ގާނޫނާ ޚިލާފު ކޮންޓެންޓް ގެނެސްދޭ މީޑިއާތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން
ގާނޫނާ ޚިލާފު ކޮންޓެންޓް ގެނެސްދޭ މީޑިއާތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

އާންމު މަސްލަހަތު ގެއްލޭ ގޮތަށް ބައެއް މީޑިއާތަކުން ކޮންޓެންޓް ގެނެސްދެމުންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ކަންކަން ތަކުރާރު ކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ބައެއް މީޑިއާތަކުން މަސްލަހަތު ގެއްލޭ ގޮތަށް ކޮންޓެންޓް ގެނެސްދެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކަންކަން ނުކުރަން ބައެއް މީޑިއާތަކަށް މިހާރު ވެސް އަންގާފައިވާނެ ކަމަށާއި އެކަން އިސްލާހު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިފަދަ ކަންކަމަށް ހިތްވަރު ދީ، މިފަދަ ގާނޫނާ ޚިލާފް ކޮންޓެންޓް ވެސް ބްރޯޑްކާސްޓް ކުރުމަށް ހިތްވަރު ދީ މިފަދަ ކަންކަމަށް ވާހަކަ ދައްކާ ފަރާތްތަކާ ދޭތެރޭ ވެސް ފިޔަވަޅު އަޅާނެ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ކަމަކީ ސަބަބަކަށް ހަދައިގެން ގާނޫނާ ޚިލާފް ކަމެއް ކުރަން އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި ހަމަޖެހުން ގާއިމްކުރަން ކުރަންޖެހޭ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ. އަދި ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރަން ފުލުހުން ކުރަމުންދާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ގާނޫނާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓް ކުރާ ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނިއިރު ގައިދީން ޕްރޮމޯޓް ކުރާ ކޮންޓެންޓްތައް ނުގެނެސް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި ހޯމް މިނިސްޓްރީން އިއްޔެ ވަނީ މީޑިއާތަކަށް އަންގައިފަ އެވެ.