ފިރިހެން ޕްރެންޓަރަކު "ރީއްޗޭ" ބުނެގެން އަންހެން ހޯސްޓަކު ސަސްޕެންޑްކޮށްފި
ފިރިހެން ޕްރެންޓަރަކު "ރީއްޗޭ" ބުނެގެން އަންހެން ހޯސްޓަކު ސަސްޕެންޑްކޮށްފި

ކުވައިތުގެ އަންހެން ޓީވީ ހޯސްޓަކު، ލައިވް ޕްރޮގްރާމެއްގައި ފިރިހެން ޕްރެޒެންޓަރަކާ ދިމާއަށް "ރީއްޗޭ" ބުނެގެން އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހަފުތާގައި ބޭއްވި ކުވައިތުގެ މުނިސިޕަލް އިންތިހާބުގެ ލައިވް ކަވަރޭޖްގައި ސްޓޫޑިއޯގައި ހުރި އަލްޒިއާދީ، ކިއު8 ޗެނެލްގެ ހޯސްޓް ބަސީމާ އަލް ޝައްމާރް، ސްޓޫޑިއޯ އިން ބޭރުގެ ކަވަރޭޖެއްގައި ހުރި ފިރިހެން ޕްރެޒެންޓަރު ނަވާފަށް ދިމާއަށް ސަމާސާއަކަށް "ރީއްޗޭ" ބުނީ، ދެ މީހުންގެ ދޭތެރޭ ވާހަކަ ދެކެވުނު އިރު ނަވާފް މައިކް ރަނގަޅުކޮށް، ބޮލުގައި އޮތް ގުތުރާ ރީތި ކުރަން އުޅުނު ތަން ފެނިގެންނެވެ.

މި މައްސަލާގައި ކުވައިތުގެ އިންފޮމޭޝަން މިނިސްޓްރީން ބަސީމާ ސަސްޕެންޑްކޮށް، ތަހުގީގުކުރަން ނިންމީ ސިޔާސީ ބައެއް މީހުން މިކަން ބޮޑު މައްސަލައަކަށް ހެދުމުންނެވެ. އޭގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މުހައްމަދު އަލް ހަޔޭފް ހިމެނެ އެވެ. އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ވައިރަލްވި ވީޑިއޯގެ މައްސަލަ އިންފޮމޭޝަން މިނިސްޓްރީ އަށް ހުށަހަޅައި، ބަސީމާއާ ދޭތެރޭ ވަގުތުން ފިޔަވަޅު އަޅަން އެދިފަ އެވެ.

މިކަމާ ބެހޭ ގޮތުން ބަސީމާ އަލް އަރަބިއްޔާ އަށް ބުނީ ނަވާފަށް އިޝާރާތްކޮށް "ރީއްޗޭ" ބުނުމަކީ ބަޔަކު އެއްގޮތަކަށް ވެސް ގޯސްކޮށް މާނަ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިސާލަކަށް މީހަކު ހެދުން ރީތި ކުރަން އުޅެފިއްޔާ ގާތުގައި ހުންނަ މީހާ ވަރަށް ގިނަ ފަހަރަށް ބުނެލާނެ ކީއްހޭ ތި ކުރަނީ. ރީތިކޮށޭ ތި ހުރީ،" އޭނާ ބުންޏެވެ. "އަހަންނާއި ނަވާފާ ދޭތެރޭ ވެސް ދެކެވުނު ވާހަކަތަކުގައި ހަމަ ކަން ހިނގީ އެ އުސޫލުން. މިއަކު ނެތް ބަޔަކު ގޯސްކޮށް މާނަކޮށްގެން މައްސަލައަކަށް ހަދަން ޖެހޭ ވަރުގެ ކަމެއް."