30 މެއި 2018 - 15:14

އެމްޑީޕީން ބުނީ، ވޯޓުލުން ހުއްޓުވި ނަމަވެސް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށް ގެންދާ ކަމަށް. އެގޮތުން، އެސްއެމްއެސްގެ ޒަރީއާއިންނާއި ގޭގެ އަށް ވޯޓުފޮށި ހިފައިގެން ގޮސް ގެން ވެސް ވޯޓުލުން ކުރިއަށް ގެންދާ ކަމަށް އެ ޕާޓީން ބުނޭ. މީގެ އިތުރުން، މާލޭގައި ވެސް ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައި.

މާލޭގައި އެމްޑީޕީން ހިންގާ މައި ހަރުގޭގައި ކުރިއަށް ގެންދިޔަ ވޯޓުލުން ފުލުހުން ގޮސް ހުއްޓުވައި ވޯޓު ފޮށިތައް ގެންގޮސްފައިވާއިރު، ރަށްރުގައި ވެސް ވޯޓުލުން މިހާރު ވަނީ ހުއްޓުވަން ފަށާފައި. އަދި މާލޭގައި ޖަގަހައިގެ އިތުރުން ދެން ވޯޓު ފޮށިތައް ބަހައްޓާފައިވާ ތަންތަނަށް ވެސް ފުލުހުން ގޮސް ދަނީ ވޯޓުލުން ހުއްޓުވަމުން.

އެމްޑީޕީގެ އޮފީހަށް ވެސް ފުލުހުން ވަދެއްޖެ.

އެމްޑީޕީގެ ހަރުގެ ބޭރުގައި ތިބި މީހުން މިހާރު ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން. އަދި ހަރުގެ ތެރޭގަ އާއި ބޭރުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން. ހަރުގެ ތެރޭގައި ބަހައްޓާފައި ހުރި ވޯޓުފޮށިތައް ވެސް ފުލުހުން ގެންގޮސްފި.
ޕްރައިމަރީގެ ވޯޓުލުން ހުއްޓުވި ނަމަވެސް، އޮންލައިންކޮށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން އިއުލާން ކޮށްފި.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަން އެ ޕާޓީން މާލޭގައި ހިންގާ ހަރުގެ އަށް ފުލުހުން ވަދެއްޖެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންނާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް އެ ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީ އަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަޝީދު އެކަނި ކުރިމަތިލައްވާފައިވާ ޕްރައިމަރީ ހުއްޓާލުމުގެ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު، މިއަދު މެންދުރު 2:00 ގައި އެ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި ރަށްރަށުގައި ވަނީ ފަށައިފަ އެވެ.
ސިވިލް ކޯޓުން އަމުރު ނެރުމާ އެކު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
އިލެކްޝަންސުން ބުނެފައިވާ ގޮތުގައި ނަޝީދަަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ.