28 ޖުލައި 2016 - 22:11

މިދިޔަ ކުޑަ އީދުގައި ހދ. ކުމުންދޫން ހޮވި މާވަހަރުގެ އަގު އަނެއްކާ ވެސް މައްޗަށް ޖެހިލައިފި އެވެ.
މާވަހަރު ވިއްކާ ބައެއް ފަރާތްތަކުން ބުނިގޮތުގައި މީގެ ކުރިން އޭގެ އަގުހުރީ ގްރާމަކަށް 24 ޑޮލަރު ނަމަވެސް މިހާރު އޭގެ އަގު ގްރާމަކަށް 26 ނުވަތަ 28 ޑޮލަރަށް މަތިވެފައިވާ ކަމަށެވެ. އެހެންވެ، ކުމުންދޫން ހޮވި މާވަހައަރުގެ އަގު މިހާރު 19 މިލިޔަން ރުފިޔާއަށް އަރާނެ އެވެ.
"ކުރިން އަޅުގަނޑުމެން އަގުކީ 17 މިލިޔަނަށް އޭތި ގަތުމަށް. އެކަމަކު އެހެން ފަރާތްތަކުން ބޮޑެތި އަގުތައް ހުށަހަޅައި، ޑިމާންޑު މަތިވުމުން ބޮޑު އަގެއް އަނެއްކާ ވެސް ހުށަހެޅީ،" ކުމުންދޫން ހޮވި މާވަހަރު ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ބަޔަކު ބުންޏެވެ.
އެކި ފަރާތްތަކުން ބޮޑެތި އަގުތައް ހުށަހެޅި ނަމަވެސް އެ މާވަހަރު އަދި ވިއްކައެއް ނުލަ އެވެ.
ކުމުންދޫ އަންހެނަކާ އިނދެގެން މާލޭގައި ދިރިއުޅޭ ޒުވާނަކަށް މާވަހަރު ފެނުނީ ކުޑަ އީދަށް އެރަށަށް ގޮސް އުޅެނިކޮށް އޭނާގެ ދަރިފުޅު ގޮވައިގެން އެ ރަށު ބޮޑު މަގުން އުތުރު ފަރާތު ގޮނޑުދޮށަށް ފޭބި ތަނުންނެވެ.
އެ ޒުވާނާ ބުނީ އޭނާ އެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ކުމުންދޫން ހޮވި މާވަހަރު ގަތުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ، މިދިޔަ އަހަރު ށ. ކޮމަންޑޫން ހޮވި 30 ކިލޯގެ މާވަހަރު ގަތް މީހުންނެވެ. އެކަމަކު ކޮމަންޑޫ މާވަހަރު އެ މީހުން ގަނެފައިވަނީ ގްރާމަކަށް 24 ޑޮލަރުގެ މަގުން 17 މިލިޔަން ރުފިޔާ އަށެވެ.
ބާޒާރުގައި މާވަހަރުގެ އަގުމަތިވެފައިވީ ނަމަވެސް، ކުމުންދޫން ހޮވި މާވަހަރު ދެބުރިވެފައި އޮތުމުން އޭގެ އަގު ދަށްވީ އެވެ. މާވަހަރު ވިއްކާ ބައެއް ފަރާތްތަކުން ބުނިގޮތުގައި އެ މާވަހަރު ބުރިނުވެ އޮތް ނަމަ އޭގެ އަގު 20 މިލިޔަނަށް ވުރެ މަތިވާނެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުން ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އެގޮތުން ތ. ދިޔަމިގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަކު އިއްޔެ ވަނީ މާވަހަރެއް ކަމަށް ބެލެވޭ 12 ކިލޯގެ އެއްޗެއް ހޮވާފަ އެވެ.