިންމައިލަން ހަމަޖެހިފައިވާ އިރު، ލަވަ ޝޫޓް ކުރަނީ އެކަމަށް ހާއްސަކޮށްގެން ހަދާފަވައިވާ ހިތްގައިމު ސެޓެއްގަ އެވެ.
ދެހާސް ސާދައިގައި "2" ސްޓޭޓްސް" ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން ޑައިރެކްޓް ކުރާ "ކަލަންކް" ގެ ކާސްޓުންގެ ތެރޭގައި ވަރުން އާއި އަދިތިޔާގެ އިތުރުން މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، ކުނާލް ކޭމޫ އަދި ކިއާރާ އަދްވާނީ ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް 19 ގަ އެވެ.
އަރްޖުން ކަޕޫރާ އެކު ކުޅޭ، އަޝުތޯޝް ގޮވަރިކާގެ "ޕަނިޕަޓް" އަށް ވެސް ކިރިތީ މިހާރު ތައްޔާރީތައް ވަމުން އަންނަ އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ދިލްޖީތު ދޮސަންޖާ އެކު ކުޅޭ "އަރުޖުން ޕަޓިއާލާ" އިންނެވެ.
ޒުވާން ބަތަލާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަނެއްކާ ވެސް ބޮޑު ކާސްޓެއް ހިމެނޭ "ހައުސްފުލް 4" ހިމެނެ އެވެ.