31 މެއި 2018 - 08:33

އިއްޔެ އާ ގުޅޭ
އަބަދުގެ އަބަދަށް ނިންދަވައިލާށެވެ. ކުއްލިއަކަށް އެ ދެމެދަށް ޖެނީ ވަނެވެ. ޖެނީ ހުރީ ތެމިފޯވެފައެވެ. މަޒްލާންގެ ކުރިމަތީގައި ޖެނީ ވެސް އިސްކޮޅުން ވަރަށް ކުޑައެވެ.
"ދުރަށްޖެހޭ ދައްތާ!" މަޒްލާން އަމުރުކުރިއެވެ. "އެހެންނޫނީ ތީ ކާކުކަން އަހަރެން ހަނދާންނައްތާލާނަން."
"މަ ބޭނުމެއް ނޫން ތި އަނގައިން މަށަށް ދައްތަ ކިޔާކަށް،" ޖެނީ ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. "މަންމަޔާ ދިމާލަށް ތި ފާޑަށް ފުންމައިގަންނަން މަޒްލާން ލަދެއްނުގަނޭތަ؟"
އެ ތަނުގައި ވާނުވާއެއް ޒޫނާއަކަށް ނޭނގެއެވެ. ހޭނެތިގެން ޒޫނާ ވެއްޓިފައި އޮތީ ކުޑަކޮށް ފެންހެދިފައިވާ ދިމާއަކަށެވެ. ޒޫނާގެ ގަޔަށާއި މޫނަށް އޭރު ވެސް ވާރޭ ވެހެމުންދިޔައެވެ. ޒޫނާ ހޯދަންއުޅުނު އެންމެން އުޅުނީ މުޅިން އެހެން ހިސާބެއްގައެވެ.
"މަ ލަދުގަންނަނީ އިންސާނަކަށް މަންމަ ކިޔަން ޖެހުނީތީ،" މަޒްލާންގެ އަޑު ވަރުގަދައެވެ. "ނިކަން އޭނަގެ މޫނަށް ބަލައިލަބަލަ!"
ޖެނީ އެނބުރިފައި ޒޫނާގެ މޫނަށް ބަލައިލިއެވެ.
"ރަނގަޅަށް މޫނު ފެނުނީމަ މިހާރު ހަނދާންވެދާނެ ކަންނޭނގެ ދައްތަޔަށް އޭނަ ހަދައިލި ގޮތް،" މަޒްލާން ރުޅި މަޑެއް ނުވެއެވެ. "ކިއި އެއްޗެއްސާ، ދެރަކުރި ވަރާ، ހިތުގަޖެއްސި ވަރު."
ޖެނީއަށް ފެންނަނީ ކުލުނުން ފުރިފައިވާ މަންމައެއްގެ މޫނެވެ. ގޮތް ހުސްވެ ބިކަ ހާލުގައި ޖެހިފައިވާ މައިމީހާއެވެ. ކުރިން ނުވިދާހާ އަލިގަދަކޮށް ކުއްލިއަކަށް ވިދައިލައިފައި، ކައިރީގައި ހުރި ގަހަކަށް ހޮނުއެޅިއެވެ. ގަހުގެ ބިޔަ ގޮފިގަނޑެއް އިރައިގެންދިޔައެވެ. ގޮފިގަނޑު ވެއްޓުނީ ޒޫނާގެ މޫނުމައްޗަށެވެ. އެކަމަކު މޫނުގައި ޖެހުމުގެ ކުރިން ގޮފިގަނޑު ކުނޑިކުނޑިވިއެވެ. އެ ތަނުގައި ގެއްލިގެން ހުރި ހައިބަތު ބޮޑު އިފުރީތު ފާޅުވީ އެ ވަގުތުއެވެ. ގޮފިގަނޑު އެއްފަރާތް ކުރީ ޖެނީއާއި މަޒްލާންގެ ބައްޕައެވެ. މަޒްލާން ވަގުތުން އާތްވަށް ވެގެން މައްޗަށް އަރައިގެންދިޔައެވެ. ބައްޕަޔާ ކުރިމަތިލާނެ ހިތްވަރެއް މަޒްލާނަކަށް ނުލިބުނެވެ. ޝުކުރުއަދާކުރަން ބައްޕަޔާ ދިމާއަށް ޖެނީ ބަލައިލިއިރު ބައްޕައެއް ނެތެވެ. ޖެނީ އަވަސްވެގަތީ މަންމައަށް އެހީވާށެވެ.
"މަންމާ!" ޖެނީގެ އަޑަށް ވުރެ ބޮޑަށް ޚަރަކާތް ކުރީ ދެ ތުންފަތް އެކަންޏެވެ.
އެ ވަގުތު ބަޔަކު މީހުން އަންނަ އަޑު ޖެނީއަށް އިވުނެވެ. ޒޫނާއަށް ގޮވާ އަޑު ވެސް އިވުނެވެ. އަވަހަށް މަންމަގެ ނިތްކުރީގައި ބޮސްދިނުމަށް ފަހު ޖެނީ އެ ތަނުން ދިޔައީއެވެ. ޒޫނާ ވެއްޓިފައިއޮއްވާ އެންމެ ފުރަތަމަ ފެނުނީ ޖިނާއަށެވެ.
"ސަމަދު!" ޖިނާ ގޮވިއެވެ.
އަޑުއިވޭ ހިސާބަކު ސަމަދެއް ނެތެވެ. ޖިނާއަށް ޖެހުނީ ޒޫނާ އެ ތަނުން ނަގާށެވެ. ވުމާއެކު ޒޫނާ އަތްދަނޑިމައްޗަށް ލައިގެން ޖިނާ ހިނގައިގަތެވެ. އެ ފަދަ ދުވަހެއް ދެކެން ޒޫނާ ބޭނުންވިއެވެ. ޖިނާ އައިސް ޒޫނާ އުރައިލައިގެން ގެންދިޔުމަކީ ޒޫނާގެ ބިލާހަކަށް ވެފައިވާ ހުވަފެނެކެވެ. ޖިނާއަށް ނުވިސްނެނީ އެންމެ ކަމެކެވެ. ރަނގަޅަށް ނުވެސް ދަންނަ އަންހެންކުއްޖަކު ޖިނާދެކެ އެ ވަރަށް ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟ އެހާ ލޯބިވީއިރު އެ ވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟ ދަތުރުގޮސް އުޅުނުއިރު ޖިނާއާއި ޒޫނާ ކިތަންމެ ފަހަރަކު ދިމާވިއެވެ. ޖިނާއަށް ފާހަގަވި ގޮތުގައި ޒޫނާއަކީ ލަދުރަކި، މަޑުމައިތިރި، ދުރުދުރުން އުޅޭ އަންހެންކުއްޖެކެވެ. ދޯނިމަތީގައި ބޮޑުބެރު ޖެހިއިރު ވެސް ޒޫނާ އިނީ ދުރުގައެވެ. ޕިކަޕުން ބާލުވަން ޖިނާ އަތްދިއްކޮށްލުމުން ވެސް ޒޫނާ ފުރަތަމަ އުޅުނީ ޖިނާގެ އަތުގައި ނުހިފާށެވެ. އެކަމަކު ޒޫނާ ލޯބިވީ ޖިނާ ދެކެއެވެ. އެ ލޯތްބަށް ޒޫނާ އަދާކުރަން ޖެހުނު އަގު ކިތަންމެހާ ވެސް ބޮޑެވެ. އެއީ ލޯބި ހެއްޔެވެ؟ ޖިނާ ހިތަށްއެރިއެވެ. އެ ލޯތްބަށް ދޭނީ ކޮން ނަމެއް ހެއްޔެވެ؟
ޖެނީ ދިރިއުޅެނީ ފަޅުރަށުގައި ހެދިފައިވާ ހޮހަޅައެއް ކަހަލަ ތަނެއްގައެވެ. އެ ތަން ހުންނަނީ ރަށުގެ އެންމެ ގަސް ގިނަ ހިސާބުގައި ހުންނަ ބިޔަ ނިކަގަހުގެ ތެރޭގައެވެ. އެ ތަނަށް ވަންނާކަށް ދޮރެއް ނުހުރެއެވެ. ބޭރުން ބަލާ މީހެއްގެ ލޮލަކު އެ ތަނެއް އަޅައެއްނުގަންނާނެއެވެ. އެކަމަކު، ނިކަގަހުގެ ވަށައިގެން ފައިބައިފައި އޮންނަ ފަލަ މޫތަކުގެ އެތެރޭގައި ދެތިން އިންސާނުންނަށް ދިރިއުޅެވޭހާ ބޮޑު ޖާގައެއް އޮވެއެވެ. ގަސްގަހުގެ ގޮތްޕާއި، މުލާއި، ފަނާއި، އޮށި ބޭނުންކޮށްގެން އެ ތަނުގެ އެތެރެއަށް އިތުރު ދިރުމެއް ގެނެސްފައި ވެއެވެ. އެއީ ޖެނީއަށް ބައްޕަ ހަދައިދީފައިވާ ކުޑަކުޑަ ގަނޑުވަރެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މޭވާތައް އެ ތަނުގައި ހުރެއެވެ. ކުލަކުލައިގެ ހެދުންތައް ހުރެއެވެ. އެ ނޫން އެއްޗެއް ޖެނީ ބޭނުން ވިޔަސް ބައްޕަ ގާތުގައި ބުނާއިރަށް އެ ކަން ހަމަޖެހެއެވެ. ވަގުތުން ވަގުތަށެވެ. ޙަޤީޤަތުގައި އިފުރީތުންނަކީ ދަތުރުކުރާ ބަޔެއް ނޫނެވެ. އެއްތަނުން ގެއްލިފައި އަނެއްތަނުން ފާޅުވާ ބަޔެކެވެ. އޭގެ ފައިދާ ޖެނީއަށް ކުރެއެވެ. ހަމައެހެންމެ އެ ސިފައިގެ ބައިކުޅަބަޔެއް ޚުދު ޖެނީއަށް ވެސް ވަނީ ވާރުތަވެފައެވެ. ގަހުގެ މޫތަކުން މޭޒެއްގެ ބައްޓަން ގެނެސްފައިވާ ކުކުޅުބިސް ބުރުގެ މޭޒު ކައިރީގައި ޖެނީ އިށީނދެލައިގެން އިނެވެ. މޭޒުމަތީގައި ހުރީ ލަކުޑިއާއި، ބިއްލޫރިއާއި، ހިލައިން ހަދައިފައިވާ ތަށްޓެވެ. ތަށިތައް ފުރެންދެން މޭވާ ހުއްޓެވެ. ދޮންވެ ފައްކާވެފައިވާ އަނބާއި، މޭބިސްކަދުރާއި، އާފަލާއި، އޮރެންޖާއި، މުރާކި ވެސް ހުއްޓެވެ. ލަކުޑި މުއްގަނޑު ލައިފައިވާ ކުޑަ ވަޅިއެއް ވެސް މޭޒުމަތީގައި އޮތެވެ. ޖެނީ ކާކަށް ނޫޅެއެވެ. އިސްޖަހައިލައިގެން ވިސްނަން އިނީއެވެ. އެހެން އިންދާ ތަށިތަކާއި މޭޒަށް ލޮޅުންއެރިކަން ޖެނީއަށް އިހުސާސްވިއެވެ. ވީ ކީއްކަން އެނގޭތީ ޖެނީ އެއްވެސް ސަމާލުކަމެއް ނުދިނެވެ.
"ދަރިފުޅާ!" ބައްޕަގެ އަޑު ޖެނީއަށް އިވުނެވެ. "ތިހެން އިންދާ ވާތާވެދާނެ."
"ބައްޕާ!" ޖެނީގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. "މަންމަ ސަލާމަތްކޮށްދީ! ހެޔޮނުވާނެ! އެހެންނޫނީ މަންމަ މަރުވެދާނެ."
ދަރިފުޅުގެ އަޑުގައިވާ އާދޭސް ބައްޕައަށް އިހުސާސް ކުރެވެއެވެ.
"އަހަރުމެން ޖެހޭނެ އިންސާނުންނަށް ވުރެ ޖެހިލުން ކުޑަވާން،" ޖެނީގެ ބައްޕަ ޖަވާބުދިނެވެ. "އެމީހުންގެ ބޮލަށް އަހަރުމެންނަށް އެރެވޭނެ. އަހަރުމެންނަށް އެމީހުން ފެންނާނެ. އަހަރުމެންގެ މުށުތެރެއަށް އިންސާނުން ލެވޭނެ. އެކަމަކު މީގެ ކުރިން ބައްޕައަށް ހީވަނީ މަންމަގެ މުށުތެރޭގަ ބައްޕަ ހައްޔަރުވެފަ ހުންނަހެން. އެއީ ކީއްވެ އަބަދު މަންމަ ބޭނުންވާ ގޮތަށް ކަންތައް ވާންވީ؟ ދެނެއް ނުވާނެ އެހެނެއް. މަންމަ ކިތަންމެ ބޭނުންވިޔަސް މަންމައެއް ދެނެއް ރަނގަޅެއް ނުވާނެ."
"މަންމަ ބޭނުންވާތީއެއް ނޫނޭ ބައްޕަ އެ ކަން ކޮށްދޭންވީ،" ޖެނީ ފެންކަޅިވެފައި ބުންޏެވެ. "އަހަރެން ބޭނުންވާތީ އެ ކަން ކޮށްދޭންވީ. އަހަރެން ދެކެ ބައްޕަ ލޯބިވާތީ!"
"މަންމަ ރަނގަޅުކުރަން ޑޮކްޓަރުން އެބަތިއްބެއްނު!" ބައްޕަގެ ފަރާތުން ލިބުނީ ޖެނީ އުންމީދުކުރި ކަހަލަ ޖަވާބެކެވެ.
ޖެނީ ތެދުވެގެން ގޮސް ބައްޕަ ގާތުގައި ހުއްޓުނެވެ. ބައްޓަމެއް، ސިފައެއް ނެތް ހުދު އަލިގަނޑާ ވާހަކަދެއްކިއެވެ.
"މަންމަ ރަނގަޅުވިޔަ ނުދޭން، މަންމައަށް ފާރަލާން ބައްޕަ ހުރީ މަޒްލާން ބަހައްޓާފަ! އަހަންނަށް އެ ކަން އެނގެޔޭ!" ޔަގީންކަމާ އެކުގައި ޖެނީ ބުންޏެވެ. "މަޒްލާން ޖެއްސުންކުރާހާ ދުވަހަކު މަންމަ ރަނގަޅެއް ނުވާނެ. އަހަންނަށް އެ ކަން ވެސް އެނގޭ. ބައްޕައަށް ވެސް އެނގޭނެ. މަޒްލާން ހުއްޓުވޭނެ ހަމައެކަނި މީހަކީ ބައްޕަ!"
"އެކަމަކު ބައްޕަ އެ ކަމެއް ނުކުރާނެ!" މަޒްލާންގެ އަޑު އިވުނެވެ.
ޖެނީ ބަލައިލިއިރު މަޒްލާން އޮތީ މޭޒުމަތީގައި ބަނޑުޖަހައިލައިގެންނެވެ. ކަޅު ބުޅަލެއްގެ ސިފައިގައެވެ.
"ދަރިފުޅާ!" އޯގާތެރިކަމާ އެކުގައި ބައްޕަ ބުންޏެވެ. "މަންމައަށްޓަކާ ބައްޕަގެ ހިތަކު އެއްވެސް ހަމްދަރުދީއެއް، ރަޙުމެއް ވެސް ނެތް. ހަމަ ތެދެއް މި ބުނީ. އެކަމަކު.."
"ކޮން އެކަމަކުއެއް؟" މަޒްލާން ބިންމައްޗަށް ފުންމައިލަމުން ބުންޏެވެ. "ބައްޕަ ނުޖެހޭ ނިންމުން ބަދަލުކުރާކަށް."
"ބައްޕަ ވާހަކަދައްކަދައްކާ ހުއްޓާ އިހަށް އަނގަނުބާނާ!" މަޒްލާނާ ދިމާއަށް މަޒްލާންގެ ބައްޕަ ބުންޏެވެ. "ދައްތަ ރޯތަން ފެނުނީމަ އަބަދުވެސް ބައްޕަގެ ހިތަށް ތަދުވޭ!"
ދަނޑިވަޅުގެ ބޭނުން ހިފައިފައި ޖެނީ އާދޭސްކުރިއެވެ.
"އެހެންވިއްޔާ،" ޖެނީ ބުންޏެވެ. "އަހަންނަށްޓަކާ ނަމަވެސް މަންމަ ސަލާމަތްކޮށްދީ! ހެޔޮނުވާނެ ބައްޕާ! އަހަރެން މިހާރު މި އުޅެނީ މަންމަ ކައިރިއަކު ވެސް ނޫން. ކުރިން އަހަންނަށް މަންމަ ކަންތައް ކުރިހެން މިހާރަކު ނުވެސް ކުރެވޭނެ."
ބައްޕަގެ ފަރާތުން ވަކި ޖަވާބެއް ޖެނީއަކަށް ނުލިބުނެވެ. އޭގެ މާނަ ޖެނީއަށް އެނގެއެވެ. ހަމަ އެހެންމެ މަޒްލާނަށް ވެސް އެނގެއެވެ.
ވިއްސާރަ އަލިވެއްޖެއެވެ. ފުސްވިލާތައް އުދަރެހުން ކެހި ރޭގަނޑުގެ ރާނީ ދަރުބާރަށް ނުކުމެވަޑައިގެންފިއެވެ. ހަނދުވަރުގެ އަލިން ބިންގަނޑު ގިރިޓީކޮށްލިއެވެ. ފަތްތަކުގައި ހަރުލައިފައިހުރި ފެންތިކިތައް އަލިމަސްތަކެއްހެން ބަބުޅަން ފެށިއެވެ. ބިމުގައި ހެދިފައިވާ ފެންފޮދުގެ ތެރެއަށް ވެއްޓޭ ފެންތިކީގެ އަޑަށް އަޑުހަމަކުރި ރާޅުބާނިތައް ކުޅަދާނަކަން ދައްކަން ފެށިއެވެ. މަޒްލާން އިނީ ތުނޑީގެ މެދެއްހާ ހިސާބުގައި، ދެފައި ވަށްކޮށްލައިގެންނެވެ. އިންސާނަކަށް ވުރެ ބޮޑަށް މަޒްލާން ވައްތަރުވެގެން އިނީ ށުލަތަކާއެވެ. އެއީ ކެހެރި ދިގު، ޚަރަކާތް ލަސް ޖަނަވާރެކެވެ. ދެ އަތް ދިގުވެފައި އަތުގެ އިނގިލިތަކުގެ ބަދަލުގައި ހުންނަނީ ދިގު ތިން ވަތްކެވެ. މަޒްލާންގެ ވަށައިގެން ވިއްސަކަށް ފޫޓު ދުރުގައި، ފަސް ދިމާއެއްގައި ތެތް ފަންތޮށި ޖަހައިފައި ހުއްޓެވެ. މަޒްލާން އިނީ ލޯމަރައިގެންނެވެ. އެތައް އިރަކު އެހެން އިނދެފައި ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. ފަންތޮށިގަނޑަށް ބަލައިލިއެވެ. ގުދުވެގެން ގޮސް ބިންމަތީގައި އުޅަނބޮށި ޖައްސައިލައިފައި އަތްތިލައިގެ ބަނޑުފުށް ވެސް ޖައްސައިލިއެވެ. އެ ވަގުތު އަލިފާން ރޮނގެއް ވެލިގަނޑުގައި ފާޅުވިއެވެ. އެ ރޮނގު ދެމިގެން ގޮސް ތެތް ފަންތޮށިގަނޑުގައި ޖެހުމާއެކު ފަންތޮށިގަނޑު ވަގުތުން ހިކިފައި ހުޅުހިފިއެވެ. ފަހަރަކު ފަންތޮށިގަނޑެއް އެ ގޮތަށް ރޯކުރަމުން ގޮސް ފަސްވަނަ ފަންތޮށިގަނޑު ވެސް ރޯކޮށްލިއެވެ. މަތިން ބަލައިލާއިރު ހީވަނީ ކުޑަކުއްޖަކު އޮރެންޖު ކުލައިން ކުރަހައިފައިވާ އިރެއްހެންނެވެ. މަތިން ބަލަހައްޓައިގެން އޮތް މަޒްލާން ބައްޕަގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. މަޒްލާންގެ ޚަރަކާތުން ސާބިތުކޮށްދިނީ މަޒްލާންގެ ބާރުތައް ފުރިހަމަވެއްޖެ ކަމެވެ.
"ދަރިފުޅާ!" މަޒްލާންގެ ފުރަގަހުން ބިމަށް ތިރިކޮށްލުމަށް ފަހު ބައްޕަ ގޮވައިލިއެވެ.
މަޒްލާން އައީ، ވައިކަފައިފައި އައި ވަޒަނެއްހެން ކުއްލިއަކަށެވެ.
"ބައްޕާ!" ފަޚުވެރިކަމާ އެކުގައި މަޒްލާން ބުންޏެވެ. "މިހާރު އަހަރެންގެ ބާރު ފުރިހަމަވެއްޖެ! ދައްތަގެ މަންމައަށް ދެން އަހުވަފަށެއް ދައްކާލާނަން. ހުންނާތި ބަލަން. ލާހިކު ކުޅަދާނައެއް ނޫން އޭނަ ރަނގަޅުވާކަށް."
ނުނިމޭ