އަލީ ހަމީދުގެ އަދަބުގެ ބާވަތް މުޖްތަމައަށް ޚިދުމަތް ކުރުމަށް ބަދަލު ކޮށްދިނުމަށް ދިފާއީ ވަކީލުން އެދިއްޖެ
އަލީ ހަމީދުގެ އަދަބުގެ ބާވަތް މުޖްތަމައަށް ޚިދުމަތް ކުރުމަށް ބަދަލު ކޮށްދިނުމަށް ދިފާއީ ވަކީލުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ހުކުމުގެ އަދަބުގެ ބާވަތް މުޖްތަމައަށް ޚިދުމަތް ކުރުން ފަަދަ އަދަބަކަށް ބަދަލު ކޮށްދިނުމަށް އޭނާގެ ވަކީލުން ހައި ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

ދަށު ކޯޓެއްގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވަައިފަ އެވެ. އެ ދެ ބޭފުޅުންގެ ފަރާތުން ވެސް އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްސަލާގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ، ގާނޫނުލް އުގޫބާތު އޮތްގޮތުން އަދަބުގެ ބާވަތް ގޭ ބަންދު ނުވަތަ މުޖުތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބުތަކަށް ބަދަލު ކުރެވޭ ކަމަށެވެ. އަލީ ހަމީދަކީ އިލްމީ ގޮތުން ގާބިލްކަން ހުރި ބޭފުޅެއް ކަން ފާހަގަ ކުރައްވައި، ސަފާ އެދިވަޑައިގަތީ ކުށް ސާބިތު ވިޔަސް، އަލީ ހަމީދުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަށެވެ. އެގޮތުން މުޖްތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބަށް ބަދަލުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

މީގެ އިތުރުން، ހުކުމް އައުމުގެ ކުރިން ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ހޭދަކުރި މުއްދަތު ވެސް އެ ހުކުމުން އުނިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް އިއްޔެ ނިންމާލާފައި އޮތަސް، މިއަދު އިތުރު އަޑުއެހުމެއް ބޭއްވީ ދަށު ކޯޓުން ކަނޑައެޅި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ނުފޫޒު ފޯރުވުމުގެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ކްރިމިނަލް ކޯޓުން ކަނޑައެޅީ އެ ކުށް ކުރި ގޮތަށް ބަލައި އަދަބުގެ ދަރަޖަ ހަތަރު ދަރަޖަ މަތި ކުރުމަށެވެ. އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އައިސްފައިވަނީ އެގޮތަށް އަދަބުގެ ދަރަޖަ މަތި ކުރުމުންނެވެ.

ދައުލަތުން ހައި ކޯޓުގައި މިއަދު ބުނީ އެ މައްސަލާގައި އަލީ ހަމީދަށް ކަނޑައަޅަން ޖެހޭނީ އަސާސީ މިންގަނޑަށް ވުރެ ތިން ދަރަޖަ މަތިކޮށް، އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހު ޖަލު ހުކުމެއް ކަމަށެވެ. އެއީ ކްރިމިނަލް ކޯޓުން މިހާރު ކަނޑައަޅާފައިވާ މިންވަރަށް ވުރެ ލުއި އަދަބެކެވެ. އުއްތަމަ ފަނޑިޔާރުގެ މައްސަލާގައި ވެސް ދައުލަތުން އިއްޔެ ވަނީ އެގޮތަށް ބުނެފަ އެވެ.

އަލީ ހަމީދުގެ ވަކީލް ސަފާ ވިދާޅުވީ އަސާސީ މިންގަނޑަށް ވުރެ ތިން ދަރަޖަ މަތިކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުނާ ސަބަބުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ގާނޫނުލް އުގޫބާތު އޮތް ގޮތުން އަދަބުގެ ދަރަޖަ މަތި ކުރެވޭނީ ދަރަޖަ މަތި ކުރަން ދައްކާ ސަބަބުތައް ސާބިތުވާ މިންވަރުގެ ހެކި ހުރެއްޖެ ނަމަ ކަމަށާއި އެފަދަ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ.

ސަފާ ވިދާޅުވި ގޮތުގައި އަދަބުގެ ދަރަޖަ މަތި ކުރެވޭނީ އެކަމަށް ދައްކާ ސަބަބުތައް އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށް ވުރެ ލުއި އަދި މަދަނީ މިންގަނޑަށް ވުރެ މަތީ މިންގަނޑަކުން ސާބިތު ކޮށްދީގެންނެވެ. އެކަމަކު އެކަންކަން ސާބިތުކޮށް ނުދެވޭ ކަމަށް ސަފާ ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަލީ ހަމީދު ވެސް މިއަދުގެ އަޑުއެހުމަށް ހާޒިރުކޮށްފައި އިނެވެ. އެކަމަކު އޭނާ އެއްވެސް ވާހަކައެއް މިއަދުގެ އަޑުއެހުމުގައި ވެސް ނުދައްކަވަ އެވެ. މިހާތަނަށް ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ވެސް އަލީ ހަމީދު ވާހަކައެއް ނުދައްކަވަ އެވެ.

އަދަބާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އަޑުއެހުންތައް ނިމުނީ ކަން އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

އެ މައްސަލަ 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭއިރު، އެ މައްސަލާގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ފަނޑިޔާރުކަމުގެ މަގާމުން އަލީ ހަމީދު އޮޓަމެޓިކުން ވަކިވާނެ އެވެ.

އަލީ ހަމީދުގެ މައްޗަށް ދައުވާކުރާ ޓެރަރިޒަމްގެ މައްސަލަ އަކާއި ރިޝްވަތުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.