ލިވަޕޫލުގެ އެލަން ސްޓޯކް ސިޓީ އަށް
ލިވަޕޫލުގެ އެލަން ސްޓޯކް ސިޓީ އަށް

ލަންޑަން (ޖުލައި 26) - ލިވަޕޫލުގެ ޖޯ އެލަން 13 މިލިއަން ޕައުންޑަށް ސްޓޯކް ސިޓީ އަށް ސޮއިކޮށްފި އެވެ.

މިދިޔަ ޔޫރޯގައި ވޭލްސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެލަން ޓީމު ބަދަލުކުރީ ލިވަޕޫލުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ އެވެ. އޭނާ މިދިޔަ ސީޒަނުގެ އިންގްލިޝް ޕްރިމިއާ ލީގުގެ ފުރަތަމަ އެގާރައިގައި ހިމެނުނީ 8 މެޗުގަ އެވެ.

އެލަން ގެންދަން އޭނާގެ ކުރީގެ ކްލަބް ސްވަންސީ ސިޓީން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ލިވަޕޫލުން ވަނީ ސްވަންސީން ހުށަހެޅި 8 މިލިއަން ޕައުންޑުގެ ހުށަހެޅުން އަނބުރާ ފޮނުވާލައިފަ އެވެ. އެލަން އަކީ ލިވަޕޫލްގެ ކޯޗުކަމާ 2012 ވަނަ އަހަރު ބްރެންޑަން ރޮޖާސް ހަވާލުވުމަށް ފަހު ގަތް ކުޅުންތެރިއެކެވެ. ލިވަޕޫލުން އެލަަން ގަތީ ސްވަންސީ ސިޓީ އަށް 15 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ.

ސްޓޯކުގެ ޗީފް އެގްޒެކެޓިވް ޓޯނީ ސްކޯލްސް ވިދާޅުވީ އެލަން އަކީ އެ ކްލަބުގެ ވޭލްސް ކޯޗު މާކް ހިއުސް އަބަދުވެސް ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށެވެ. އެލަން ވެސް ބުނީ ސްޓޯކުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށާއި އެ ކްލަބަށް ބަދަލުވުމަކީ ނިންމަން އެހާ އުނދަގުވި ނިންމުމެއް ނޫން ކަމަށެވެ.

ސްޓޯކުން ވަނީ މިސްރުގެ އަލް އަހްލީގެ ފޯވާޑް ރަމަދާން ސޯބީ ވެސް ގެނެސްފަ އެވެ.