24 މެއި 2016 - 07:11

ސީރިއާގެ މެދުތެރޭގައި ރަޝިޔާ ސިފައިން ބޭނުން ކުރާ ވައިގެ މަރުކަޒަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ އެވެ.
ޓީ4 ވައިގެ މަރުކަޒަށް މިދިޔަ ހަފުތާއި ދިން ހަމަލާތަކުގައި ވަނީ ހަތަރު ހެލިކޮޕްޓަރާއި 20 ލޮރީ ހަލާކުކޮށްލައިފަ އެވެ. ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ވެބްސައިޓަކުން ބުނެފައި ވަނީ ހަލާކުކޮށްލި ހެލިކޮޕްޓަރުތައް ރަޝިޔާ ސިފައިންނާއި ސީރިއާ ސިފައިން ވެސް ބޭނުންކުރާ ކަމަށެވެ. ނަމަވެސް މި ކަމާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ.
ރަޝިޔާ ސަރުކާރާ އިދިކޮޅު ވެބްސައިޓަކުން ބުނެފައި ވަނީ ޓީ4 ވައިގެ މަރުކަޒުގައި އަލިފާން ރޯކޮށްލާފައި ވަނީ ތެޔޮ ޓޭންކެއް ގޮއްވާލައިގެން ކަމަށެވެ. އަދި އަދި ހެލިކޮޕްޓަރުތަކާއި ލޮރީތައް އަނދައިގެން ދިޔައީ ޓޭންކުގައި ރޯވި އަލިފާންގަނޑު ފެތުރިގެން ކަމަށެވެ. މިއީ އައިއެސްއާ ދެކޮޅަށް ރަޝިޔާ އިން ހަމަލާތައް ދޭން ފެށި ފަހުން އެ ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ. އައިސްއާ ދެކޮޅަށް ރަޝިޔާ އިން ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.