31 މެއި 2018 - 08:41

އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ. އެއީ އެމްޑީޕީއަކީ ޕާޓީއެއް ނޫނެވެ. އެއީ ވަކި ސިޔާސީ ފިކުރެކެވެ. އެ ޕާޓީ އަށް ވަންނަ ކޮންމެ މީހަކު ޕާޓީއާ ގުޅެނީ އެ ފިކުރާ ގަޔާވެ އެ ފިކުރު ގަބޫލު ކުރެވިގެންނެވެ.

އެހެންކަމުން އެ ފިކުރާ އިދިކޮޅު ކޮންމެ ކަމަކާ ކުރިމަތިލުމަކީ އެމްޑީޕީގެ މެމްބަރުން އެންމެ ކުރާ ހިތްވާ ކަންތަކެވެ. ގޮންޖެހުން ކިތަންމެ ބޮޑަސް އެ ފިކުރު ދިރުވައި އާލާކުރުމަކީ އެމްޑީޕީ މެމްބަރުންގެ އެންމެ ބޮޑު އަމާޒެވެ.

ކޯޓު އަމުރެއް ނެރެގެން އިއްޔެ މެންދުރުން ފެށިގެން، އިލެކްޝަންސް ކޮމިޝަނުން ހުއްޓުވަން އުޅުނު، އެމްޑީޕީގެ ރިއާސީ ޕްރައިމަރީއާ މެދު ވެސް އެ ޕާޓީގެ މެމްބަރުން ދުށީ އެ ގޮތަށެވެ. އެ ޕާޓީ ބޭނުންވީ އިލެކްޝަންސް ކޮމިޝަންގެ އިންޒާރުތަކާއި ބިރުދެއްކުންތަކާ އެކު ވެސް ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.

ޕާޓީގެ އާންމު މެމްބަރުން ސާބިތުކޮށްދޭން ބޭނުންވީ، އެ މީހުން ތިބީ ސަރުކާރުގެ ބިރުދެއްކުންތަކަށް ސިހިފައި ނޫން ކަމެވެ. ފުލުހުން ނުކުމެ ވޯޓު ފޮށިތަކެއް އަތުލަމުން ދިޔަ އިރު ވެސް މެމްބަރުން ދިޔައީ ވޯޓު ލަމުންނެވެ.

ކުރީގެ ރައީސް ނަޝީދެކޭ އެއްފަދައިން އެ ޕާޓީގެ މެމްބަރުންގެ ވެސް އެންމެ ފާހަގަކުރެވޭ ސިފައަކީ ގޮތް ދޫނުކުރުމެވެ. އެހެންކަމުން، ކޯޓު އަމުރާ އެކު ފުލުހުން ނުކުމެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް އަތުލަމުން ދިޔަ އިރު ވެސް އެކި ގޮތްގޮތުން އެމްޑީޕީން ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

ބައެއް ރަށްރަށުގައި ވޯޓު ފޮށީގެ ގޮތުގައި ބޭނުންކުރީ ބޮޑެތި ވަޅުބުރި އެވެ. އެހެން ރަށެއްގައި، ސިމެންތި ގަށާ މެޝިނެއް ވެސް ވޯޓު ފޮއްޓެއްގެ ގޮތުގައި ބޭނުންކުރި އެވެ. ވޯޓު ނަގާ މަރުކަޒަށް ފުލުހުން ވަދެ ވޯޓު ފޮށި ހިފައިގެން ނުކުތުމާ އެކު އަނެއް ފޮށި ބަހައްޓައި ވޯޓު ލުން ކުރިއަށް ގެންދެ އެވެ. އެ ވަރުން ނުވެގެން، ބައެއް ރަށްރަށުގައި މީހުންގެ ގޭގެއަށް ހިނގައިގެން ޕްލާސްޓިކް ކޮތަޅަށް ވެސް ވޯޓު ލާފައި އެބަހުއްޓެވެ.

"އަޅުގަނޑުމެން ސާބިތުކޮށްދޭން ބޭނުންވީ އަޅުގަނޑުމެން ވޯޓު ލާނެ ކަން. މިއީ ސަރުކާރުން އިއުލާން ކޮށްފައި އޮތް އިންތިހާބެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ސަރުކާރުން އެދިގެން ކޯޓު އަމުރެއް ނެރެ ފުލުހުން ފޮނުވައިގެން، މި ވޯޓު ލުން ހުއްޓުވިދާނެ ކަމަކަށް," އެމްޑީޕީގެ ރިއާސީ ޕްރައިމަރީގައި ވޯޓު ލާން ނުކުމެ ހުރި ޓެކްސީ ޑްރައިވަރެއް ކަމަށްވާ ހުސައިން، އޭނާގެ ވިސްނުން ހިއްސާކުރި އެވެ.
"މިއީ ޕާޓީގެ އެތެރޭގެ ކަމެއް. އިލެކްޝަންސް ކޮމިޝަން ނުޖެހޭ މި ކަމުގެ ތެރެއަށް ވަންނާކަށް. މިއީ އިލެކްޝަނާ ބެހޭ ވެސް ކަމެއް ނޫން."
އޭނާ އެ ބުނިހެން، އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ އެތެރޭގެ އިދާރީ ހިންގުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި އޮވެގެން ބާއްވާ ވޯޓުލުމެއް ނޫނެވެ. ވީއިރު، އެކަމުގެ ތެރެއަށް ސަރުކާރުން އެހާ ބޮޑަށް ވަދެ އެކަން ހުއްޓުވަން ޖެހެނީ ކީއްވެ ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވަން ސަރުކާރުން އުޅުނީ ގާނޫނީ އެއްވެސް ހުއްޖަތެއް އޮވެގެންނެއް ނޫނެވެ. ހަމައެކަނި މައްސަލައަކީ ރައްޔިތުންގެ މެދުގައި ރައީސް ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ ކަންބޮޑުވުމެވެ.
"މިހާރު މި ފެންނަނީ ބޭރުގައި ހުންނަވައިގެން ވެސް ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނަންޏާ ރައީސް ޔާމީނަށް އެކަން ހަޖަމުނުވާނެ ކަން. އަޅުގަނޑުމެން މި ނެގި ޕޯލުގައި 30،000 އަށް ވުރެ ގިނަ މީހުން ނުކުމެ ވޯޓު ލައިގެން ބުނެފި، ތިމަންނަމެންގެ ޕާޓީގެ ފަރާތުން ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ނަޝީދޭ. އެހާ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް ތާއީދު ކުރާނެ ކަން އެނގޭތީ އެކަން ހުއްޓުވަން ބޭނުންވީ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ބައިނަލްއަގުވާމީ މުޖްތަމައުގެ ނިންމުންތަކަށް ބަލާއިރު ވެސް، ނަޝީދަށް ރިއާސީ ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭނެ އެއްވެސް ސަބަބެއް ނެތެވެ.
"ސުޕްރީމް ކޯޓުން (ފެބްރުއަރީ 1ގައި ނެރުނު އަމުރުން) ނިންމައިފި ރައީސް ނަޝީދަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް. އދ.ގެ ޖަމާއަތްތަކުން ނިންމައިފި އެ މަނިކުފާނަށް ރިއާސީ އިންތިހާބުގައި ކުރިމަތި ލެވޭނެ ކަމަށް. މިއަދު އެމްޑީޕީގެ މެމްބަރުން މި ނުކުމެ ދެއްކީ މި ޕާޓީން ވެސް، މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވަނީ ރައީސް ނަޝީދު ކަން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ނެރެގެން ފުލުހުން ފޮނުވައިގެން ސަރުކާރުގެ މަގްސަދު ހާސިލެއް ނުވި އެވެ. ޕްރައިމަރީގައި ވޯޓު ލުމަކީ މެމްބަރުންގެ އަމިއްލަ ހައްގެއް ކަމާއި، ސަރުކާރުން ދައްކާ ބިރަކަށް އެމްޑީޕީގެ މެމްބަރުން އެ ހައްގު ދޫކޮށްނުލާނެ ކަން ސަރުކާރަށް މިއަދު އެނގޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
"މި އެނގުނީ ތިން ހަތަރު ބުރަށް ފުލުހުން އައިސް އަޅުގަނޑުމެންގެ ވޯޓުލާ މަރުކަޒުތަކަށާއި ޖަގަހަތަކަށް ވަދެ ވޯޓު ފޮށިތައް ގެންދިޔަސް ވެސް ވޯޓުލުން ކުރިއަށް ގެންދިޔަ ކަން. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް އެމްޑީޕީގެ ހައްގު އަދާކުރާނެ. އެމްޑީޕީގެ މެމްބަރުންގެ ހައްގުތައް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ވެސް ހަމަ އެ މެމްބަރުން. ގަލޮޅުގައި ހުރި ފޮށި ފުލުހުން ގެންދިޔައީމާ އަޅުގަނޑުމެން ފަހުން ވޯޓުލީ އަލަ ޑަބިޔަލަކަށް. ކިތަންމެ ރަށެއްގައި އެކި އެއްޗެހި ބޭނުންކޮށްގެން ވޯޓު ލާފައި އެބަހުރި."
ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި ވާދަކުރާނެ ފަރާތްތަކާއި ވޯޓު ލުން ބާއްވާނެ ގޮތް ކަނޑައެޅުމަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކޮށް އުޅުނު ކަމެއް ނޫނެވެ. ޕާޓީއެއްގެ އެތެރޭގެ ވޯޓުލުމެއް ހުއްޓުވުމަށް ކޯޓު އަމުރެއް ހޯދައިގެން އަވަސްވެގަތީ ކޮން ގާނޫނީ ހުއްޖަތަކަށް ބިނާކޮށްތޯ މިހާރު ވެސް ސުވާލު އުފެދެ އެވެ.
ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގެ ތެރެއަށް ސަރުކާރުން ވަނީ، ވަކި ބޭފުޅަކަށް އޮތް ތާއީދު ރައްޔިތުން ހާމަކޮށްފާނެތީ ޖެހިލުން ވެގެންނެވެ.
"އަޅުގަނޑަކަށް ނުފެނޭ އަދި އަމުދުން މި މަރުހަލާގައި، ފުލުހުން ނެރެގެން އެކަން ހުއްޓުވަން ޖެހޭ އެއްވެސް ސަބަބެއް. އަދި ރިއާސީ އިންތިހާބަކަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލީކީ ވެސް ނޫން. މިހާ ކުރިން އެމްޑީޕީން ޕްރައިމަރީއެއް ބޭއްވި އިރު، އަދި އެ ޕާޓީގެ ތެރޭގައި ކަންތައް ވާނީ ކިހިނެއް ކަމެއް ވެސް ނޭނގެ ނޫންތޯ. އެ ޕާޓީގެ ގައުމީ މަޖިލީހުން އެކަން ފަހުން ބަދަލު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ނޫންތޯ," އަލީ ހުސައިން ވިދާޅުވި އެވެ.
"ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހެޅީމާ ނޫންތޯ އެ ބޭފުޅެއްގެ ޝަރުތު ހަމަވެޔޭ ނުވަތަ ނުވެޔޭ ވެސް އިލެކްޝަނުން ބުނަން ޖެހޭނީ. މިހާރު ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓަކަށް ނަޝީދު ހޮވުނަސް، އިލެކްޝަނަށް ނަން ހުށަހެޅީމާ، އެ ކޮމިޝަނަށް ބުނެވޭނެތާ ޝަރުތު ހަމައެއް ނުވެޔޭ. ދެން ދާނީ ސުޕްރީމް ކޯޓަށްތާ، ދިޔައިމާ އެ ކޯޓުންތާ އެންމެ ފަހުގެ ގޮތް ކަނޑައަޅާނީ."
އޭނާ ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ފޮނުވައިގެން ވޯޓު ފޮށިތައް އަތުލައި ވޯޓުލުން ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ބިންގަލެއް ނެތެވެ. އެކަން އެ ކުރީ ފަހަރުގައި ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ވެދާނެ އެވެ.
"ކޮންމެ ގޮތަކަށް ވެސް ސަރުކާރުން ހީކުރި ވަރަށް ވުރެ ބޮޑަށް ސަޕޯޓަރުން ނުކުމެ، ރައީސް ނަޝީދަށް ތާއީދު އޮތް ކަން ދައްކާތީ، ސަރުކާރުން ބޭނުންވީ ކަންނޭނގެ ކޮންމެ ގޮތަކުން ވިޔަސް އެކަން ހުއްޓުވަން. ފުލުހުން ނެރެގެން ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެ މީހުން ގާނޫނަކުން މަނާކޮށްފައި އޮތް ކުށެއް ކުރަނީކީ ނޫން. ޕާޓީގެ މެމްބަރުން ބައިވެރިވެގެން ސުލްހަވެރި ސިޔާސީ ހަރަކާތެއް ހިންގީ،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަން ޚުދު ފުލުހުން ވެސް ގަބޫލުކުރެ އެވެ.
"އެ ކަމަކީ ސީދާ އިލެކްޝަންސް ކޮމިޝަނަށް ހުއްޓުވޭނެ ކަމެއް ނަމަ، އެ ކޮމިޝަނުން ފުލުހުންގެ އިދާރާގައި އެދުމުން ފުލުހުން ވަގުތުން އެކަމެއް ކުރާނެ ނޫންތޯ. އިލެކްޝަންގެ އެންގުމަށް ފުލުހުން އެކަން ކުރަން ބޭނުން ނުވީމާ ނޫންތޯ ކޯޓު އަމުރަކަށް ވެސް އެދުނީ. އިލެކްޝަނަށް ސީދާ ކުރެވޭނެ ކަމެއް ނަމަ ފުލުހުން ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ."
އިންތިހާބުތަކާ ބެހޭ ގާނޫނުތައް އެކަށައެޅިފައި ހުރި ގޮތަށް ބަލާއިރު، އިންތިޚާބަކަށް ފުރުސަތު ހުޅުވައިލުމުން، އެކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި، ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވޭތޯ ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެއްވެސް މީހެއްގެ ކިބައިގައި އެފަދަ ޝަރުތެއް ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެކަން ގަބޫލުނުކުރެވޭ ނަމަ، އެކަން ހައްލު ކުރުމަށް ގާނޫނުތަކުން ކޮށައިދީފައިވާ މަގަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެ ކަމެއް ހައްލު ކުރުމެވެ.
ކޮންމެ ގޮތަކަށް ޕްރައިމަރީ ބާއްވައިގެން ވިޔަސް، އެ ކަމެއްގެ އާޚިރު ނަތީޖާއަކާ ހަމައަށް ވާސިލު ވެވޭނީ، އިންތިޚާބަކަށް ފުރުސަތު ހުޅުވައިލުމުން އިލެކްޝަންސް ކޮމިޝަނަށް ނަންތައް ހުށަހެޅުމުންނެވެ. އޭގެ ކުރިން ކިތަންމެ ޕްރައިމަރީއެއް ބޭއްވިޔަސް ނުކުންނާނެ ނަތީޖާއެއް ނޯންނާނެ އެވެ.
ވީއިރު، އެމްޑީޕީގެ ރިއާސީ ޕްރައިމަރީގައި، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކު ވާދަކުރެއްވިޔޭ ކިޔާފައި، ތެޅިފޮޅިގަންނަންވީ ސަބަބެއް ނެތެވެ. އެކަމުން ހަމަ ގައިމު ވެސް ސަރުކާރަށް ފައިދާއެއް ނުވާނެ އެވެ. އޭގެ ބަދަލުގައި، ސަރުކާރުން ކުރަން ބޭނުންވި ކަންތައް ވެސް ހާސިލު ނުވެ، ސަރުކާރުގެ މުއައްސަސާތަކަށް ކުރިމަތިވީ އިތުރު ފާޑުކިޔުންތަކާއި ނުރުހުމުގެ ބަސްތަކެވެ. ސިޔާސީ ގޮތުން ލިބުނީ ގެއްލުމެވެ.