އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ

އެމްޑީޕީން ބުނީ، ވޯޓުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ

ކަނޑައަޅާފައިވާ ގަޑި ޖެހުމާ އެކު، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިންމައި ފޮށިތައް ބަންދުކޮށްފި. އެ ޕާޓީން ކަނޑައަޅާފައި އޮތީ މިއަދުގެ މެންދުރު 2:00 އިން ދަންވަރު 12:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް.

މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ފުލުހުން މިރޭ ގެންދާއިރަށް، އާ ފޮށިތައް ބަހައްޓައި ވޯޓުލުން ކުރިއަށް ގެންދާ ކަމަށް ވޭ.

ޕްރައިމަރީގައި ވޯޓުލުމަށް 200 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވޭ. މާލޭގައި ހަތް ވޯޓު ފޮށި، ސްރީ ލަންކާ، އިންޑިއާގެ ބައެއް ސިޓީތައް އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައި ވެސް ވޯޓު ފޮށި ބަހައްޓާފައިވޭ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން، ސިވިލް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަނެއްކާ ވެސް ފުލުހުން މިރޭ ހުއްޓުވަން ފަށައިފި. މާލޭގައި ޕްރައިމަރީގެ ވޯޓުލުން، ސިވިލް ކޯޓުގެ އަމުރުގެ ދަށުން ހުއްޓުވައި ވޯޓުފޮށިތައް މެންދުރެއްހާއިރު ގެންދިއުމާ ގުޅިގެން އެމްޑީޕީން އަލުން ވޯޓުލުން ކުރިއަށް ގެންދިޔަ. އެކަމަކު، ކޮންމެވެސް ވަރަކަށް ދޫ ދިނުމަށް ފަހު ފުލުހުން ވަނީ އަނެއްކާ ވެސް ވޯޓު ފޮށިތައް ގެންދަން ފަށާފައި. މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ވޯޓު ފޮށިތައް ފުލުހުން އަނެއްކާ ވެސް ވަނީ ގެންގޮސްފައި.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން، ސިވިލް ކޯޓުގެ އަމުރަކުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މާލެ އާއި ރަށްރަށުގައި އަދިވެސް ވޯޓުލުން ކުރިއަށް ގެންދާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރައްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 2:00 ގައި ފަށާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ސިވިލް ކޯޓުން ނެރުނު އަމުރަކުން ވަނީ ވޯޓުލުން ހުއްޓާލަން އެމްޑީޕީ އަށް އަމުރުކޮށްފަ އެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެ އަމުރާ އެއްގޮތަށް، ޕްރައިމަރީގެ ވޯޓުލުން ފުލުހުން ހުއްޓުވަން މަސައްކަތް ކޮށް، ބައެއް ޕޯލިން ސްޓޭޝަންތަކުގައި ހުރި ވޯޓު ފޮށިތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މާލޭގައި ހިންގާ އެމްޑީޕީގެ މައި ހަރުގެ އާއި ރަަށްރަށުގެ ބައެއް ޕޯލިން ސްޓޭޝަންތައް ހިމެނެ އެވެ.

އެކަމަކު، އޭގެ ފަހުން އެމްޑީޕީން ވަނީ މާލެ އާއި އެކި ރަށްރަށުގައި އަނެއްކާ ވެސް ވޯޓުލުން ފަށައިފަ އެވެ. އެގޮތުން ގޭގެ އަށް ވޯޓު ފޮށި ހިފައިގެން ގޮސް އެމްޑީޕީގެ މެމްބަރުން ލައްވައި އަންނަނީ ވޯޓުލައްވަމުންނެވެ. އަދި ވޯޓު ފޮށީގެ ބަދަލުގައި ބައެއް މީހުން އަންނަނީ ޕްލާސްޓިކް ކޮތަޅާއި ރުނބާ ފަދަ ތަކެތި ވެސް ބޭނުންކުރަމުންނެވެ.

އެމްޑީޕީން ބުނިގޮތުގައި މިރޭ ދަންވަރު 12 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.

ފުލުހުން ނުކުމެ ވޯޓު ފޮށިތައް ގެންދިޔަ ގަޑީގައި، ދެން ވޯޓުލާނީ އެސްއެމްއެސް ފޮނުވައިގެން ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް އެމްޑީޕީން ފަހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ ޕާޓީން ބުނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ކަރުދާހުގައި ފާހަގަ ޖަހައިގެން ކަމަށެވެ.

"އެ ނޫން އެއްވެސް ބާވަތެއްގެ ނިޒާމަކުން ލާ ވޯޓެއް ނުގުނޭނެ ވާހަކަ ދަންނަވަން،" އެމްޑީޕީން ކުރި ޓުވީޓެއްގައި ވެ އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ އެމަނިކުފާނު ބައިވެރިކޮށްގެން އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.