30 މެއި 2018 - 15:57

ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެ ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް އުއްތަމަ ފަނޑިޔާރުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
މިއަދު މެންދުރު ބޭއްވި އެ މައްސަލާގެ ދެވަނަ އަޑުއެހުމުގައި ދެ ފަރާތަށް ވެސް މައްސަލައާ ގުޅިގެން ފަހު ބަސް ބުނުމުގެ ފުރުސަތު ދެއްވުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި ހުކުމް ކުރުމުގެ މަޖިލިސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖާއު އެވެ.
ޖެމްސް ހުއްޓުވަން އެންގި މައްސަލާގެ އިތުރުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. އެ މައްސަލަ އުއްތަމަ ފަނޑިޔާރުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ވެސް ހައި ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮތްގޮތުން އެ މައްސަލަތައް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.